މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

ތޫބާ ރަޝީދު

އެޑްރެސް: ފާށަނާ، ހއ. ކެލާ

ކުރިމަތިލާ ދާއިރާ: ކެލާ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 5

ޤާބިލިއްޔަތު

ޠޫބާއަކީ މީގެ ކުރިންވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ، ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި، ގާނޫނު އަސާސީ އާ ހިލާފު އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މެރިޓައިމް ދާއިރާއިން ތައުލީމު ހާސިލްކުރައްވާ އެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ޠޫބާ ވަނީ މެރިޓައިމް ދާއިރާއަށް ޒުވާނުން ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ކުޅިވަރުގެ ދާއިރާއާއި ޒުވާނުން ބިނާކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ދަނިކޮށް ސިޔާސީ ދާއިރާ އަށް ނިކުންނެވުމަށް ފުރުސަތު ލިބިލެއްވިއެވެ.

ކުރިމަތިލަނީ ކީއްވެ؟

ޒުވާނުން ބިނާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޠޫބާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީ ގާނޫނު އަސާސީ ނަގަހައްޓައި ރައްޔިތުން ބާރުވެރި ކުރުމުގެ މަސައްކަތް ކުރެއްވުމަށެވެ. މަޖިލީހަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާނެ ކަމަށް ޠޫބާ ވިދާޅުވިއެވެ. ކެލާ ދާއިރާއަކީ މީގެ ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް ކަމަށާއި ދާއިރާގެ އެތައް ބަޔަކު މާލެއަށް ހިޖުރަކޮށް ފައިވާއިރު، ދާއިރާގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކޮށްދީ، ދާއިރާގައި ބޮޑެތި ޕްރޮޖެކްޓުތައް ފެށުމަށް ބޭނުންވުމަކީ ޠޫބާ މަޖިލީހަށް ކުރިމަތިލައްވާ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

ޠޫބާއަަކީ ސްކޫލު ތައުލީމު ނިންމެވުމަށްފަހު، ޓެކްނިކަލް އެކިއެކި މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން މެރިޓައިމް އަދި ޓޫރިޒަމް ދާއިރާއަށް މިސްރާބު ޖެއްސެވިއެވެ. ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ޒުވާނުން ބިނާ ކުރުމާއި ކުޅިވަރުގެ ދާއިރާގައިވެސް މަސައްކަތްކުރެއްވިއެވެ. އޭގެ ތެރެއިން ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ސިޔާސީ މަސައްކަތުގެ ތެރެއިން އެންމެ ބޮޑު ގުރުބާނީއެއްގެ ގޮތުގައި ޠޫބާ ފާހަގަކުރެއްވީ ފާއިތުވި ދުވަސްތަކުގައި ރައްޔިތުން އެދޭ ބަދަލަށް ކުރެވުނު މަސައްކަތްތަކެވެ. ރިޔާސީ އިންތިހާބުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޠޫބާއަކީ ރައްޔިތުންގެ ހައްުގުގައި ގާނޫނު އަސާސީ ދިފާއުކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

ދާއިރާގައި ނުފެށި ހުރި ރިސޯޓު ޕްރޮޖެކްޓުތައް ފެށި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަކީ ކެލާ ދާއިރާއަށް ޠޫބާ ކޮށްދެއްވަން ވައުދުވާ ކަންތަކެވެ. މީގެ އިތުރުން ދާއިރާގައި ދަނޑުވެރިކަން ފުޅާކޮށް، ކޯޕަރޭޓިވް ސޮސައިޓީ އުފައްދާ، ދާއިރާގެ އޮފީހެއް މާލޭގައި ހުޅުވުމަށްވެސް ޠޫބާ ވައުދުވެއެވެ. ދާއިރާގައި ކީރިތި ޤުރުއާނުގެ އިލްމު ކުރިއަރުވަން މަސައްކަތް ކުރެއްވުމާއި، ދާއިރާގެ ފެރީގެ ނިޒާމު ހަރުދަނާކޮށް ކޯލިޝަން ސަރުކާރާ ގުޅިގެން ދާއިރާގައި ނުފެށި ހުރި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމަކީ ޠޫބާގެ ވައުދެކެވެ. ޠޫބާއަކީ ކެލާ ދާއިރާގެ ހާލަތު އެނގިވަޑައިގެން، ދާއިރާއަށް ހިދުމަތް ކުރެއްވުމަށް ނިކުންމަވާ ކެންޑިޑޭޓެކެވެ.