މީދޫ ބިންހިއްކާ ބޯޓް މަރާމާތަށް މާލެ ގެނެސްފި

ދ. މީދޫ އަށް އިތުރަށް 17.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިން ބިން ހިއްކުމަށް ބޭނުންކުރަމުން ދިޔަ ބޯޓަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް މާލެ ގެނެސްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ އެބޯޓް މާލެ އައިސްފައި ވަނީ އެބޯޓްގެ ޕަންޕެއް ހަލާކުވެގެން ކަމަށެވެ. އަދި އެ ޕަންޕު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް އިސްކަންދޭ ޕްރޮޖެކްޓެއް މީދޫ ހިއްކުމުގެ ޕުރޮޖެކްޓްތަކީ. މާލެ ގެނެސް އެބޯޓްގެ ޕަންޕް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި އެބޯޓް އަނބުރާ މީދު އަށްދާނެ ކަމަށެވެ. އަދި މީދޫން ހިއްކާ 17.5 ހެކްޓާގެ ތެރެއިން މިހާރު ނުހިއްކި އޮތީ ވަރަށް ކުޑަސަރަހައްދެއް ކަމަށާއި ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައަ އިރު އެރަށު ތެރެއަށް ކިސަޑު ބުރުމުގެ މައްސަލަތަކެއް ދިމާވި ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރެވިގެންދާނީ ރައްކާތެރިގޮތްތަކަށް ބަލައިގެން ކަމަށެވެ. އަދި ލިބިފައި ހުރި ގެއްލުންތައް ބެލުމަށް ހައުސިން މިނިސްޓްރީ އާއި އެންވައިރަމެންޓް މިނިސްޓްރީގެ އިސްވެރިންތަކެއް މިއަދު މީދު އަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

އެޕުރޮޖެކްޓަށް ދައްކަން ޖެހޭ ފައިސާ ބޮސްކާލިސް އަށް ދައްކާފައިވާ ކަމަށާއި ފައިސާގެ ކަންކަމުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އާބާދީގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 12 ހެކްޓަރުގެ މީދޫ އަށް އިތުރަށް 17.5 ހެކްޓަރުގެ ބިމެވެ. އެ ޕްރޮޖެކްޓްއަކީ ސަރުކާރުގެ ހަރަދުގައި ހިންގާ ޕްރޮޖެކްޓްއެކެވެ.

މީދޫ ކައުންސިލް ރައީސް އަހުމަދު އަސްލަމް ވިދާޅުވި ގޮތުގައި އެ ރަށް ފުރި އެރަށުން ގޯތި ދޫނުކުރާތާ މިހާރު 23 އަހަރު ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިއްކާ 17.5 ހެކްޓަރުގެ ބިމުން 250 ފަރާތަކަށް ގެ އިމާރާތް ކުރުމަށް ޓަކައި ގޯތި ދޫކުރެވޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު