ދެން ދުވަހަކުވެސް ފިލްމީ ދާއިރާގެ މީހަކާއެކު ''ރިލޭޝަންޝިޕް'' އަކަށް ނުދާނަން: މަލް

ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރި މަލް---

ދިވެހި ފިލްމީ ދާއިރާގައި އުޅޭ ތަރިންނަށް ބަލާއިރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ތަރިން ފުދޭ ވަރަކަށް ގިނައެވެ. ނަމަވެސް ދިމާވާ ކަންތައްތަކެއްގެ ސަބަބުން ގިނަ ފަހަރު ޖެހެނީ އެ ގުޅުމުން ވަކިވެ ދެ ރަހްމަތްތެރިންގެ ގޮތުގައި ތިބޭށެވެ. މަދު ބަޔަަކަށް ދިރިއުޅުމެއް ފަށައިގެން ރަނގަޅަށް އުޅެވުނު ކަމުގައި ވިޔަސް ގިނަ ފަހަރު ހާލަތު މުޅިން ބަދަލުވަނީއެވެ. އެގޮތުން، އަރަމުން އަންނަ ތަރި މަލީހާ ވަހީދު (މަލް) ވެސް ބުނަނީ ދެން އަލުން ފިލްމީ ދާއިރާގެ މީހަކާއެކު އެފަދަ ގުޅުމެއް ބާއްވަން ބޭނުން ނުވާ ކަމަށެވެ.

"ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މަލް ބުނީ، މީގެ ކުރިން ފިލްމީ ދާއިރާގެ މީހަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާނެ ކަމަށާއި ނަމަވެސް ދުވަސްކޮޅެއްގައި އުޅުމަށް ފަހު ދެމީހުންގެ ގުޅުންވެސް ހުއްޓުމަކަށް އައީ ކަމަށެވެ. މަލް ބުނީ ދެމީހުން ވަކިވާން ޖެހުނީ ބައިވަރު ސަބަބުތަކެއް ހުރުމުން ކަމަށެވެ.

" މަލް އުޅުނިން މި އިންޑަސްޓްރީގެ މީހަކާ ރައްޓެހި ވެގެން. ހަމަ ވަރަށް ލޯބިން މަލް އުޅުނީ. މަލް ހަމަ ސީރިއަށް. ވަރަށް ރަނގަޅަށް އުޅެން ހުރީ ހަމަ. އެކަމަކުވެސް ކަމުނުދާ ބައިވަރު ކަންތައްތަކެއް ހުންނާތީ ދުރުވާން ޖެހުނީ،" އަލީ ސީޒަން ޑައިރެކްޓް ކޮށްފައިވާ "ވަފާތެރި ކެހިވެރިޔާ" އިން ފެނިގެންދިޔަ މަލް ބުންޏެވެ.

މަލް ވަނީ ފިލްމު ތަކާއި ލަވަތަކުން ވެސް ފެންނަން ފަށާފައި---

މަލް ބުނީ، ދެމީހުން ރިލޭޝަންޝިޕެއްގައި އުޅުނު ކަމުގައި ވިޔަސް މައްސަލަ ތަކެއް ޖެހުނު ކަމަށާއި އެންމެ ކަމުނުދާ ސިފަ އަކީ ތަކުރާރުކޮށް ދޮގު ބުނުން ކަމަށެވެ. ލޯބީގެ ގޮތުން ބަދަހި ގުޅުމެއް ބޭއްވުމަށް މަލް ވަރަށް ކުރުކޮށް ދެތިން ބަހެއް ވަނީ ބުނެފައެވެ.

" އެއް ތައް ތެޅިޔަސް އަޑެއް ނުކިޔާނެ. މިހެން ކިޔާ އަޑު އަހާނެ. އަދި ބުނަން އޮތީ ވަގުތު ފާއިތު ވެގެންދާ ފަހުން އައީމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެއޭ،" މަލް ބުންޏެވެ.

މަލް ބުނީ، ދެމީހުން ރައްޓެހިވެގެން އުޅުނު އިރު މަލްގެ ފަރާތުން ދޭންވާ ލޯތްބާއި އޯގާތެރިކަން ދިން ކަމަށާއި ދެން ހުންނަ މީހާ އަލާނުލާ ނަމަ އެގުޅުން ހީނަރުވެގެން ގޮސް ގުޅުން ކެނޑިދާނެ ކަމަށެވެ.

މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކުރި ކޮމެޑީ ފިލްމު "ބައިވެރިޔާ" އިން ފެނިގެންދިޔަ މަލް ބުނީ، ދެމީހުންވެސް އެކަތި ގަނޑަކަށް ވެގެން ލޯބިން އުޅެފި ނަމަ ދިރިއުޅުމަކަށް ވެސް ދެވިދާނެ ކަމަށާއި އެފަދަ ބައެއް ހެކި ފިލްމީ ދާއިރާއިން މިހާރުވެސް ފެންނާން އެބަހުރި ކަމަށެވެ.

" މި ދާއިރާ ގަވެސް އެބަ އުޅޭ ވަރަށް ރަނގަޅަށް ލޯބިން ދިރިއުޅުން ފަށައިގެން އުޅޭ ތަރިން. ހަމަ ރަނގަޅަށް އުޅުނީމަ އުޅެވޭނެ ކަމަށް މަލް ގަބޫލް ކުރާނަން. އެކަކު ލޯބި ވިޔަސް މީތި ވޯކެއް އަސްލު ނުކުރާނެ،" މަލްގެ ވިސްނުމުގައި ހުރި ގޮތް ހިއްސާ ކުރިއެވެ.

