"ހޭޓް މެސެޖު" ލިޔާ މީހަކަށް ކޮންމެފަދަ ކަމެއް ވެސް ބަޔަކު ކޮށްފާނެ: ރައީސް

ރައީސް ޔާމީން: ދިވެހިގެ ތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކައި ތަފާތު ލިޔުންތައް ލިޔާ މީހުންގެ އަމަލުތައް ކުށްވެރިކޮށް، އެ މީހުންނަށް ފާޑުވިދާޅުވި--- ސަން ފޮޓޯ

މުޖުތަމައުގެ ތެރޭގައި ނަފުރަތު އުފެދޭ ކަހަލަ ނުވަތަ "ހޭޓް މެސެޖު" ލިޔާ މީހަކަށް ކޮންމެ ފަދަ ކަމެއް ވެސް ބަޔަކު ކޮށްފާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާ އަލަށް ގުޅުނު ފަރާތްތަކުގެ ފޯމު، އެ ޕާޓީއާ ހަވާލު ކުރުމަށް ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށާއި "އެކި މީޑިއަމްތަކުގައި" ދީނަށް ފުރައްސާރަކޮށް ބޭނުން ގޮތަކަށް ވާހަކަތައް ލިޔެވޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ.

ހޭޓް މެސެޖް ލިޔަމުން ލިޔަމުން، ފޮނުވަމުން ފޮނުވަމުން ގޮސް، އެ މީހަކީ ބިރުވެރި ނުރައްކާތެރި މީހެއް ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ހިސާބަށް ދިޔައީމަ އެ މީހަކާ ދޭތެރޭގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ކެރޭނެ ބަޔަކު އުޅެދާނެ، ރައީސް ޔާމީން

"މައުސޫމް މީހެއްގެ، އޭނަގެ ތަސައްވުރު ރައްޔިތުންގެ ތެރޭގައި ގޯސްކުރުމަށް ޓަކައި 'ހޭޓް މެސެޖު' ލިޔަމުން ލިޔަމުން ފޮނުވަމުން ފޮނުވަމުން ގޮސް އެ މީހަކީ ބިރުވެރި ނުރައްކާތެރި މީހެއް ކަމަށް ދެން ތިބި ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލުކުރެވޭ ހިސާބަށް ދިޔައީމަ އެ މީހަކާ ދޭތެރޭގައި ކޮންމެ ފަދަ ކަމެއް ކުރަން ވެސް ކެރޭނެ ބަޔަކު އުޅެދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފަދަ މެސެޖުތައް ފެތުރުމުގެ ނަތީޖާއަކަށް ވަނީ "މައުސޫމް މީހަކީ އެހެން މީހުން ބިރުގަންނަ ޖައްބާރު މީހެއް" ގޮތަށް ދައްކުވައި ދެވިގެން ދިއުން ކަމަށާއި އެފަދަ މީހުން ދުނިޔެ ދޫކޮށްދަނީ ރަހުމް ކުޑަ ބައެއްގެ އަނިޔާވެރި ޝިކާރައަކަށް ވެގެން ކަމަށެވެ. އެއީ ރާއްޖޭގައި ކަންތައްތައް ހިނގާ ގޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވި އެވެ.

"އެހެންވީމަ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް 'ހޭޓް މެސެޖާ' ދޭތެރޭގައި ފިޔަވަޅު އަޅާ. ޓުވިޓާ ހޭންްޑުލްތައް ހިންގާ ފަރާތްތަކާ ދޭތެރޭ އެބަ ފިޔަވަޅު އަޅާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދީނަށް ފުރައްސާ ނުކޮށް، މީޑިއާގެ މިނިވަންކަމާއި ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ. މުޖުތަމައު ސަލާމަތުން އޮންނަން ބޭނުން ނަމަ ކުރަންޖެހޭނީ އެކަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީހުންގެ ވާހަކަ ދެއްކުމަށް ހުރަސް އެޅުނީތޯ މިނިވަންކަމާ ބެހޭ ވާހަކަ ދައްކަމުން ގޮސް ﷲގެ އެއްކައުވަންތަކަމާ ދޭތެރޭގައި ސުވާލު އުފައްދާ ހިސާބަށް ވާހަކަ ލިޔެވުނީމަ. އެއީ، މިނިވަންކަމަށް ހުރަސްއެޅުނީތޯ؟ އަޅުގަނޑުމެން ނުޖެހޭ އެކަންކަން ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރު ކަމުނުގޮސްގެން ބަޔަކު އުޅޭނީ 'ވަކި ރާއްސަކަށް ވިހާފައި ހުރި މީހަކަށް ނުބަލައި' ފިޔަވަޅު އަޅަމުންދާތީ ކަމަށެވެ.

comment ކޮމެންޓް