އަޅުގަނޑު މަޖިލީހަށް ހާޒިރު ކުރަނީ ދީނީ ގޮތުން ކަން އޮތްގޮތް ނޭނގޭތީ: އިލްޔާސް

ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ އިސްލާމް ދީނާ ފުށު އަރާ ކަންތައްތަކެއް ހުރި ބިލެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގާނޫނުލް އުގޫބާތު ކޮމެޓީ އަށް ހާޒިރުވުމަށް އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިނަށް އަނެއްކާ ވެސް އެންގީ އެ ކޮމެޓީގައި ތިއްބެވި މެމްބަރުންނަށް ދީނީ ގޮތުން އެކަންކަން އޮންނަ ގޮތް އެނގިވަޑައިނުގަންނަވާތީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މަޖިލީހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އިޝާނަމާދަށް ފަހު ފުރުގާން މިސްކިތުގައި ދެއްވި ދަރުހެއްގައި ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތުގެ ބިލަކީ "އިސްލާމް ދީން ފުނޑުފުނޑުކޮށްލުމަށް ބިނާކޮށްފައިވާ ބިލެއް" ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ދަރުސްދެއްވި ކަމަށް ބުނެ އެވެ.

އިލްޔާސް މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ބިލުގައި އިސްލާމް ދީނާ ފުށު އަރާ ފަދަ އެއްވެސް ކަމެއް ނެތް ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވަމުން އެ ގެންދަވަނީ އެ ބޭފުޅުންގެ ކިބައިގައި އެކަމުގެ ހަގީގަތް އެނގޭ ވަރަށް ދީނީ އިލްމު ނެތުމުން ކަމަށެވެ. އަދި ކޮމެޓީ އަށް ހާޒިރު ކުރާ ދުވަހު ކީރިތި ގުރުއާނާއި ސައްހަ ހަދީސްގެ އަލީގައި ކަމުގެ ހަގީގަތް މެމްބަރުންނަށް އޮޅުން ފިލުވާ ދެއްވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އަޅުގަނޑު އަދި ވެސް މިހިރީ ހަމަ އޭރު ބުނި އެތީގެ މަތީގައި. އަޅުގަނޑު ކޮމެޓީ އަށް ގޮސް އެކަން އޮތްގޮތް އިރާދަ ކުރެއްވިއްޔާ ސާބިތު ވެސް ކޮށްދޭނަން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ދީނީ ގޮތުން މިކަން އޮތްގޮތް އެހާ ރަނގަޅަށް އެ ބޭފުޅުންނަށް އެނގިލައްވާ ހެނެއް. އެހެންވީމާ އަދި ވެސް އެ ބުނަނީ ފުށު އަރާ ކަމެއް ނެތޭ،" އިލްޔާސް ވިދާޅުވި އެވެ.

އެ ބިލާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން އިލްޔާސް ވިދާޅުވީ އެ ބިލުގައި ވަރަށް ބޮޑެތި އޮޅުވާލުންތައް އެބަހުރި ކަމަށާއި އަދި އިސްލާމް ދީނުގެ އަސްލު ހުކުމްތަކާއި ޚިލާފުވާ ގޮތަށް އެތައް މާއްދާތަކެއް ވެސް އެ ބިލުގައި ހުރިކަން އެ ދުވަހު ސާބިތު ކޮށްދެއްވާނެ ކަމަށެވެ.

ޝެއިޚް އިލްޔާސް މަޖިލީހަށް ހާޒިރު ކުރާން އުޅޭ މައްސަލައިގައި އަދާލަތު ޕާޓީން ބުނެފައި ވަނީ އިލްޔާސް އެ ދަރުސް ދެއްވި ފަހުން މަޖިލީހުން އެ ބިލަށް މާއްދާއެއް އިތުރުކޮށް އެ ވާހަކަ މަތި ޖަހާން މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށާއި އެހެން ކަމުން އިލްޔާސް ކޮމެޓީ އަށް ހާޒިރު ކުރާން ޖެހޭ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ.
އިލްޔާސް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހާޒިރު ކުރުމަށް އަންގާފައި ވަނީ މިމަހު 15 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު