މާފުށީ ރައްޔިތުންނަށް މިއަދު އިރު އެރުމާއެކު ލިބިގެންދިޔަ ހިތްދަތި ހަބަރަކީ އެ ރަށުގައި ދިރިއުޅެމުން އަންނަ ރަޝްފާ އަހުމަދު،20، ކުއްލި ގޮތަކަށް މަރުވި ހަބަރެވެ. ރަޝްފާ މަރުވި އިރު އޭނާ އިނީ އެއް މާބަނޑު ދެކުދިންނަށް ބަލިވެ އެވެ. ފިރިހެން ކުއްޖަކާ އަންހެން ކުއްޖެކެވެ. ބަނޑަށް އަށް މަސް ފުރިގެން ނުވަ މަހަށް އަޅައިފަ އެވެ.
މާފުއްޓަށް ސިހުން ގެނައި އެމަރާއެކީ ރަޝްފާގެ ގިނަ ރަހުމަތްތެރިންނަށް ތިބީ އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ދަތިވެފަ އެވެ. ރަޝްފާ ނިޔާވެއްޖޭ ބުނުމުން ރަށުގެ ގިނަ މީހުން ތިބީ "ޝޮކެއް" ގަ އެވެ.
ރަޝްފާ އަކީ ފުވައްމުލަކަށް އުފަން މީހެއް ނަމަވެސް ކައިވެނިކޮށް މާފުއްޓަށް ދިރިއުޅުން ބަދަލު ކޮށްގެން އުޅެމުން އައީ ފިރިމީހާ އާއި ފިރިމީހާގެ އާއިލާ އާއެކު އެވެ.
ރަޝްފާގެ މަރާ ބެހޭ ގޮތުން އެ ރަށު ހެލްތު ސެންޓަރުން ބަހެއް ލިބިފައި ނުވާ އިރު، ހެލްތު މިނިސްޓްރީ އިން ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
"ސަން" އާ ވާހަކަ ދައްކަމުން ރަޝްފާގެ ފިރިމީހާ ބުނީ، ރަޝްފާ މަރުވެފައި އޮތީ ރޭ ފަތިހު ގާތްގަނޑަކަށް ފަސް ޖަހާކަށްހާ އިރު ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މާފުށީ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް ރަޝްފާގެ ފުރާނަ ނެތް ކަމަށް ވެސް ފިރިމީހާ ބުންޏެވެ.
މާފުށިން ވާހަކަ ދެއްކި މީހަކު ނަން ޖުހެމަށް އެދި ބުނީ، ކުޑަކޮށް ހުން ހުރުމުން ރޭ އެ ރަށު ހެލްތު ސެންޓަރަށް ރަޝްފާ ޑޮކްޓަރަށް ދެއްކި ކަމަށާއި އޭގެ ފަހުން ވެސް އޭނާ ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށް ހެދި ކަމަށެވެ.
"ހެލްތު ސެންޓަރުގައި ނުހުރޭ ކުއްލި ފަރުވާ ދޭނެ ނިޒާމްތަކެއް ގާއިމުވެފައި. މާބަނޑު މީހާ މަރުވިއްޔާ ކުއްޖާ ސަލާމަތް ކުރުމަށް ފުރަތަމަ ވެސް ވެންޓިލޭޓާ އަށް ލާން ޖެހޭނެ، އެކަމަކު މިކޮޅު ސެންޓަރު ގައެއް ނެތް އެ ފަރުވާ ދެވޭކަށް އަދިއެެއް،" އެމީހާ ކިޔައިދިނެވެ.
އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ ރަޝްފާގެ މަރާ އެކު މުޅި މާފުށި މިއަދު އޮތީ ހަމަހިމޭން ކަމެއްގެ ތެރޭގައި ކަމަށެވެ. އޭނާ ބުނީ، ރަޝްފާގެ ހަށިގަނޑު އޭނާގެ އާއިލާގެ މީހުން އަންނަންދެން ވަޅު ނުލައި ބާއްވާފައިވާ ކަމަށެވެ.
މަރުވެ ދިޔައީ ހިތް ހެޔޮ ޒުވާނެކެވެ. ވަކިވެގެންދިޔައީ ތިން ފުރާނަ އެވެ. ރަޝްފާގެ އާއިލާ އަށް ކެތްތެރިކަން ދެއްވާށި އެވެ.