ގަތަރާ ގުޅުން ކަނޑާޅުމުން އިންވެސްޓްމެންޓް ފޯރަމް ބާއްވާ ލޮކޭޝަން ބަދަލުކުރަނީ

މިދިޔަ އަހަރު ނިއުދިއްލީގައި އޮތް މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގައި ހުންނަ އިންވެސްޓްމެންޓް ފުރުސަތުތައް ބައިނަލްއަގުވާމީ އިންވެސްޓަރުންނާ ހަމައަށް ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން ބާއްވާ ބައިނަލްއަގުވާމީ ރޯޑްޝޯ ސީރީޒް "މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް" މިއަހަރު ބާއްވާ ގައުމެއްގެ ގޮތުގައި ދިވެހި ސަރުކާރުން މީގެ ކުރިން ކަނޑައަޅާފައި އޮތީ ޤަތަރެވެ.

މިދިޔަ އަހަރު އިންޑިއާގެ ނިއުދިއްލީގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ހަވާސާގައި އިކޮނޮމިކް މިނިސްޓަރު މީޑިއާއަށް ވިދާޅުވީ، 2017ގެ އިންވެސްޓްމެންޓް ފޯރަމް ގަތަރުގެ ދޯހާގައި ބޭއްވުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިދިޔަ މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި އަރަބި ބައެއް ގައުމުތަކުން ގަތަރާ ޚާރިޖީ އަދި ވިޔަފާރީގެ ގުޅުން ކަނޑާލި އިރު، ރާއްޖެއިންވެސް ވަނީ ގަތަރާ އެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފައެވެ. އެހެން ނަމަވެސް ވިޔަފާރީގެ ގުޅުން އޮންނާނެކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.

ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން މޯލްޑިވްސް އިންވެސްމެންޓް ފޯރަމް 2017 ވެސް ގަތަރުގައި ނުބޭއްވުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މިއަދު ވިދާޅުވީ، މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް މިއަހަރު ބާއްވާނެ ތަނެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ބާއްވާފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްތަކުން ދިވެހިރާއްޖެ ވަރަށް ބޮޑަށް މާކެޓު ކުރެވިއްޖެ ކަމަށާއި، މިވަގުތު ދިވެހި ވިޔަފާރިވެރިން އެންމެ ބޮޑަށް ބޭނުންވަނީ މިއަހަރުގެ ފޯރަމް އޮންނާނެ ތަނެއް އެނގުމަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަހަރު ނިމުމުގެ ކުރިން [ފޯރަމް އޮންނާނެ]،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މީގެ ކުރިން "ސަން"އަށް ވިދާޅުވީ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމުން ދުނިޔޭގެ އިރުމަތި ވަރަށް ބޮޑަށް ކަވަރުވެއްޖެެ ކަމަށާއި، ސަރުކާރުގެ ވިސްނުން ދެން އޮތީ މެދުއިރުމައްޗާއި ހުޅަނގަށް ކަމަށެވެ. އެގޮތުން، އަންނަ އަހަރު އިންވެސްޓްމެންޓް ފޯރަމް ބާއްވާނީ ޔޫރަޕުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ސީރީޒްގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ 2014 ވަނަ އަހަރު، ސިންގަޕޫރުގައެވެ. ދެވަނަ ފޯރަމް 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިންގްގައި ބޭއްވި އިރު، މިދިޔަ އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައި ވަނީ އިންޑިއާގެ ނިއުދިއްލީގައެވެ.

comment ކޮމެންޓް