މަލް އެންމެ ފަހުން ފެނިގެން ދިޔަ ވީޑިއޯ ލަވަ----

ވީކަމެއް މާޒީއާ އެކު ފާއިތުވެގެން ދިޔައީއެވެ. ދުވަސްކޮޅަކު "ސިންގަލް" ކޮށް ހުރުމަށްފަހު މަލް މިހާރު ދަނީ އެހެން މީހަކާ ލޯބީގެ ގޮތުން ވާހަކަ ދައްކަމުންނެވެ. ނަމަވެސް މިފަހަރު ފިލްމީ ދާއިރާއިން ފެންނަ މޫނެއް ނޫނެވެ.

" މިހާރު އަނެއްކާވެސް އެބަ ވާހަކަ ދައްކަން މީހަކަށް. ވަރަށް ލޯބިން ހަމަ،" ހިނިގަނޑަކަށް ފަހު މަލް ބުންޏެވެ.

މަލް އަކީ އާންމު ދިރިއުޅުމުގައި ވެސް ސަމާސާ މިޒާޖަށް ލޯބި ކުރާ ފަންނާނެކެވެ. ރަހުމަތްރިންނާ އާއިލާގެ މީހުންނާ ވެސް ވަރަށް ގިނައިން ސަމާސާ ކޮށް އުޅޭ ކަމަށް މަލް ބުންޏެވެ. މަލްގެ ހަޔާތަށް ވެސް ކޮންމެވެސް ވަރަކަށް ސަމާސާ މިޖާޒުގެ މީހެއް ކަމުދަނީ ބާވައެވެ؟

" އަސްލު މަލް އަކީ ވަރަށް މަޖާ ކުރަން ބޭނުންވާ މީހެއް. އެކަމު ބައެއް ފަހަރު ރުޅި ވެސް ގަދަ ވޭ، ގިނައިން ރުޅި ގަދަވޭ ބަނޑުހައިވީމަ. މަލްގެ ހަޔާތަށް އަންނަ މީހަކުވެސް މަލް އަށް އެއްގޮތް ސިފަތަކެއް ހުންނަ ނަމަ އަސްލު ރަނގަޅީ ވެސް،" މިހާތަނަށް ދެ ލަވަ އަކުންވެސް ފެނިގެން ގޮސްފައިވާ މަލް ބުންޏެވެ.

ގިނަ ފަންނާނުންނަކީ ހަށިގަނޑާއި ކެއުމަށް ބަލައިގެން އުޅޭ ބައެކެވެ. ޖިމަށް ގޮސް ކާ އެއްޗިއްސަށް ބަދަލު ގެނެސް ހަށިގަނޑު ލޫޅާފަތިކޮށް ބަހައްޓަން ހާއްސަކޮށް ފިލްމީ ދާއިރާގެ ގިނަ އަންހެން ތަރިން ސަމާލުކަން ދެއެވެ. ނަމަވެސް މަލްގެ ވިސްނުން ވަރަށް ތަފާތެވެ.

"އަސްލު މަލް ހަށިގަނޑަށް ވަރަށް ނުބަލަން. ކެއުމަކަށް ވެސް ބަދަލެއް ނުގެންނަން. ކާން ނުލިނިބުނިއްޔާ މަލް ވަރަށް ރުޅިވެސް ގަދަވޭ. ވަކި މިދާއިރާގަ އުޅޭތީ އޭ ކިޔާފަ އެކަހަލަ ކަންކަމަށް މާބޮޑަކަށް އަޅައެއް ނުލަން،" މަލް ބުންޏެވެ.

މަލް ބުނީ، އޭނާ އަކީ ފެޝަނަށް ލޯބިކުރާ ފަންނާނަކަށް ވާތީ ތަފާތު ޑިޒައިންގެ ހެދުން ލުމަކީ އޭނާ އަބަދުވެސް ގަޔާވާ ކަމެއް ކަމަށެވެ. ތަފާތު ޝޯ ތަކަށާއި އިވެންޓް ތަކަށް ދިޔުމަށް ވެސް އެކިއެކި ޑިޒައިނަރުން ފަރުމާ ކުރާ ހެދުންތައް ލައި އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މަލް އެންމެ ފަހުން ފެނިގެން ދިޔަ ލަވައިގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯއެއް----

ފިލްމީ ދާއިރާގެ ތެރެއަށް ބޯދިއްކޮއްލި އިރު އާއިލާގެ ފަރާތުން އެންމެ ފުރިހަމައަށް އެއްބާރުލުން ނުލިބުނު ކަމަށާއި ފިލްމު ކުޅެން ދެކޮޅުވި ކަމަށް މަލް ބުންޏެވެ. ނަމަވެސް މިހާރު އާއިލާގެ މީހުންނާއި އޭނާގެ ގާތް އެކުވެރިންގެ ފަރާތުން ވަރަށް ހިތްވަރު ލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމީ ދާއިރާގައި އޭނާގެ ފަރާތުން ބެލުންތެރިން ހިތްހަމަޖެހޭނެ ފިލްމު ތަކެއް ގެންނަން ބޭނުންވާ މަލްގެ ދިރިއުޅުގައި ހުންނަ ބައެއް ކަންތައްތައް ހިއްސާކުރަމުން އޭނާގެ ފޭނުންނަށް ދިނީ އަނެއްކާވެސް އުފާވެރި ހަބަރެކެވެ. އެއީ އަންނަ މަހު އޭނާ މުޅިން އާ ލަވައެއް ކުޅެން ތައްޔާރުވެފައިވާ ވާހަކައެވެ.

comment ކޮމެންޓް