އޭދަފުށި ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

އޭދަފުށި ކައުންސިލްގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި އަލީ ވަހީދު: ފޮޓޯ/ އޭދަފުށި ޓައިމްސް

ބ. އޭދަފުށި ކައުންސިލުގެ ރައީސް އަލީ ވަހީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ނައުރިފު މިއަދު "ސަން" އަށް ވިދާޅުވީ އަލީ ވަހީދުގެ އިސްތިއުފާ ސިޓީގައި އޭދަފުށި ކައުންސިލުން ގާނޫނާއި ހިލާފު ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ނައުރިފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައުންސިލުން މަޝްވަރާ ކުރިން އަލީ ވަހީދު އެހެން ބަޔާންކޮށްފައި އޮތުމުން ގާނޫނުތަކާ ހިލާފަށް އަޅުގަނޑުމެންނަށް ކުރެވުނު ކަންތައްތަކީ ކޮބައިކަން ބެލުމަށް. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނުނު އެކަހަލަ އެއްވެސް ކަމެއް،" ނައުރީފު ވިދާޅުވި އެވެ.

އަލީ ވަހީދަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެ ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ.

comment ކޮމެންޓް