އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޕްލޭއޯފް ފުރަތަމަ ލެގުގައި އުފަން ދުވަސް ފާހަގަކުރަމުންދިޔަ އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ލަނޑާއެކު ލާއޯސް އަތުން ފަސޭހަކަމާއެކު ރާއްޖެ މޮޅުވެއްޖެއެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގައި ލާއޯސްގެ މައްޗަށް ރާއްޖޭން ކުރި ހޯދާފައިވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔައީ ރާއްޖޭގެ ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައިވެއެވެ. ފުރަތަމަ ހާފުގައި ލާއޯސްގެ ފަރާތުން ރާއްޖެއަށް ނުރައްކަލަކާ ކުރިމަތިވެފައެއް ނުވެއެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ލަނޑެއް ޖަހައި، ލީޑު ހޯދައިފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އަށް ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނު އިރު، ހުރީ ވަރަށް ހުސްކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭއެވެ. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ފުރަތަމަ ހަމަލާ ލާއޯސްގެ ކީޕަރު މަތަކުރި އިރު، ރީބައުންސް ބޯޅައިން ސެންޓޭ އުފެއްދި ހަމަލާ ވެސް ކީޕަރު މަތަކޮށްފައިވެއެވެ. ދަގަނޑޭ ލަނޑު ޖަހާފައިވަނީ ރީބައުންސް އިން އަލުން ލިބުނު ބޯޅައިންނެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ރާއްޖޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)އެވެ. އޭނާ އުފެއްދި ހަމަލާ، ލާއޯސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެ ޓީމުގެ ޑިފެންޑަރެއް ފައިގައި ޖެހި، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހުމަށްފަހުއެވެ.
މެޗުގައި ރާއްޖެ ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ބަދަލު ކުޅުންތެރިޔާ އަހްމަދު ރިޒްވާން ދިން ބޯޅައަކުން ރާއްޖެ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ދަގަނޑޭއެވެ.
ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޯސްގައެވެ. ރާއްޖެ އާއި ލާއޯސް ބައްދަލުކުރާ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 11 ވަނަ ދުވަހުއެވެ. އެ މެޗަށްފަހު، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެއެވެ.