102 މީޓަރަށް ފްރީޑައިވްކޮށް ވޯލްޑް ރެކޯޑް ގާއިމްކޮށްފި

102 މީޓަރަށް ފީނައިގެން ވޯލްޑް ރެކޯޑް ގާއިމް ކުރި ވިލިއަމް ޓްރަބްރިޖް

ޔޫކޭއަށް އުފަންވި ނަމަވެސް އުމުރުން 18 މަހުން ފެށިގެން ނިއުޒިލެންޑްގައި ދިރިއުޅެމުން އަންނަ ވިލިއަމް ޓްރަބްރިޖް 102 މީޓަރު އަޑިއަށް ފްރީޑައިވް ކޮށްގެން 18 ވަނަ ވޯލްޑް ރެކޯޑް ގާއިމްކޮށްފި އެވެ.

ވިލިއަމް ވަނީ މި އަހަރު މެއި މަހު ވަލެއްގައި ހިފަހައްޓައިގެން، ގޭސްފުޅިއަކާ ނުލައި 124 މީޓަރު އަޑިއަށް ޑައިވްކޮށްފަ އެވެ. އަދި 2014 ވަނަ އޭނާ ވަނީ ކުރިން އޭނާ ގާއިމްކުރި 101 މީޓަރުގެ ފްރީޑައިވް ރެކޯޑް އާކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ފަހަރު ދިމާވި މައްސަލައަކާ ހުރެ އޭނާ އަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފަ އެވެ.

އެއަށް ފަހު އިއްޔެ ބަހާމަސް ގެ "ބްލޫ ހޯލް" އެއްގައި 102 މީޓަރަށް ފްރީޑައިވްކޮށް 18 ވަނަ ވޯލްޑް ރެކޯޑް އޭނާ ގާއިމްކޮށްފައި ވަނީ އެއްވެސް ވާގަނޑެއް އެއްޗެއްގައި ނުހިފަހައްޓައި އެއްވެސް މީހެއްގެ އެހީއެއް ބޭނުން ނުކޮށް އަޑިއަށް ގޮސް މައްޗަށް އަރައިގެންނެވެ. ސަތޭކަ ދެ މީޓަރު އަޑިއަށް ފީނުމަށް ފަހު އޭނާ މައްޗަށް އަރާފައި ވަނީ އެންމެ ހަތަރު މިނިޓާއި 13 ސިކުންތުންނެވެ.

"ވަކި ހިސާބަކަށް އައި އިރު އަހަރެންގެ ބޮޑީ ބުނަން ފަށައިފި އެކަން ނުވާނެ ކަމަށް. އެހެން ނަމަވެސް ހަމަޖެހިލާފައި ނެގަޓިވް ތޯޓްތައް އެއްފަރާތް ކޮށްލުމަށްފަހު ސާފޭސް އަށް އާދެވުމުން ފުރަތަމަ ގަބޫލެއް ވެސް ނުކުރެވުނު،" އުމުރުން 36 އަހަރުގެ ތްރަބްރިޖް ބޭރުގެ ބައެއް މީޑިއާތަކަށް ބުންޏެވެ.

ޓްރަބްރިޖް އަކީ ފްރީޑައިވް ކުރުމުގައި ވޯލްޑް ޗެމްޕިއަންސް އެވެ.

comment ކޮމެންޓް