އިޓަލީގެ ކޯޗު ކަމުން ވެންޗޫރާ ވަކި ކޮށްފި

އިޓަލީގެ ކޯޗު ކަމުން ވަކި ކުރި ޖިއާންޕިއެރޯ ވެންޗޫރާ-- ފޮޓޯ: އޭޕީ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ ކޯޗު ކަމުން ޖިއާންޕިއެރޯ ވެންޗޫރާ ވަކިކޮށްފި އެވެ.

އިޓަލިއަން ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. ވެންޗޫރާ ވަކި ކޮށްފައި ވަނީ މިއަދު އެ ފެޑެރޭޝަނުގެ އިސްވެރިންނާ އެކު ކުރެވުނު މަޝްވަރާއެއްގަ އެވެ. ވެންޗޫރާގެ ބަދަލުގައި ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް އިޓަލީގެ އެފްއޭއިން ދަނީ ކުރަމުންނެވެ.

މިލާންގެ ސެންސީރޯގައި ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ ލެގުގެ މެޗުގައި ސްވިޑަންއާ ވާދަކޮށް ލަނޑެއް ނުޖެހި ދެޓީމު އެއްވަރުވުމުން، އެގްރިގޭޓް ނަތީޖާއިން މޮޅުވެ، އިޓަލީ އަށް ވަނީ 60 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ގެއްލިފަ އެވެ.

"އިޓަލީ އެފްއޭގެ ރައީސް ކާލޯ ޓަވެޗިއޯ ބޭއްވި މީޓިން އެއްގައި އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެކަމުގެ ސަބަބު ދެނެގަތުމަށް ވަނީ މަސައްކަތް ކޮށްފައި. މިކަންކަން ބަލާ ހެދުމަށް ފަހު، ޓަވެޗިއޯ އެންގީ މިއަދުން ފެށިގެން އިޓަލީ ގައުމީ ޓީމުގެ ކޯޗަކަމުން ވެންޗޫރާ ވަކިކޮށްފައިވާ ކަމަށް." އިޓަލީ އެފްއޭގެ ވެބްސައިޓުގައި ނެރެފައިވާ ބަޔާނުގައި ލިޔެފައިވެ އެވެ.

ވެންޗޫރާގެ ކޯޗު ކަމުގައި އިޓަލީ ކުޅެފައިވާ 17 މެޗުގެ ތެރެއިން އެ ޓީމަށް މޮޅުވެވިފައި ވަނީ 10 މެޗުންނެވެ. އަދި ހަތަރު މެޗުން އެއްވަރުވެފައިވާ އިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. މީގެ ތެރޭގައި ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕު ސްޓޭޖުގައި ސްޕެއިން އަތުން ވަނީ ދެ ފަހަރަށް ބަލިވެފަ އެވެ.

އިޓަލީގެ ހައިރާންކުރުވަނިވި ވަދާއާ އެކު އެޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ތިން ކުޅުންތެރީން ކަމަށްވާ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން، ޑިފެންޑަރު އެންޑްރޭ ބަރްޒަގްލީ އަދި މިޑްފީލްޑަރު ޑެނިއެލޭ ރޮސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.

comment ކޮމެންޓް