މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަލީ މައުރޫފް

އެޑްރެސް: ދަފްތަރު 4892، މާލެ

ކުރިމަތިލާ ދާއިރާ: ކެނދިކުޅުދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 2

ޤާބިލިއްޔަތު

ނ. ކުޑަފަރިއަށް ނިސްބަތްވާ އަލީ މައުރޫފުގެ ތައުލީމީ ބިންގާ އެޅިގެން ދިޔައީ އުފަން ރަށް ކުޑަފަރި މަދަރުސާއިންނެވެ. އެއަށްފަހު ނ. ހޮޅުދޫ މޭނާ ސްކޫލާއި މާލޭ އިޕީއެސް އިންނެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަން ޓްރެވަލްސް އާދައިގެ ވަޒީފާއަކުން މަސައްކަތް ފަށައި، މިހާރު އޭނާއަކީ ސަން ސިޔާމް ގްރޫޕުގެ ޕާޗެސިންގް ޑިރެކްޓަރެވެ. ކުންފުނީގެ ޓްރާންސްޕޯޓްގެ އިތުރުން ލޮޖިސްޓިކްސް އަދި ކަސްޓަމްސްގެ ކަންކަންވެސް ބަލަހައްޓަވަނީ މައުރޫފެވެ. 2014 ވަނަ އަހަރު ނ. ކެނދިކުޅުދޫ ދާއިރާއަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓުގައި ހޮވިވަޑައިގެން ދާއިރާއަށާއި ގައުމަށް ހިދުމަތްކުރެއްވި އިރު، މުހިންމު ބައެއް ކޮމިޓީތަކުގެ މުގައްރިރުކަމާއި ނައިބުކަންވެސް އޭނާ ކުރެއްވިއެވެ.

ކުރިމަތިލަނީ ކީއްވެ؟

މައުރޫފް ވިދާޅުވާ ގޮތުގައި 2014 ވަނަ އަހަރުގެ އިންތިހާބަށް އޭނާ ވެވަޑައިގެންނެވި ވައުދުތަކުގެ 99 ޕަސަންޓު އޭނާ ވަނީ ފުއްދަވާފައެވެ. ދެވަނަ ދައުރަކަށް އޭނާ ކުރިމަތިލައްވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަށް އެދެމުން ދާތީއެވެ. ދެވަނަ ދައުރަކަށް އޭނާ ކުރިމަތިލައްވަނީ ނުހަނު ބޮޑު ތަރައްވުރަކާއެކުއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ނ. ކެނދިކުޅުދޫ ދާއިރާގެ މިހާރުގެވެސް މެމްބަރު އަލީ މައުރޫފްއަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރެވެ. ސަން ސިޔާމް ގްރޫޕުގެ މުހިންމު ވަޒީފާއެއް އަދާކުރައްވާ މައުރޫފް ވިދާޅުވާ ގޮތުގައި އޭނާއަކީ އެންމެ ގިނަ ވަޒީފާ އެއްފަހަރާ އަދާކުރަމުން އަންނަ އެކަކެވެ. ސަން ކޮންސްޓްރަކްޝަނުގެ ޑިރެކްޓަރުކަންވެސް ކުރައްވާ އިރު އޭނާއަކީ ސަން ސިޔާމް ކެއާ (ކުރީގެ ސަން ފައުންޑޭޝަން)ގެ ޚަޒާންދާރެވެ. މައުރޫފް ދެކެވަޑައިގަންނަވާ ގޮތުގައި ކެނދިކުޅުދޫ ދާއިރާއަށް އޭނާ ފަދަ އެހެން މެމްބަރަކު ނުލިބޭނެއެވެ. 2014 އިން ފެށިގެން މަޖިލީހުގެ މެމްބަރުކަން ކުރައްވާއިރު، އޭނާއަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރެވެ. އަދި ބަޖެޓު ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރެއްވިއެވެ. މީގެ އިތުރުން ކުރީގެ ޕީޕީއެމް-އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން އޭނާ ކުރެއްވިއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މައުރޫފް ކުރިމަތިލައްވަނީ "އެންމެ ރަނގަޅީ މައުރޫފް" މި ޝިއާރާއެކުއެވެ. މައުރޫފް ހުންނެވީ ސަރުކާރާ ގުޅިގެން، ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުން ވެފައިދާ ވައުދުތައްވެސް ފުއްދުމަށް އެހީތެރިވެދޭން ތައްޔާރަށެވެ. ދާއިރާގެ ތަރައްގީއަށް މަސައްކަތްކުރެވޭނީ ސަރުކާރާ ގުޅިގެންކަމަށް އޭނާ ގަބޫލުކުރައްވައެވެ. ސަރުކާރުން ކެނދިކުޅުދޫ، މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫއަށް ވެފައިވާ ވައުދުތައް ފުއްދުމަށް މައުރޫފް އެއްބާރުލުން ދެއްވާނެކަމަށް މައުރޫފް ވައުދުވެއެވެ. އެގޮތުން ކެނދިކުޅުދޫ ނަރުދަމާ އަދި ލާނިންގް ސެންޓަރު އެޅުން، މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާ، އަދި ހެނބަދޫގެ ބަނދަރު އެޅުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މައުރޫފް ހުންނެވީ އަތުކުރި އޮޅާލައިގެންނެވެ. މައުރޫފް އަކީ އެ ދާއިރާގެ އިޖްތިމާއީ ކަންތައްތަކަށް ބޮޑެތި ހޭދަތަކެއް ކުރެއްވި މެމްބަރެއް ކަން ދާއިރާގެ ރައްޔިތުން ހެކި ވާނެ އެވެ. ކުރިއަށް އޮތްތާގައި ވެސް އޭނާ ހުންނެވީ އެ ހޭދަތައް ކުރެއްވުމަށް ތައްޔާރަށެވެ.