އެއްވެއުޅުމުގެ ބިލުން ސިޔާސީ ފަރާތްތަކަށް މަގުދައްކައިދޭނެ: ޖަމީލް

މިއަދު މަޖިލީހުން ފާސްކުރި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލްގެ ސަބަބުން ރާއްޖޭގެ ސިޔާސީ ވެއްޓަށް ހެޔޮބަދަލުތަކެއް އައިސް ސިޔާސީ ފަރާތްތަކަށް އެ ބިލުން މަގު ދައްކައިދޭނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ މިނިވަންކަމުގެ ނަމުގައި ބޭނުން ވަގުތަކު ބޭނުން ގަޑިއެއްގައި ބޭނުންތަނަކަށް އެއްވެ މީހުންގެ ނިދި ނަގާލައި އަބުރަށް ހުތުރުވާ ގޮތަށް ހަޅޭއްލަވާ އަޑުގަދަކުރުމަކީ ހައްގެއް ކަމަށް ބައެއް ފަރާތްތަކުން ދެކެމުން ދިޔަ ކަމަށާއި ނަމަވެސް އެ ބިލްގެ ސަބަބުން އެއީ ހައްގެއް ކަމަށް ހީވެފައި އޮތް އޮތުމަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. އަދި މިނިވަންކަމުގެ ނަމުގައި ހިންގޭ ނޭދެވޭ އެކި ހަރަކާތްތައް ގިނަވެފައިވާ ދުވަސްވަރެއްގައި މި ގާނޫނުގެ ސަބަބުން އެކަމަށް އިންތަކެއް ކަނޑައެޅިގެން ދާނެ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

"ކޮންމެ ހައްގަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާ އެކު އޮންނަ ކަމެއްކަން މިއަދު ގާއިމްވެގެން މިދިޔައީ، އަޅުގަނަޑަށް ގަބުލުކުރެވޭ ގޮތުގައި ގާނޫނު އަސާސީގައިވެސް އެ ހުދޫދަށް ކަނޑައެޅިފައި އެބަހުރި. އެހެން ނަމަވެސް އެ ހުދޫދުތައް ގާނޫނަކަށް ތިރިވެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބޭ، ލިބެން ޖެހޭ. ގާނޫނު އަސާސީ އައިމާ އަޅުގަނޑުމެންގެ ތެރެއިން ވަކިބަޔަކަށް ވިސްނިފައި މިއޮތީ ހައްތަހާވެސް ހިފެހެއްޓުމެއްނެތި އޮތް މިނިވަންކަމެކޭ މިއީ. އޭގެ ދަށުން އަޅުގަނޑުމެންގެ ތެރޭގައި މިވީ ދުވަސްތަކުގައި ކަންތައްތައް ފެނިގެން މިދިޔައީ،"ޖަމީލް ވިދާޅުވި އެވެ. "އާންމުރައްޔިތުންގެ މިނިވަންކަމާއި ފަރުދީ އަދި ސަހުސީ އަދި މީހުންނަށް ލިބިގެންވާ މިނިވަންކަމާއި ރައްކާތެރިކަން ނަގާލަމުން މިދިޔައީ ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމުގެ ނަމުގައި. މީސްމީހުންގެ ގެދޮރަށް އަރައިގަތުމާއި ގެދޮރުގެ ކައިރިއަށް އެއްވެ ހަޅޭއްލެވުމާއި މައިބަފައިންނާއި އާއިލާތަކަށް ހަޑިހުތުރު ބަހުން އެއްޗިހި ކިޔާ ހަޅޭއްލަވާ ރޭގަނޑު ދަންވަރުގައި ތުއްތު ކުދިންނާއި އާއިލާތަކުގެ ނިދި މަހުރޫމް ކުރުވި މިނިވަންކަމާއި އެއްވެ އުޅުމުގެ ނަމުގައި އެކަން ކުރިއަށް މިދިޔައީ،"

އޭނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް އެއްވެ އުޅުމުގެ މިނިވަންކަމަކީ ވަކި ހުދޫތަކެއް އޮންނަ ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގައި މިވީ ދުވަސްތަކުގެ ތެރޭގައި ބަޔަކަށް ނޭންގި ތިބެގެންނާއި އަދި އެނގިތިބެގެން ނަމަވެސް ގާނޫނީ އަސާސީން ލިބިދޭ ހައްގުތަކުގެ ނަމުގައި އުނދަގޫތައް ކުރިމަތިކުރުވަމުން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އެއްވެ އުޅުމުގެ ބިލްގެ ސަބަބުން ހަލަބޮލިވެފައިވާ މުޖުތަމައަށް އަމާންކަން ގެނެސް މުޖުތަމައު ހެޔޮ މަގަށް އެޅުމުގެ ބާރަކަށް ވެގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން އަމަން އަމާންކަން ގާއިމްކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ފުލުހުންނަށް މަސްއޫލިއްޔަތު އަދާކުރުމުގައި ފަސޭހަވެ އަމާން ވެއްޓެއް ގާއިމްކުރުމަށް ފަސޭހަވެގެންދާނެ. އޭގެ ސަބަބުން އަމާންވެއްޓެ ގާއިމްވެގެންދާނެ، މީހުންގެ ކަރާމާތައް އަރައިގަތުމަކީވެސް ކުރެވޭނެ ކަމެއް ކަމަށް ދެކިގެން މިއުޅުނީ. ނަމަވެސް މިބިލުން އެކަން ބަދަލުވެގެންދާނެ. މީގެ ސަބަބުން ހައްގުތަކެއް ރައްކާތެރި ކުރެވިގެންދާނެ. އެއްވެ އުޅުމުގެ މަފްހޫމް އެނގިގެން މިދިޔައީ،" ޖަމީލް ވިދާޅުވި އެވެ.

އެ ބލްގެ ސަބަބުން ކޯނީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ މަގުތަކުގައި މުޒާހަރާ ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހައްދުން ނައްޓައިގެން ގޮސްފައިވާ މައްސަލައަށް ހައްލުތަކެއް އައިސް އޭގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

މިއަދު މަޖިލީހުން ފާސްކުރި އެއްވެ އުޅުމުގެ ބިލްގައިވާ ގޮތުން ރައީސް އާއި ނައިބު ރައީސް ދިރިއުޅުއްވާ ގެކޮޅާއި އަދިވެސް މުހިންމު ތަންތަނުގެ ކުރިމަތީގައި މުޒާހަރާ ކުރުމަކީ މަނާކަމެކެވެ. އަދި އެ ބިލްގައި މުޒާހަރާ ކުރެވޭނެ ވަގުތުތަކާއި ގޮތްތައް ކަނޑައަޅައިދީފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު