މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއަސް ފެއިލް ކޮށްލާނަން: ރިޔާޒު

އަބްދުﷲ ރިޔާޒު އަދި ފާރިސް: ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި -- ސަން ފައިލް ފޮޓޯ، ފަޔާޒު މޫސާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ނަމަވެސް ފެއިލް ކޮށްލާނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު "ޕޮރޮގްރެސިވް ކޮންގޮރެސް" ކޯލިޝަން ގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިތުބާރު ގެއްލޭ ފަދަ ކަމެއް މާރިޔާ ކުރައްވާފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެފަދަ މަައްސަލައެއް ހުށަހެޅި ނަމަވެސް ފެއިލް ކޮށްލާނެ ކަމަށެވެ.

މާރިޔާގެ އިތުބާރު އޮތްކަން ފާހަގަކުރައްވައި ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ފާރިސް ވިދާޅުވީ މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމާ ދެކޮޅަށް އޭނާ ވޯޓު ދެއްވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މުޅި ކެބިނެޓަށް އެބައޮތް ފުރިހަމަ ޔަގީންކަމާއި ތާއީދު އެބައޮތް،" ފާރިސް ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިއްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕިޕީއެމް އާއި ކޮންގްރެސް ޕާޓީގެ ފަރާތުން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ބޭރުބަޔަކަށް ދޫކޮށްލުމަށް ވިދާޅުވެފައި މިނިސްޓަރު މާރިޔާއަށް މަގާމުގައި ނުހުންނެވޭނެ ކަމަށާއި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަނީ ކީއްތޯވެސް ވަރަށް ގާތުން ބަލާނެ ކަމަށާއި ބެލުމަށްފަހު ފަހަރަކު މީހެއްގެ ފަހަތުން ދުވެ، އެ މިނިސްޓަރުން ހަމަ މަގަށް އަޅުވާނެ ކަމަށެވެ.

comment ކޮމެންޓް