މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އިލްހާމް އަހްމަދު

އެޑްރެސް: އޯކިޑްމާގެ، ގއ. ގެމަނަފުށި

ކުރިމަތިލާ ދާއިރާ: އުނގޫފާރު ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 2

ޤާބިލިއްޔަތު

އިލްހާމްއަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ސިޔާސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގެމަނަފުށި ދާއިރާއަށް ވާދަކުރައްވައި، ގޮނޑި ކާމިޔާބުކުރެެއްވިއެވެ. އެ ގޮނޑީގައި އިންނަވައި، ރަސްމީ ސިޔާސީ މަސައްކަތް ފެއްޓެވި އިލްހާމް ވަނީ އޭރު ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ދަނގެތި ދާއިރާއަށް ކުރިމަތިލައްވައި، އެ ގޮނޑިވެސް އޭނާ ކާމިޔާބުކުރެއްވިއެވެ. އިލްހާމް ވަނީ ޑީއާރުޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަންވެސް ކުރެއްވިއެވެ.

ކުރިމަތިލަނީ ކީއްވެ؟

އިލްހާމް ގަބޫލުކުރައްވާ ގޮތުގައި ޖުމްހޫރީ ވެރިކަމެއްގެ ބާބުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ. އަދި ގައުމަށް ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ރައްޔިތުންގެ އެ ހައްގުތައް ހަނިވެގެން ގޮސްފާނެކަމަށް ގަބޫލުކުރައްވައެވެ. އިލްހާމް ހުންނެވީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށާއި، ރައްޔިތުންގެ ލާބައަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ސަޕޯޓުކުރައްވަން ތައްޔާރަށެވެ. ނަމަވެސް ރައްޔިތުންގެ އެއްވެސް ހައްގެއް ހަނިވާނެ ކަމަކަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑިއަށް އޭނާ ކުރިމަތިލެއްވީ އެ އަޒުމުގައެވެ—ރައްޔިތުން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ. އަދި މަޖިލީހުގެ ތެރެއިން އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހޯއްދަވައިދެއްވުމަށެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ރައީސް މައުމޫނުގެ ފަހަތްޕުޅުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އިލްހާމް މަސައްކަތްކުރެއްވިއެވެ. އަދި 2009 ވަނަ އަހަރު ގެމަނަފުށި ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެ، އޭނާ ވަނީ އޭރުގެ ސަރުކާރުން ގެންގުޅުނު ބައެއް ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރައްވާފައއެވެ. ނަތީޖާއެއްގެ ގޮތުން އިލްހާމް އެތައް ފަހަރަކު ފުލުހުންގެ ހައްޔަރަށް ގެންދިޔައެވެ. 2014 ވަނަ އަހަރުގެ އިންތިހާބުގައި ދަނގެތި ދާއިރާއަށް އިންތިހާބުވެ، އޭނާ މަސައްކަތްކުރެއްވީ އޭރު އޮތް ސަރުކާރާ އެކުގައެވެ. ނަމަވެސް އެ ސަރުކާރުގެ ވެސް ބައެއް ކަންކަން ގަބޫލުނުކުރެވި، އެ ސަރުކާރަށް ތާއީދުކުރުން އިލްހާމް ހުއްޓާލެއްވިއެވެ. ގާނޫނުތަކާއި ގަވައިދުތައް އަދި ގައުމުގެ ހިންގުމުގެ ދާއިރާގެ ކަންކަން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އިލްހާމް ފެއްޓެވި ނަތީޖާއެއްގެ ގޮތުން އޭނާ އަނެއްކާވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އިލްހާމް ތާއީދުކުރެއްވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދެވޭތޯއެވެ. ނަމަވެސް އިލްހާމް ގަބޫލުކުރައްވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ރާއްޖޭގެ ހާލަތު ގޯސްވެދާނެއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

އިލްހާމް ހުންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމަށެވެ. ޖަލަށް ވަޑައިގަންނަވަން ޖެހުނު ކަމުގައި ވި ނަމަވެސް ފަހަތަށް ނުޖެހޭނެކަމަށް އިލްހާމް ވިދާޅުވެއެވެ. ރައްޔިތުންގެ ހައްގެއް ގެއްލޭނެ ފަދަ އެއްވެސް ގާނޫނެއް ފާސްކުރުމަށް އިލްހާމްގެ އެއްބާރުލުންް ނުލިބޭނެ ކަމަށާއި ރާއްޖޭގައި އިސްލާމީ ވަހުދަތު ދެމެއްޓުމަށްތަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް އިލްހާމް ވިދާޅުވިއެވެ. ކޮރަޕްޝަނާއި ފަސާދައަށް ޖާގަަ ނުދެއްވާނެ ކަމަށާއި ދާއިރާގެ ހައްޤުގައި ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި ބޭރުންވެސް ގިނަގުނަ މަސައްކަތް ކުރައްވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.