އެސްޓީއޯއަށް އަމްރު، ފެން ކުންފުންޏަށް އާޒިމް، އައިލެންޑް އޭވިއޭޝަނަށް ރިޒްވީ

(ކ-ވ) ހުސައިން އަމްރު، މުހައްމަދު ރިޒްވީ، އާދަމް އާޒިމް --

ސަރުކާރުގެ ތިން ކުންފުންޏެއްގެ ވެރިންގެ ގޮތުގައި ތިން ބޭފުޅަކު އިއްޔެ ހަމަޖައްސައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ކުންފުނި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރެއްގެ ގޮތުގައި ހުސައިން އަމްރު މުހައްމަދު މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

އަމްރު މީގެ ކުރިން ވަނީ އެމްޓީސީސީގެ ސީއީއޯކަންވެސް ކުރައްވާފައެވެ. އަދި އޭނާއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ.

މާލެ ވޯޓާ އެންޑް ސުވޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކޮށްފައިވަނީ މީގެ ކުރިން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ މަގާމު އަދާކުރައްވާފައިވާ އާދަމް އާޒިމެވެ. އާޒިމް މީގެ ކުރިން އެމްޑަބްލިއުއެސްސީގައިވެސް މަސައްކަތްކުރައްވާފައި ވެއެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

މީގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)ގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކުރައްވާފައިވަނީ މުހައްމަދު ރިޒްވީއެވެ. މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރުމާ ހަމައަށް ރިޒްވީ ހުންނެވީ އައިއޭއެސްއިން ހިންގާ ޓްރެވަލް ބިއުރޯ "މޯލްޑިވިއަން ހޮލިޑޭސް"ގެ ހެޑްގެ ގޮތުގައެވެ.

ސަރުކާރުގެ ބޮޑު ތިން ކުންފުންޏެއްގެ އިސްވެރިންގެ ގޮތުގައި މި ބޭފުޅުން އައްޔަނުކޮށްފައި މި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ތިއްބެވި ވެރިން މަގާމުތަކުން ވަކިވެ، އާ ސަރުކާރުން ކުންފުނިތަކަށް ވެރިން އައްޔަނުނުކޮށް އޮތުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މަޑުޖެހޭކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ އަހްމަދު ޝަހީރެވެ. ޝަހީރު ވަނީ ނޮވެމްބަރު 15 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ނޮވެމްބަރު 16 ވަނަ ދުވަހު އިސްތިއުފާ ދެއްވިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވި އަބްދުލްހާރިސް، އެ މަގާމުން ވަކިކުރީ އާ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، 22 ނޮވެމްބަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް