ޖިނާއީ ކުށް ހުއްޓުވުމާއި ތަހުގީގާ ގުޅޭ މުއާހަދާގައި ރާއްޖެއާ އިންޑިއާއިން ސޮއިކުރަނީ

ރައީސް ސޯލިހު މޯދީ އާ ބައްދަލުކުރެއްވުން -- ފޮޓޯ: އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިންޑިއާ

ރާއްޖެއާ އިންޑިއާއިން ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމާ ބެހޭ މުއާހަދާއެއްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް"ގެ ނަމުގައި އެކުލަވަލާ މި މުއާހަދާގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވީ ކެބިނެޓުގެ މަޝްވަރާގެ މަތިންނެވެ.

މި މުއާހަދާގެ ދަށުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމާއެކު ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާ އެއްބާރުލުން، އެއްގައުމުން އަނެއް ގައުމަށް ދެވޭނެއެވެ.

އެގޮތުން ކޯޓަށް ހާޒިރުކުރުމާއި ކޯޓު އަމުރު ތަންފީޒުކުރުމާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިފަދަ މުއާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި، މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދީ، ބާރުއެޅޭނެއެވެ. އަދި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީޓެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިއަދު ކުރިއަށް ދިޔަ ކެބިނެޓު ބައްދަލުވުން: ކުށް މަދުކުރުމާއި ތަހުގީގުކުރުމުގައި އެއްބާރުލުން ދިނުމަށް އިންޑިއާއާ ރާއްޖެއިން މުއާހަދާއެއްގައި ސޮއިކުރުމަށް ކެބިނެޓުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ޓްރީޓީގެ ދަށުން އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަވާ ގޮތުގެ މަތިން، އަދި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށެވެ.

"މީގެ ތެރޭގައި މައްސަލަ ތަހުގީގުކުރުމާއި ޝަރީއަތް ހިންގުމާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންކަމުގައި އެހީތެރިކަން ދިނުން ހިމެނެއެވެ،" ރައީސ ްއޮފީހުން ބުންޏެވެ.

މި މުއާހަދާގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެ ގައުމެއްގައި ގާއިމުކޮށްފައިވާ ސެންޓްރަލް އޮތޯރިޓީންނެވެ. ރާއްޖޭގައި އެއީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ.

އަދި މި މުއާހަދާގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ހަރަދުތައް ފިޔަވާ، އެއްބަސްވުމުގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެ މައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ހަރަދެއް ދޭންވާނީ ހުށަހެޅުން ހުށަހަޅާ ގައުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި މުއާހަދާގެ ސަބަބުން މިހާރު އަންމުވެފައިވާ ކުށްކުރުމާއި އަދި ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލުކުރުމުގެ މަގު ތަނަވަސްވާނެ ކަމަށެވެ.

އަދި މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް އަދި މައްސަލައާ ގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައިއާއި ތަހުގީގުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތުވެސް މި މުއާހަދާގެ ދަށުން ފުޅާވާނެއެވެ.

މީގެ އިތުރުން ތަހުގީގުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުސޫލުތައް ތަރައްގީކޮށް މިކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ފުރުސަތު ލިބޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި މުއާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސް އޮފީހުން ކުރިއަށް ގެންދާ ކަމަށެވެ.

އަދި އިންޑިއާގެ އިތުރުން ސްރީލަންކާ، އެމިރޭޓްސް އަދި ރަޝިއާއާއެކު ވެސް މިފަދަ މުއާހަދާތަކުގައި ސޮއިކުރުމާބެހޭ މަޝްވަރާތައް ސަރުކާރުން ކުރަމުންދާކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް