ދުނިޔޭގެ ރެކޯޑް ފީއަކަށް ނޭމާ ޕީއެސްޖީއަށް ސޮއިކޮށްފި

ނޭމާ ވަނީ 222 މިލިއަން ޔޫރޯގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ޕީއެސްޖީއާ ގުޅިފައި -- ފޮޓޯ: ޕީއެސްޖީ

ދުނިޔޭގެ ފުޓްބޯޅަ ތާރީޚްގައި ވެސް މިހާތަނަށް ކުރެވުނު އެންމެ އަގުބޮޑު ޓްރާންސްފަރ ވިޔަފާރީގެ ގޮތުގައި، 222 މިލިއަން ޔޫރޯގެ ރެކޯޑު ފީއަކަށް ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ، ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މުއްސަނދި ކްލަބު، ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބަދަލުވެއްޖެއެވެ.

ޕީއެސްޖީން މުޅި ދުނިޔެ ސިއްސުވާލި މި ޓްރާންސްފަރ ވިޔަފާރި ނިންމާލި އިރު، އުމުރުން 25 އަހަރުގެ ނޭމާ މިވަނީ، ޔުވެންޓަސްއަށް ކުޅެމުން ދިޔަ ފްރާންސް ފޯވާޑް ޕައުލް ޕޮގްބާ ގެންދަން މެން ޗެސްޓާ ޔުނައިޓެޑުން ގާއިމުކުރި 98 މިލިއަން ޔޫރޯގެ ތިން ގުނައާ ގާތްކުރާ ވަރުގެ ރެކޯޑެއް ހަދައިފައެވެ.

ޕީއެސްޖީއަށް ބަދަލުވުމާއެކު ނޭމާއަށް، މުސާރައިގެ ގޮތުގައި އަހަރަކު 45 މިލިއަން ޔޫރޯ ލިބޭނެއެވެ. އެއީ ހަފްތާއަކު 865,000 ޔޫރޯއެވެ.

ގަރުނުގެ ބޮޑު ޓްރާންސްފަރއަށްފަހު ނޭމާ ބުނީ، އޭނާ ގުޅުނީ ޔޫރަޕްގައި މިވަގުތު އޮތް އެންމެ އުންމީދީ އަދި ކަންކަން ހާސިލްކުރާން އެންމެ ބޮޑަށް މަސައްކަތްކުރާ ކްލަބާ ކަމަށެވެ.

"އަހަރެންގެ ހިން ޕީއެސްޖީއަށް އެނބުރުނީ ކަންކަން ހާސިލްކުރުމަށް އެމީހުންގެ އެހެރަ ހިތްވަރާއި ޖޯޝް،" ޕީއެސްޖީގެ އާ ފޯވާޑް ބުންޏެވެ.

"އަހަރެން މިހުރީ މި ވާދަވެރިކަން ހާސިލްކުރުމަށް ތައްޔާރުވެގެން. މިއަދުން ފެށިގެން އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން އަހަރެންގެ އާ ޓީމު-މޭޓުންނަށް އެހީތެރިވުމަށް."

ބާސާގެ 10 ނަންބަރަށް ކުޅެމުން އަންނަ މެސީގެ ހިޔަނިން މިންޖުވެ، ޕީއެސްޖީއާ ގުޅުނު ނޭމާ އޭނާގެ އާ ކްލަބުގައި ބޭނުންކުރާނީ 10 ނަންބަރު ޖާޒީއެވެ.

ޕީއެސްޖީގައި ނޭމާ ބޭނުންކުރާނީ 10 ނަންބަރު ޖާޒީ -- ފޮޓޯ: ޕީއެސްޖީ

ޕީއެސްޖީން ރަސްމީކޮށް ނޭމާ އެ ކްލަބާ ގުޅިފައިވާކަން ހާމަކުރުމަށް ފަހުވަނީ، ހޮނިހިރު ދުވަހު އެ ކްލަބުގެ ދަނޑުގައި އެމީންސްއާ ދެކޮޅަށް ކުޅޭ ސީޒަންގެ ފުރަތަމަ މެޗުގައި ކްލަބުގެ ސަޕޯޓަރުންނަށް ނޭމާ ތައާރަފްކުރާނޭކަން ހާމަކޮށްފައެވެ.

ޕީއެސްޖީން މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ރައުންޑަށް ވާސިލްވި ނަމަވެސް އެ ޓީމު ވަނީ ނޭމާ މުހިއްމު ދައުރެއް އަދާކުރަމުން ދިޔަ ބާސެލޯނާގެ އަތްދަށުވެ، މުބާރާތަށް އަލްވަދާއުކިޔަން ޖެހިފައެވެ.

ހަފްތާތަކަކަށް ދިގުދެމިގެން ދިޔަ ޓްރާންސްފަރ މަޝްވަރާތަކަށްފަހު އެންމެ ފަހުން، ބުރާސްފަތި ދުވަހު، ޕީއެސްޖީން ބާސާއާ ފައިސާ ހަވާލުކުރާން ދިއުމުން، ސްޕެއިންގެ ލަ ލީގާއިން ވަނީ ޕީއެސްޖީން ޔުއެފާ ފައިނޭންޝަލް ފެއަރޕްލޭއާ ޚިލާފްވާ ކަމަށްބުނެ، އެ ފައިސާގައި ހިފުމަށް އިންކާރުކޮށްފައެވެ.

އެކަމާ ގުޅިގެން ފްރާންސް ލީގުން ބުނެފައިވަނީ، ލަ ލީގާއިން ކަންކުރި ގޮތާމެދު ހައިރާންވާ ކަމަށާއި އަދި ފީފާގެ ގަވައިދުތަކަށް އިހްތިރާމުކުރުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް އިލްތިމާސްކުރާ ކަމަށެވެ.

ލަ ލީގާއިން ނޭމާގެ ޓްރާންސްފަރ ފީއާ ހަވާލު ނުވުމުން އެންމެ ފަހުން، ޕީއެސްޖީން ވަނީ އެ ފައިސާ ސީދާ ބާސާގެ އޮފިޝަލުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް