މަކުނުދޫ ރައްޔިތުންގެ "ބައި ބޮނޑި"، މިވެސް އީދުގެ ތަފާތު ރަހައެއް!

މަކުނުދޫ މީހުން އީދު ދުވަހަށް ތައްޔާރު ކުރާ " ބޮނޑި"--ފޮޓޯ/ މުސްތޮފާ

މިއަދަކީ އުފާވެރި އަޟްޙާ ޢީދު (ބޮޑު އީދު) ދުވަހެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މިއަދު ދަނީ އީދުގެ ފޯރި އިންތިހާއަށް ނަގަމުންނެވެ. ކޮންމެ ރަށެއްވެސް ތައްޔާރުވެފައިވަނީ އެ ރަށަކަށް ޒިޔާރާތްކުރާ މެހެމާނުންނަށާއި ރަށުގެ ރަށްވެހީންނަށް، މަރުހަބާ ކިޔުމަށެވެ.

ކޮންމެ ރަށެއްގައިވެސް އީދަށް ތައްޔާރުވުމަށް ތަފާތު ކަންކަން ކުއެއެވެ. ކޮންމެ ބަޔަކުވެސް ބަލަނީ އެ ބަޔަކު ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރު ތަކުން މެހެމާނުން ހެއްވާލުމަށެވެ. މި ގޮތަށް އެންމެ ތަފާތު ކުޅިވަރު ތަކެއް އަބަދުވެސް ކުޅޭ އެއްބަޔަކީ ވަކި އަތޮޅެއްގެ ސިފަ ލިބިފައިވީ ނަމަވެސް، ހދ. އަތޮޅަށް ނިސްބަތްވާ މަކުނުދޫ ރައްޔިތުންނެވެ.

ހައްޖު ދުވަހުގެ އިރު އެރުމާ އެކު އެ ރަށު ރައްޔިތުން ތައްޔާރުވަނީ އީދު ދުވަހުގެ ހާއްސަ ކުޅިވަރެއްގެ ގޮތުގައި ކުރިއަށްގެންދާ "ބައި ބޮނޑި" ތައްޔާރުކުރުމަށެވެ. އަންހެންވެރީން އެ ބޮނޑި ތައްޔާރު ކުރާއިރު ފިރިހެންވެރީން އެއްވަނީ ހޮޅުއަށްޓަށް ބޮޑު ސައްލާއެއް ކުރުމަށެވެ. އެ ސައްލާގެ ވާހަކަ ފަހުން ކިޔައިދޭނަމަވެ.

އަންހެންވެރީން ހޭލަ މޭލައަށް، މުޅި ރަށުތެރޭގައި ހަރަކާތްތެރިވަނީ މި ބުނާ ބޮނޑި ކެއްކުމަށެވެ. އެ ތައްޔާރު ކުރުމަށް ގުރޫޕްތަކަށް ބަހާލާއިރު ކޮންމެ އާއިލާއަކުންވެސް ފަސް ހަ ބޮނޑި ތައްޔާރުކުރެއެވެ.

މަކުނުދޫ އަންހެންވެރީން މި ބޮނޑި ތައްޔާރު ކުރަނީވެސް އެމީހުންގެ އަމިއްލަ "ރެސިޕީ" އަކަށެވެ. އެ ރަށުން ވާހަކަ ދެއްކި އަންހެނަކު، ބޮނޑި ތައްޔާރުކުރާ ގޮތް ކިޔައިދިނެވެ.

" ކޮންމެ ބޮނޑިއަކަށްވެސް ހަނޑޫ ނާޅިއެއް އަޅާނެ. ދެން ފޮނި ރަހަ ލާވަރަށް ހަކުރު އަޅަމުންދާނީ، ރަހަބަލަމުން. އެއަށް ފަހު ފޮނި ތޮށްޓާ، ކާފޫރު ތޮޅި އެޅުމަށްފަހު ދެން އަޅަނީ ކާށި ހުނި. ދެން އެ ފުށްގަނޑު ގިރުވަނީ. ދެން މިހަދާ ގޮތަކީ އެ ރަނގަޅަށް ހަލުވަނީ. ގުޅަ ވެށެންދެން ރަނގަޅަށް ހަލުވަން ޖެހޭނެ،" ބައިބޮނޑި ހަދާގޮތް އޭނާ ކިޔައިދިނެވެ.

މަކުނުދޫ މީހަކު "ބޮނޑި" ހިލަނީ--ފޮޓޯ/ މުސްތޮފާ

މިގޮތަށް ފުށްގަނޑު ތައްޔާރު ކުރުމަށް ފަހު ދެން އިތުރު ތެއްޔެއްގައި ފަތް އެޅުމަށްފަހު އެ ފުށްގަނޑު އޭގަ ފަތުރާލައެވެ. އަދި އެއަށްފަހު ފުށްގަނޑުގެ މަތިން ފަތް އެޅުމަށް ފަހު ދެ ފަރާތަށް އަލިފާން އަޅައި ހޫނު ކުރެއެވެ. މި ކަމުގައި ކުޑަބޮޑު ހުރިހާ އަންހެނުންވެސް ބައިވެރިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

ބޮނޑި ތައްޔާރު ކުރުމަށްފަހު މިވެރީން ކުރާ ކަމަކީ ފިރިހެނުންނަށް އަތުނުވާ ހިސާބެއްގައި ބޮނޑި ފޮރުވަނީއެވެ. ހައްޖު ދުވަހު އެ ބޮނޑިތައް ފޮރުވައި ނިންމާލައެވެ. އަދި ބޮނޑި ފޮރުވަނީ ވީހާވެސް އުނދަގުލުން ހޯދޭ ތަންތަނުގައެވެ.

ދެން މިއޮތީ ފިރިހެނުން މި ކުޅިވަރުގައި ބައިވެރިވާ ހިސާބެވެ. ހައްޖު ދުވަހު ހެނދުނުން ސުރެ ފަށައިގެން ފިރިހެނުން ރަށުގެ ހިސާބުތަކަށް ގޮސް ކުރާ ސައްލާއަކީ ބޮނޑި ހޯދުމަށް ހަދަންވީ ގޮތުގެ ސައްލާއެވެ. ޓީމު ތަކަކަށް ބަހާލުމަށްފަހު ބޮނޑި ހޯދުމަށް ރަށުގެ ފިރިހެނުން ނުކުމެއެވެ.

"ބޮނޑި" ތައްޔާރު ކުރުމުގެ މަސައްކަތުގެ ތެރެއިން--

މިގޮތަށް ފިރިހެނުން ބޮނޑި ހޯދާއިރު އެ ފަހަރަކު ރައްކާ ކޮށްފައި ހުންނަ ހުރިހާ ބޮނޑިއެއް ހޯދާއިފިނަމަ ރަށުގެ އަންހެނުންނަށް އީދު ދުވަހުގެ ހެނދުނު ކާލާނެ ބޮނޑިއެއް ނުލިބޭނެއެވެ. އެހެން ކަމުން ކޮންމެ ބޮނޑިއެއްގެ ފަހަތުގައި އަންހެނަކު ބަހައްޓައިގެން ވިޔަސް މި ރަށު އަންހެން ވެރީން އެ ބޮނޑިތައް ހިމާޔަތް ކުރެއެވެ.

އެ ކުޅިވަރުގައި މުޅި ރަށުގެ ޒުވާނުންނާއި ހަރު މީހުން އަދި ޖުމުލަ ގޮތެއްގައި އެންމެން ބައިވެރިވާއިރު އެއީ ރަށުގެ އިޖްތިމާއި ގުޅުން އަދި ބަދަހިކަން ދައްކުވައިދޭ ކުޅިވަރެއްކަމަށް އެ ރަށު މީހުން ބުނެއެވެ.

މަކުނުދޫގައި " ބައި ބޮނޑި" ކުޅެން ފެށި ތާރިހެއް އެ ރަށު މީހުންނަށްވެސް ނޭނގޭ އިރު އެ ރަށުގައި އެކުޅިވަރު ނުކުޅޭ ހަނދާނެއް އެމީހުންނެތެވެ. އަދި އެ ރަށު ޒުވާނުން ބުނާ ގޮތުން މިއީ މަކުނުދޫގެ އަސްލާ ގުޅިފައިވާ ކުޅިވަރެއް ކަމުން އެ ކަމަކީ ކުރިއަށް އޮތް ތަނުގައިވެސް އެ ރަށުން ފަނޑުވުމެއް ނެތި ފެންނާނޭ ކުރިވަރެކެވެ. އެހެން ކަމުން މަކުނުދޫ " ބައި ބޮނޑީ"ގެ ރަހައަކަށް އަދި އެ ކުޅިވަރަށްވެސް ބަދަލެއް އައުމެއް ނެތެވެ.

comment ކޮމެންޓް