މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަހްމަދު ރަޝީދުު

އެޑްރެސް: ދަފްތަރު 1458، މާލެ

ކުރިމަތިލާ ދާއިރާ: ގައްދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 3

ޤާބިލިއްޔަތު

އަހްމަދު ރަޝީދު ނުވަތަ "ގައްދޫ ރަޝީދު"އަކީ އެ މީހަކަށް އިތުރު ތައާރަފަކަށް ބޭނުން ނުވާ ގާބިލު ލީޑަރެކެވެ. އޭނާ މިހާތަނަށް އަދާކުރެއްވި ވަޒީފާތަކާއި ސިޔާސީ ދާއިރާގައި ކުރެއްވި މަސައްކަތްތަކަށް ބަލާއިރު އޭނާގެ ގާބިލިއްޔަތުކަމާއި ތަޖުރިބާ ފެނި ހާމަވާނެއެވެ. ރަޝީދަކީ ދާއިރާއަށް ހިދުމަތް ކުރުމުގައި ގާބިލުކަން ސާބިތުކޮށްދީފައިވާ ފަރާތެކެވެ. އޭނާ ވަނީ ދާއިރާގެ ތަރައްގީއަށްޓަކައި، ސަރުކާރާ ގުޅިގެން މިދިޔަ ފަސް އަހަރު ދުވަހު ގދ. ގައްދޫ އަދި ވާދޫއަށް ގިނަ މަޝްރޫއުތަކެއް ފަހިކޮށްދީފައެވެ. މަޖިލީހުގެ މުހިންމު ގިނަ ކޮމިޓީތަކުގައި އިހްލާސްތެރިކަމާ އެކު އޭނާ ހިދުމަތްކުރައްވާފައިވާ އިރު، އޭނާގެ ގާބިލުކަމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ.

ކުރިމަތިލަނީ ކީއްވެ؟

ގައްދޫ ދާއިރާގެ ގޮނޑިއަށް ދެވަނަ ދައުރަކަށް ރަޝީދު ކުރިމަތިލެއްވީ އޭނާ ނިސްބަތްވާ ޕާޓީއާއި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ރަޝީދު ދާއިރާއަށް އެންމެ ފުރަތަމަ، 2014 ވަނަ އަހަރުވެސް ކުރިަމތިލެއްވީ ރަށާއި ދާއިރާއަށް ހިދުމަތްކުރެއްވުމަށެވެ. އެއީ އޭނާއަށް ވިޔަފާރިން ލިބޭ މަންފާވެސް ދޫކޮށްލުމަށްފަހު އޭނާ ނެންގެވި ޑިޒިޝަނެކެވެ. ރަޝީދު ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް ދާއިރާއަށް ގިނަ ހިދުމަތްތަކެއް މިހާރުވެސް ކޮށްދެވިފައިވާ އިރު، އަދިވެސް އިޖުތިމާއީ އަދި އުމްރަނީ ގޮތުން ހާސިލުކުރަންޖެހޭ ގިނަ ކަންކަން އެބަހުއްޓެވެ. އޭނާ މިފަހަރު ކުރިމަތިލައްވަނީ އެ ކަންކަން ހާސިލުކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށެވެ.

ކެނޑިޑޭޓުގެ ޚުލާސާ

މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގައި ހިދުމަތްކުރައްވާފައިވާ ރަޝީދު 2014 ވަނަ އަހަރު ގައްދޫ ދާއިރާއަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ގައްދޫއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިރު، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމިޓީތަކުގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ ފަސް އަހަރު އޭނާ އިންނެވި އިރު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާއި 241 ކޮމިޓީގެ އިތުރުން އާންމު ކޮމިޓީ އަދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގައި އޭނާ ހިދުމަތްކުރެއްވިއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

މިދިޔަ ފަސް އަހަރު ތެރޭގައި ރަޝީދު ވަނީ ދާއިރާއަށް ތަރައްގީ ގެނެސްދީ، އެކަން އަމަލީ ގޮތުން ދައްކަވާފައެވެ. ގިނަ ކަންކަން އަދިވެސް ކުރަން ހުރިކަމަށާއި، އޭނާ ނޫނީ އެކަންކަން ކުރެވޭނެ ވަކި އިތުރު ގާބިލު މީހަކު ނުހުންނާނެކަމަށް ރަޝީދު ގަބޫލުކުރައްވައެވެ. އެގޮތުން ގައްދޫ ކައިރިން މާވާރުލުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނިންމުމުގެ އިތުރުން، ރަށުން ލިބޭ ސިއްހީ ހިދުމަތް އާ ހަރުފަތަކަށް ގެނައުމަށްޓަކައި ގައްދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ރަޝީދު ފެއްޓެވި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރަޝީދު ހުންނެވީ އާ ހިތްވަރެއް ލައިގެން ތައްޔާރަށެވެ. މީގެ އިތުރުން އިންތިހާބުވެއްޖެނަމަ ރައްޔިތުން ބޭނުންވާ ކޮންމެ ކަމެއްވެސް ސަރުކާރާ ގުޅިގެން ފަހިކޮށްދޭން އޭނާ ހުންނެވީ ތައްޔާރަށެވެ.