ހަތް މަސްފަހުން ހުވާ ނުކުރައްވައި ކައުންސިލްގެ ގޮނޑި ދޫކޮށްލައްވައިފި

ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލަށް އަމިއްލަގޮތުން ވާދަކުރައްވައި ކައުންސިލްގެ ގޮނޑިއެއް ކާމިޔާބުކުރެއްވި ގާނޫނީ ވަކީލު ޝާން މުޙައްމަދު އޭނާ ކާމިޔާބުކުރެއްވި ގޮނޑި ދޫކޮށްލައްވައިފި އެވެ.

ކޮނޑޭ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޒުހައިރު މިއަދު 'ސަން' އަށް ވިދާޅުވީ، ކައުންސިލަރުކަން ބޭނުންފުޅު ނުވާކަމަށް ބަޔާންކޮށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ޝާން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީން އެކަން ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.

ގޮނޑި ދޫކޮށްލެއްވުމާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ޝާން ވިދާޅުވީ، އޭނާ އެގޮތަށް ނިންމެވީ އެ މައްސަލަ ދިގުދެމިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު މަގާމު ދޫކޮށްލަން ނިންމީ އެ މައްސަލަ ވަކިގޮތަކަށް ހަމަ ނުޖެހި ދިގުލަމުން ދިއުމާ ގުޅިގެން. ބޭކާރު ދުވަސްތަކެއް ގެއްލިގެން މިދިޔައީ،" ގާނޫނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ޝާން، ކައުންސިލްގެ ގޮނޑި ދޫކޮށްލެއްވި ސަބަބު ކިޔައިދެއްވި އެވެ. "މިހާރު އިންތިހާބުވިތާ ހަ މަސްދުވަސް ވެގެން ދިޔައީ. އަޅުގަނޑު މިވަނީ މިހާރު މާލެ އައިސް އަމިއްލަ މައްސަކަތެއް ވެސް ފަށާފައި."

މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރައްވައި ކޮނޑޭ ކައުންސިލަށް އިންތިހާބުވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ކައުންސިލަރަކު އިއްޔެ ވަނީ މަގާމުގެ ހުވާކުރައްވައިފަ އެވެ.

ބުރާސްފަތި ދުވަހު މެންދުރު ކޮނޑޭ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލަރު ކަމުގެ ހުވާކުރައްވާފައި ވަނީ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ، ގއ. ކޮނޑޭ ނޫއަލި، މުރުތަޟާ ސަލީމާއި، އެރަށު ދޯދި، އަޙްމަދު އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ކޮނޑޭ، ކުދިމާގޭ ސިޔާމް މުޙައްމަދު އެވެ.

ކޮނޑޭ ކައުންސިލަށް އިންތިހާބުވެފައިވާ ޝާން މުޙައްމަދު ކައުންސިލްގެ ގޮނޑި ދޫކޮށްލައްވަން ނިންމެވި ނިންމެވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އަޙްމަދު އަބޫބަކުރު ވިދާޅުވީ، ކައުންސިލަރު ކަމުގެ ހުވާ ނުކުރައްވައި، ގޮނޑި ދޫކޮށްލެއްވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން ކައުންސިލްގެ ގޮނޑިއަކަށް އިންތިހާބުވެފައި ހުރި ބޭފުޅަކަށް، ކައުންސިލަރުކަމުގެ ހުވާ ނުކުރައްވައި އިސްތިއުފާ ދެއްވޭނޭ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކޮނޑޭ ކައުންސިލަށް އިންތިހާބުވެފައިވާ ބޭފުޅަކު ގޮނޑި ދޫކޮށްލެއްވިކަން އެ ކޮމިޝަނަށް އަދި މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ، އެލްޖީއޭއިން އެކަން ރަސްމީކޮށް ކޮމިޝަނަށް އެންގުމުން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ކޮނޑޭ ކައުންސިލަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ދެ ކެންޑިޑޭޓެއްގެ ނަތީޖާ އެއްވަރު ވެފައި ވާތީ، ސްޕްރީމް ކޯޓުން އަންގަވާފައިވާ ގޮތުގެ މަތިން، އިންތިހާބުގެ ދެވަނަ ބުރެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު