ގަތަރަށް ފަހު، މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ދެން ދާނީ ޔޫރަަޕަށް

މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --- ސަން ފައިލް ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތައް ބޭރު ދުނިޔޭގެ ފަރާތްތަކަށް އަންގައިދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ރޯޑްޝޯ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ދެން ދާނީ ހުޅަނގުގެ ގައުމުތަކާ ދިމާލަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ސީރީޒްގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ 2014 ވަނަ އަހަރު، ސިންގަޕޫރުގަ އެވެ. ދެވަނަ ފޯރަމް 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިންގްގައި ބޭއްވި އިރު، މިދިޔަ އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައި ވަނީ އިންޑިއާގެ ނިއުދިއްލީގަ އެވެ.

މި އަހަރުގެ ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ "ސަން"އަށް ވިދާޅުވީ އިރުމަތި ވަރަށް ބޮޑަށް މިހާރު ކަވަރު ކުރެވިއްޖެ ކަމަށާއި، ސަރުކާރުން މިހާރު ވިސްނަމުން ދަނީ ހުޅަނގާ ދިމާލަށް ދިއުމަށް ކަމަށެވެ.

"ދެން މި ވިސްނަނީ ކުޑަކޮށް ހުޅަނގަށް ދިއުމަށް. ފުރަތަމަ މިޑްލް އީސްޓަށް މި ދަނީ،"

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް މަސައްކަތް ކުރާނީ ވިލާތުގެ ގައުމެއްގައި ކަމަށެވެ.

ސަރުކާރާއި އަމިއްލަ ކުންފުނިތަކަށް އިންވެސްޓަރުން ހޯދުމަށް މިދިޔަ ތިން އަހަރު ބޭއްވި އިންވެސްޓްމެންޓް ފޯރަމްތަކަށް ބޮޑު ތަރުހީބު ލިބިފައިވެ އެވެ.

comment ކޮމެންޓް