ނަގޫރޯޅީގައި ގެެއްލުން ލިބުނު ފޮނަދޫގެ ހަ ގެއެއްގެ ފުރާޅު ހަދައިދީފި

ލ. ފޮނަދުއަށް އެރި ނަގޫރޯޅީގައި ގެއެއްގެ ފުރާޅުން ބައެއް އެއްލާލާފައި --- ފޮޓޯ: އަފްރާހް

އިއްޔެ ރޭ ފަތިހު ލ. ފޮނަދުއަށް އެރި ނަގޫރޯޅީގައި އެކިވަރުގެ ގެއްލުންތައް ލިބުނު ހަ ގެއެއްގެ ފުރާޅު ހަދައިދީފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ޑިޒާސްޓާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އުމަރު މޫސާ އިކްރާމް ވިދާޅުވީ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ އެހީތެރިކަމާ އެކު އަދި ފޮނަދޫ ކައުންސިލްއާ ޕޮލިހުގެ އެހީތެރިކަމާ އެކު ނަގޫރޯޅީގައި ފޮނަދޫއަށް އެކިވަރުގެ ގެއްލުންތައް ލިބުނު 12 ގެއެއްގެ އެސެސްމަންޓް އެއްކޮށް ނިންމާލައިފައިވާ ކަމަށެވެ.

އެ 12 ގޭގެ ތެރެއިން ފުރާޅުން އެކިވަރުގެ ގެއްލުން ހަ ގެއަށް ލިބުނު ކަމަށާއި އެ ގޭގެ ފުރާޅު އެޅުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް ކޮމާންޑްގެ އެހީތެރިކަމާ އެކު ކައުންސިލަރުން ވިލަރެސްކޮށްދޭ ގޮތަށް ފުރާޅު އެޅުމުގެ މަސައްކަތް އެއްކޮށްކޮށް ނިންމާލައިފަިއވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިވަގުތު ގޭގެ ދިރިނޫޅެވިގެން އެހެން ތަނެއްގައި އުޅެން ޖެހޭ އެއްވެސް އާއިލާއެއް ނެތް އަޅުގަނޑުމެންނަށް އިއްޔެ ލިބުނު ގެއްލުން އަޅުގަނޑުމެން މިހާރު މިވަނީ ފޫބައްދައިދިނުމުގެ މަސައްކަތް ކުރެވިފައި." އުމަރު ވިދާޅުވި އެވެ.

އިއްޔެ ވަނީ ގއ. ވިލިނގިއްޔަށް ވެސް ކޮންމެވެސް ވަރަަކަށް އުދައަރައި ބަނދަރަށް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފަ އެވެ.

comment ކޮމެންޓް