ޕީޕީއެމް މަޖިލިސް ޕްރައިމަރީ ފަސްކޮށްފި

އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ޕީޕީއެމްގެ މަޖިލިސް ޕްރައިމަރީ ފަސްކޮށްފި އެވެ.

އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ފަސްކޮށްފައި ވަނީ ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ހުރުމުން ކަމަށެވެ. އަދި މި ހަފްތާގެ ކުރިން އެ ޕްރައިމަރީ ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެން ކައުންސިލުން ނިންމަންޖެހޭ ކަންތައްތަކެއް ހުރުމުން ލަސްކޮށްލީ. ދެން ބޭއްވޭނެ ތާރީހެއް ނޭންގެ. އެކަމަކު ހަތެއްގެ ކުރިން ބާއްވަން ޖެހޭނެ. އަޅުނގަޑުމެން މި ބަލަނީ މާދަމާ ނަމަވެސް ކައުންސިލްގެ ބައްދަލުވުންތައް ފެށޭތޯ،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ މިހާރު މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެންބަރުންނަށް ވެސް ޕްރައިމަރީއަކާ ނުލައި ވޯޓު ދިނުމުގެ ކަންތަކުގެ އިތުރުން ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށަހެޅި މީހުންގެ ތެރެއިން ޕްރައިމަރީއަށް ޝަރުތުހަމަވާ މެންބަރުންގެ ލިސްޓު ވެސް އާއްމު ކުރެވޭނީ ކައުންސިލް ބައްދަލުވުމަށްފަހުގައި ކަމަށެވެ.

"މިހާރު ޕާޓީ ތަމްސީލުކުރާ މެންބަރުންނަށް ވެސް އޮތީ 50/50 ޕަސެންޓެއް. އެބޭފުޅުނަށް ޕްރައިމަރީއަކާއި ނުލާ ވާދަކުރެއްވޭނެ ކަން ވެސް އިނގޭނީ ކައުންސިލް ބައްދަލުވުމުން،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުއި ވާދަކުރުމަށް 150 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ 85 އިންތިޚާބީ ދާއިރާތަކުގެ ތެރެއިން އެ ޕާޓީން ވާދަކުރަނީ 49 ދާއިރާ އަކަށެވެ. ބާކީ ހުރި ދާއިރާތަށް ވަނީ އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ މެދުގައި ހުޅުވާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު