ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށްފަހު ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާ 67 ފަރާތެއްގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމުގެ މަރުހަލާގައި ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމާއި އަދި ބިދޭސީން ގެނައުމަށްފަހު ޒިންމާތައް އަދާކުރުމުގައި އިހުމާލުވެފައިވާކަމަށް ފާހަގަކުރެއްވުމާއި ގުޅިގެން މިއަހަރުގެ މިހާތަނަށް 67 ފަރާތެއްގެ މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 27 ކުންފުންޏަކަށް އިދާރީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތުން ތަހުގީގު މަރުހަލާގައި ފާހަގަކުރެވިފައިވާ ގޮތުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށްޓަކައި ކޯޓާ ހޯދުމަށް އޮޅުވާލުމުގެ ނިޔަތުގައި އަމަލުތައް ހިންގުމާއި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވުމާއި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށްވުރެން އިތުރަށް ބިދޭސީން ގެނައުމުގެ ހުއްދަ ދޫކޮށްފައިކަން އިމިގްރޭޝަނުން ފާހަގަކުރި އެވެ.
އެ މައްސަލަތައް އިތުރަށް ދިރާސާކޮށް ތަހުގީގު މަރުހަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުންހުރި އެހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ކަމާއި ގުޅުންހުރި ކިތާބީ ހެކި ހޯދައި ފުލުހުންނާއި ގުޅިގެން އެ މައްސަލަތަކަށް ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަން އިމިގްރޭޝަނުން ބުންޏެވެ.