މިޕޭޖުގައި ކެނޑިޑޭޓުން އިސްތިހާރު ކުރެއްވުމަށް 7970076 ގުޅުއްވާ

އަހްމަދު އަދީލް

އެޑްރެސް: ގަހާ، ކ. ކާށިދޫ

ކުރިމަތިލާ ދާއިރާ: ކާށިދޫ ދާއިރާ

ކެނޑިޑޭޓު ނަމްބަރު: 4

ޤާބިލިއްޔަތު

އަހްމަދު އަދީލްއަކީ ތައުލީމީ ދާއިރާގައި 15 މަސައްކަތްކުރެއްވި ބޭފުޅެކެވެ. ސްކޫލު ބެލެނިވެރިންނާއި މުވައްޒަފުންނާއި ދަރިވަރުންނާ ވާހަކަދައްކައި، އެކުގައި މަސައްކަތްކުރެވިފައި ވާތީ އަދީލް ގަބޫލުކުރައްވަނީ ތަފާތު ފިކުރުތަކުގެ މީހުންނާ މަޝްވަރާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ. މަޝްވަރާގެ މަތިވެރި އުސޫލުގެ ދަށުން ކަންކަން ނިންމުމަށް އޭނާއަށް އެނގިވަޑައިގަންނަވައެވެ. ކާށިދޫ ދާއިރާގައި ހުރި މައްސަލަތައް އަދީލްއަށް ފެނި ތަޖުރިބާކުރެވިފައިވާތީ އޭނާއަކީ އެ ކަންކަމުގެ ވާހަކަ ދައްކަން އެންމެ ގާބިލު، އަދި ނަތީޖާ ނެރެވޭނެ މީހެއް ކަމުގައި އަދީލް ގަބޫލުކުރައްވައެވެ.

ކުރިމަތިލަނީ ކީއްވެ؟

އަދީލް ގަބޫލުކުރައްވާ ގޮތުގައި ވޭތުވެދިޔަ ދައުރުތަކުގައި ކާށިދޫ ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި ޝުއޫރުތައް ރައްޔިތުންގެ މަޖިލީހުގައި އިއްވިފައި ނުވެއެވެ. ކާށިދޫ ދާއިރާއަށް އަދީލް ކުރިމަތިލައްވަނީ، މަޖިލީހުގެ ތެރެއިން ގާނޫނު ހެދުމުގެ ނިޒާމުގެ ތެރޭގައި އޭނާގެ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ އެންމެހާ ހައްގުތައް ހޯދައިދިނުމެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެއްބާރުލުންދީ އެހީތެރިވުމަށާއި، ވައުދުތައް ނުފުއްދޭނަމަ ޖަވާބުދާރީ ކުރުވަން ޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވަން އޭނާ ބޭނުންފުޅުވެއެވެ. އަދީލުގެ އަޒުމަކީ ރައްޔިތުން ބައިވެރިކުރުވައިގެން ރައްޔިތުންގެ މަޖިލިސް ނަޒާހަތްތެރި މަޖިލީހަކަށް ހަދަން އޭނާ ބޭނުންފުޅުވެއެވެ.

ކެނޑިޑޭޓުގެ ޚުލާސާ

އަދީލްއަކީ ކާށިދޫ ދާއިރާއަށް އުފަން، ކާށިދޫގެ ދަރިއެކެވެ. އޭނާއަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ތައުލީމީ ބޭފުޅެކެވެ. ތައުލީމީ ދާއިރާގައި މުދައްރިސެއްގެ އިތުރުން ޕްރިންސިޕަލެއްގެ ގޮތުގައި، ޖުމްލަ 15 އަހަރު ދުވަހުގެ މުއްދަތަކަށް ހިދުމަތްކޮށްދެއްވިއެވެ. އެ ދާއިރާގައި ނަޒާހާތްތެރިކަމާއި އިހުލާސްތެރިކަމާއެކު، ތަފާތު ފިކުރާއި މިޒާޖުގެ ތަފާތު މީހުންނާއެކު މަސައްކަތް ކރައްވައި، ގިނަ ބައެއްގެ އިތުބާރު ހޯއްދެވިއެވެ.

ވަޢުދު ނުވަތަ ކޮށްދޭނެ ކަންކަން

އަދީލް މަޖިލީހަށް ކުރިމަތިލައްވަނީ، މަޖިލީސް ނަޒާހާތްތެރި، ތެދުވެރި ތަނަކަށް ހެދުމުގެ މަގުސަދުގައެވެ. ކާށިދޫ ދާއިރާގެ ދެ ރަށް ކަމުގައިވާ ކާށިދޫ އަދި ގާފަރުގެ އިގްތިސާދީ ހާލަތާއި ތައުލީމީ އަދި ސިއްހީ ހިދުމަތްތަކުގެ ހާލަތު ފުރިހަމަކުރުމަށެވެ. އަދީލް ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް މަޖިލީހަށް އިތުބާރު އަލުން އިޔާދަކޮށްދޭން އޭނާ ހުންނެވީ އަޒުމު ކަނޑައަޅައިގެންނެވެ. އަދި އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ "ސަތިރީސް" ސިޔާސަތުތައް ހާސިލުކުރުމުގައި ގަދައަޅާ މަސައްކަތްކުރުމަށް އަދީލް ހުންނެވީ ތައްޔާރަށެވެ.