އެމްޑީޕީ ޕޯޑިއަމްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާޙިމަށް "ހަވަރަށް" ދިނުމާއި ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްގައި ކުރީގެ ރައިސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ހަޅޭލެވުމަކީ އޭނާ ގަބޫލުކުރާ ގޮތެއް ނޫން ކަމަށް، ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕޯޑިއަމްތަކުގައި ގާސިމަށް ރައްދުދިނުމާއި ޖުމްހޫރީ ޕާޓިގެ ޕޯޑިއަމްގައި ނަޝިދަށް ރައްދު ދިނުމަކީ އާންމު ކަމަކެވެ.
މާމިގިލީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ދިހަ އަހަރުވަންދެން ދެބަސްވުންތަކާއި ވާދަވެރިކަމުގައި ދާން ނުޖެހޭ ހިސާބަށް ދެވިއްޖެ ކަމަށާއި ނަމަވެސް މިހާރު ޕޯޑިއަމްތަކުގައި ގާސިމަށް ހަޅޭލެވުމާއި ނަޝިދަށް ހަޅޭލެވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ދިހަ އަހަރު އަޅުގަނޑުމެން ދެބަސްވުންތަކާއި ހިލާފާއި ވާދަވެރިކަމުގައި އަޅުގަނޑުމެންނަށް ދާން ނުޖެހޭ ހިސާބަށް ދެވިއްޖެ. އަޅުގަނޑަށް ހަމަ ގައިމުވެސް ޒުވާނެއްގެ ހައިސިއްޔަތުން ގަބޫލެއް ނުކުރެވޭ، އެމްޑީޕީ ޕޯޑިއަމްގައި ރެއާ ދުވާލު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ހަވަރަށްދީގެން ހަޅޭލަވާލުން،"
"ހަމަ އެގޮތަށް ޖުމްހޫރީ ޕާޓީ ޕޯޑިއަމްއަކީ އެމްޑީޕީގެ ލީޑަރު ރައީސް ނަޝީދަށް ހަޅޭލަވާ ޕޯޑިއަމްއަކަށްވުން އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މާމިގިލީގައި ރޭ ބެއްވި ޖަލްސާގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ: އެމްޑީޕީ ޕޯޑިއަމްގައިގާސިމަށް ހަޅޭލެވުމާއި ޖުމްހޫރީ ޕާޓީގެ ޕޯޑިއަމްގައި ރައީސް ނަޝީދަށް ހަޅޭލެވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވި -- ޓްވިޓާ ފޮޓޯ/ އަލީ ވަހީދު
ކުރީގައި އެއީ ޕާޓީގެ ފޯރީގައި ކުރާކަމެއް ކަމެށް ގަބޫލު ކުރެވުނު ކަމަށާއި ނަމަވެސް އެ ސަގާފަތް ނިމުމަކަށް އަންނަ ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އާ ވަހަކައެއް ނެތް. އާ ކެސެޓް ރޯލެއް ނެތް. ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކޮންމެ މީހަކީ، ކާކުކަމާއި އެމީހެއްގެ ފަސްބަޔަކީ ކޮބާ ކަމާއި އެމީހެއްގެ ހަސީލަތާއި އެމީހެއްގެ ކެޕޭސިޓީއާއި ގާބިލިއްލުކަން ނޭނގޭ ރައްޔިތަކު މިއަދު ރާއްޖޭގައި މަދުވާނެ،" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ބައެއް ޕޯޑިއަމްތަކުގައި އެގޮތަށް ގާސިމަށް ހަޅޭލަވާ ހަދަނީ ކީއްވެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ގާސިމް އަށް "ބަސް އުކަނީ ސިޔާސީ ގޮތުން" ގާސިމް "ރީތި ވުމުން" ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރު އޮތް ކޯލީޝަނުން އެކުގައި ގުޅިގެން މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރީ ވަރަށް ބޮޑު ފިންތުންތަކަކާއެކު ކަމަށެވެ. އިންތިހާބު ކާމިޔާބުވުމަށް ފަހު، ކޯލިޝަން ސަރުކާރުގެ ވައުދުއަށް ފުއްދުމަށް ކޯލިޝަންގެ ބައިވެރިން ސާބިތުވެ ތިބުމަކީ ކޯލިޝަން ބައިވެރިންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އެއީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވިެއެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަލީ ވަހިދު ވިދާޅުވީ، ކައިރި މާޒީގައި ކުރި ރައްޔިތުން ކުރި ތަޖުރިބާއިން ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގައި ސުޕާ މެޖޯރިޓީއާއި މަނޯރިޓީ ލިބުމުން ވީގޮތް އެނގިއްޖެ ކަމަށެވެ. އެެހެން ކަމުން، ރައްޔިތުންގެ ސިކުޑިއާއި ހިތައް އިތުރަށް "ވައުޟު" ވިދާޅުވާކަށް ނުޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"ސަރުކާރަކަށް ސިމްޕަލް މެޖޯރިޓީ އެއްވެސް ނެތީމަ ވީ ގޮތް އެނގިއްޖެ. ސަރުކާރަށް ސުޕާ މެޖޯރިޓީއެއް ދިނީމަ ވެސް ވީ ގޮތް އެނގިއްޖެ. އެހެން ވީމާ އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތަކަށް، ސިކުޑިއަކަށް އިތުރަށް ވައުޟު ވިދާޅުވާކަށް ނުޖެހޭ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަތަށް ލައިގެން ދުނބުރިއެއް އަނބަކަށް ވާނެ ކަމަށް ބެލިޔަސް ދުނބުރިއެއް ވާނީ ދުނބުރިއަކަށް،" އަލީ ވަހީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެންމެ ފަހު ބަހަކަށް ދަންނަވާލަން ބޭނުން ވަނީ، ކިތަންމެ ވަރަކަށް ލޯބިވިޔަސް، އެއީ އަނބިމީހާ ކަމުގައި ވިޔަސް، ކަން އޮތް ގޮތަށް ވިދާޅު ނުވެވޭ ވަރަށް ލޯބިވާކަށް ނުވާނެ. އަދި ލޯބިވުމަކީ، ކަން އޮތް ގޮތަށް ތެދަށް ވިދާޅުވުން،" އަލީ ވަހީދުގެ ވާހަކަފުޅު ނިންމަވާލަމުން ވިދާޅުވިއެވެ.