'ޕިންކް ސްޓާ'ގެ ނަންދީފައިވާ އަލިމަސް ދުނިޔޭގެ ރެކޯޑު އަގަކަށް ވިކިއްޖެ

ދުނިޔޭގެ އެންމެ ބޮޑު ފިޔާތޮށި ކުލައިގެ އަލިމަސް ވަނީ ރެކޯޑު އަގަކަށް ވިކިފައި -- ފޮޓޯ: އޭއެފްޕީ

ހޮންކޮންގައި ބޭއްވި ނީލަމެއްގައި 'ޕިންކް ސްޓާ'ގެ ނަން ދީފައިވާ އަލިމަހެއް 71.2 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. މިއީ ދުނިޔޭގެ ޖަވާހިރުގެ ބާޒާރުގެ ރެކޯޑު އަގެކެވެ.

އެނީލަން އިންތިޒާމްކުރި ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ ސޮތެބީސް އިން ބުނި ގޮތުގައި 59.6 ކެރެޓުގެ އެއަލިމަހުގެ ބީލަން ފެށީ 56 މިލިއަން ޑޮލަރުންނެވެ. އަދި ބީލަން ކިޔަން ފެށިތާ ފަސް މިނިޓު ވެސް ނުވަނީސް ޕިންކް ސްޓާ ވިކިއްޖެ އެވެ.

ސޮތެބީސް އިން ބުނި ގޮތުގައި އެއަލިމަސް ގަނެފައި ވަނީ ޖަވާހީރުގެ ވިޔަފާރި ކުރާ ހޮންކޮންގެ ޗޯ ޓައި ފުކް ކުންފުނިންނެވެ.

އެފްރިކާ އިން 1999 ވަނަ އަހަރު ފެނުނު ޕިންކް ސްޓާއަކީ ދުނިޔެއިން މިހާތަނަށް ފެނުނު ފިޔާތޮށި ކުލައިގެ އެންމެ ބޮޑު އަލިމަހެވެ.

އަދި މީގެ ކުރިން 2013 ވަނަ އަހަރު ޖެނީވާގައި ބޭއްވި ނީލަމެއްގައި އެއަލިމަހަށް މީހަކު 83 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް، އޭނާއަށް އެފައިސާ ނުދެއްކުމުން ޕިންކް ސްޓާ އޮތީ ނުވިކި އެވެ. (ބީބީސީ)

comment ކޮމެންޓް