މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަތަރުވަނަ އެޑިޝަން ދުބާއީގައި

މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައި 2014 ވަނަ އަހަރު ފެށި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ހަތަރުވަނަ އެޑިޝަން އަންނަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގެ ޓްރޭޑް ސެންޓަރުގައި ބާއްވަން ހަމަޖައްސައި ހަތަރުވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ލޯންޗު ކޮށްފިއެވެ.

ރޭ ނޭޝަނަލް އާޓް ގެލަރީގައި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ލޯންޗުކޮށް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވީ، އެ އިންވެސްޓް ފޯރަމްގެ ސަބަބުން ރާއްޖެއަށް އިތުރު އިންވެސްޓަރުން ލިބިގެންދާނެކަމަށެވެ. އަދި ދުބާއީގައި ބާއްވާ އެ ފޯރަމްގައި ދުނިޔޭގެ އެހެން ގައުމު ތަކުންވެސް ބައިވެރިވެ ރާއްޖެއަށް އިތުރު އިންވެސްޓަރުން ލިބުމަށް މަގުފަހި ވެގެންދާނެކަމަށެވެ.

މިފަހަރު ދުބާއީގައި އޮންނަ ފޯރަމްގައި ރާއްޖެ މާކެޓް ކުރެވި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުންވެސް އިންވެސްޓްކުރުމަށް އެކަށޭނެ އެހެން ދާއިރާތަށްވެސް ހުރިކަން ބޭރުގެ އިންވެސްޓަރުންނަށް އަންގައިދެވިގެން ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ސިންގަޕޫރާއި ޗައިނާގެ ބެއިޖިންގ އާއި އިންޑިއާގެ ނިއު ދިއްލީ ގައި ބޭއްވި ފޯރަމްތަކަކީ ކާމިޔާބު ފޯރަމް ތަކެއް ކަމަށާއި އެ ފޯރަމް ތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުން އައިސް މިހާރު އިންވެސްޓްކޮށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބައެއް އިންވެސްޓަރުންނާ މިހާރު މަޝްވަރާ ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިފަހަރުގެ އިންވެސްޓްމެންޓް ފޯރަމްގައި ދެޤައުމުގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ އިފްތިތާހީ ސެޝަނާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް މާކެޓް ކުރުމަށް ބާއްވާ ސެޝަނުގެ އިތުރުން ގާލާ ޑިނަރ އެއް ހިމެނޭނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހަތަރުވަނަ އިންވެސްޓްމަންޓް ފޯރަމްގައި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފަވާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ. އަދި އެކަމާއި ބެހޭ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް