މުވައްޒަފުން ތަމްރީނުކުރުމުގެ ދާއިރާއިން ބީއެމްއެލްއަށް ޝަރަފުވެރި އެވޯޑެއް

ބޭންކް އޮފް މޯލްޑިވްސްއަށް ވޯލްޑް އެޗްއާރުޑީ ކޮންފަރަންސް 2019 ގެ ޝަރަފުވެރި އެވޯޑެއް ވަނީ ލިބިފައި -- ފޮޓޯ/ ބީއެމްއެލް

މުވައްޒަފުން ތަމްރީނުކުރުމުގެ ދާއިރާއިން ދޭ ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބިއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް މި ޝަރަފު ލިބުނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއިން ރޭ އިންޑިއާގެ މުމްބާއީގައި ބޭއްވި ހަވަނަ ގްލޯބަލް ޓްރެއިނިންގް އެންޑް ދިވެލޮޕްމަންޓް ލީޑަޝިޕް އެވޯޑްސް ހަފްލާގައެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކުގައި ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތްކުރާ 500 އަށް ވުރެ ގިނަ މަންދޫބުންނާއެކު ރޭ ބޭއްވި ހަފްލާގައި ބޭންކް އޮފް މޯލްޑިވްސްއަށް ލިބިގެން ދިޔައީ "އެކްސެލެންސް އިން ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓް: އޯވަރއޯލް އެވޯޑް ފޯރ ބެސްޓް ރިޒަލްޓްސް ބޭސްޑް ޓްރއިނިންގް" އެވޯޑެވެ.

މި އެވޯޑު ބީއެމްއެލްއަށް ލިބުނު ސަބަބުތަކުގެ ތެރޭގައި ބޭންކުން މުވައްޒަފުން ތަމްރީނުކުރުމަށާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދމެހެއްޓުމަށް ގެންގުޅޭ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތައް ހިމެނެއެވެ. އޭގެ ތެރޭގައި ކޮންމެ މަހަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ މުވައްޒަފުންނަށް ދޭ ތަމްރީނުތަކާއި، މަސައްކަތްކުރާ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހިންގާ "ކިޔަވަމާ" ޕްރޮގްރާމާއި، ދާދި ފަހުން ބޭންކުން ތައާރަފުކުރި "ބީއެމްއެލް ރިވެލި" ޕްރޮގްރާމު ފާހަގަކުރިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާރު ވަހީދު ވިދާޅުވީ މި އެވޯޑު ލިބުމަކީ އުފަލެއް ކަމަށާއި މި އެވޯޑުން ދައްކައިދެނީ މުވައްޒަފުން ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ދިނުމާއި މުވައްޒަފުން ބިނާކުރުމުގައި ބޭންކުން ގެންގުޅޭ ސިޔާސަތުތައް ކަމަށެވެ.

"ވަޒީފާއަށް އެންމެ އެކަށޭނެ، ހީވާގި އަދި އުފަލާއެކު ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށްޓަކައި މި ފުރުސަތުގައި ހިއުމަން ރިސޯސަސް ޓީމަށާއި ބޭންކުގެ ހުރިހާ މެނޭޖަރުންނަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް މީގެ ކުރިންވެސް ވަނީ މިފަދަ ބައިނަލްއަގުވާމީ އެވޯޑުތައް ލިބިފައެވެ. އޭގެ ތެރޭގައި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އަދި އެމްޕްލޯޔާ ބްރޭންޑިންގް އިންސްޓިޓިއުޓުން ދޭ "އޭޝިއަން ބެސްޓް އެމްޕްލޯޔާ އެވޯޑު" ބީއެމްއެލްއަށް ޖެހި ޖެހިގެން ދެ އަހަރު ވަނީ ލިބިފައެވެ.

comment ކޮމެންޓް