މުޒާހަރާ ކަވަރު ކުރެވޭނީ ކޮމިޝަނުން "ހުއްދަދޭ" ނޫސްވެރިންނަށް އެކަނި

އެއްވުންތައް ކަވަރުމަށް ނޫސްވެރިން ހަރަކާތްތެރި ވެވޭނީ ބްރޯޑްކާސްޓިން ކޮމިޝަނުންދޭ ހުއްދައެއްގެ ދަށުން ކަމަށް އެއްވެއުޅުމުގެ މިނިވަންކަން ހަނި ކުރެވޭގޮތަށް މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ކަނޑައަޅައިފި އެވެ.

ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވޯޓް ދެއްވައިގެން ފާސްކުރި "ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު"ގެ 54 ވަނަ މާއްދާގައި ބުނަނީ އެއްވުމާ ގުޅޭ މައުލޫމާތު ފެތުރުމަށް ޓަކައި ހަރަކާތްތެރިވާ ނޫސްވެރިންނަކީ، ގާނޫނުގައި ބަޔާންވެގެންވާ ފުރުސަތުތައް ލިބިގެންވާ ނޫސްވެރިންނަކީ ބްރޯޑްކާސްޓިން ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ވާންޖެހޭނެ އެވެ. އަދި އެ ގާނޫނު ފާސްވާތާ ތިން މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް ހަދައި، އިއުލާން ކުރަންވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ނަމަވެސް އެ ބިލް ކޮމެޓީ އަށް ފޮނުވި އިރު، ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ބާރާއި އިހްތިޔާރު ދީފައި ވަނީ މީޑިއާ ކައުންސިލަށެވެ. ނަމަވެސް ކޮމެޓީން ރިޕޯޓް ދިރާސާ ކުރި އިރު އެ ބާރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ދީފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނަށް އެ ބާރު ދިނުމުން ބްރޯޑްކާސްޓިން މީޑިއާތައް ފާރަވެރިވުމަށް ގާނޫނުން ބާރުދީފައިވާ ކޮމިޝަނުން ޕްރިންޓް މީޑީއާއި އޮންލައިން ނޫސްވެރިކަމަށް ބާރު ފޯރުވުމުގެ ފުރުސަތު ލިބުނީ އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ މީޑީއާތަކެއް ރެގިއުލޭޓް ކުރުމުގެ ބާރު ވަކި ގާނޫނަކުން ލިބިދީފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ތައްޔާރު ކުރައްވައި ކޮމެޓީން ދިރާސާކޮށް ފާސްކުރި ބިލުގެ އެއްވުތަކާއި މުޒާހަރާތައް ރޫޅާލުމަށް ފުލުހުން އަޅާ ފިޔަވަޅުތައް ގާތުން ބަލައި އެކަންކަން ރިޕޯޓް ކުރުމަށް ޓަކައި ހަރަކާތްތެރިވާ، އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ފުލުހުން ވިޔަސް އަދި އާންމުން ވިޔަސް ހުރަސްއަޅައިގެންނުވާނެ ކަމަށް ގާނޫނުގައިވެ އެވެ. ނަމަވެސް އެއްވުމަކާ ގުޅޭ ގޮތުން ގެނެސްފައިވާ ހަނިކުރުމެއް ތަންފީޒު ކުރުމަށް ޓަކައި އެކަށީގެންވާ ދުރުމިނެއްގައި ނޫސްވެރިން ތިބުމަކީ، ނުވަތަ ބޭތިއްބުމަކީ ފުލުހުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމަކީ ނޫސްވެރިންނަށް ހުރަސްއެޅީ ކަމަށް ނުބެލެވޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.

ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކްރެޑިޓްކޮށްފައިވާ ނޫސްވެރިޔަކު އެއްވުމުގެ ބައިވެރީންގެ އަމަލުގައި ބައިވެރިވަނީކަން ފާހަގަ ކުރެވޭ އަމަލެއް ކޮށްގެންނުވާނެ އެވެ. ނަމަވެސް އެފަދަ އަމަލަކީ ކޮބައިކަން ގާނޫނުގައި ބަޔާންކޮށްފައިނުވެ އެވެ. އަދި އެފަދަ އަމަލެއްކޮށްފި ނަމަ، އެ ނޫސްވެރިޔަކީ އެއްވުމުގެ ބައިވެރިއެއް ކަމުގައި ބަލައި، އެ އުސޫލުން އަމަލު ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެ އެވެ.

މުޒާހަރާތައް ލައިވް ކުރުމާ ގުޅޭ ގޮތުން އެ ބިލުގެ 55 ވަނަ މާއްދާގައި ބުނަނީ ބްރޯޑްކާސްޓިން މީޑިއާއަކުން އެއްވުމެއް ލައިވް ކުރާ ނަމަ އެކަން ކުރަންވާނީ 60 ސިކުންތު ނުވަތަ އެއް މިނިޓް ލަހުން ކަމަށެވެ. އެއް މިނިޓް ލަހުން މުޒާހަރާ ލައިވް ކުރުމުގެ ބޭނުމަކީ އެއްވުމެއްގައި ދެކެވޭ ވާހަކައެއް ނުވަތަ ކުރާ ކަމަކީ ބްރޯޑްކާސްޓިން ކުރުމުގެ މިންގަނޑާ ހިލާފު ކަމެއް ކަމުގައިވާ ނަމަ އެ ވާހަކައެއް ނުވަތަ އެ ކަމެއް ބްރޯޑްކާސްޓު ނުކުރުމަށް ފުރުސަތު ދިނުން ކަމަށް ބިލުގައި ބުނެ އެވެ.

އެއްވެއުޅުމުގެ ބިލް މަޖިލީހުން ފާސް ކުރީ ވޯޓްގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސް ކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 30 މެންބަރުންނެވެ.

ބިލުގައިވާ ގޮތުން ޖުމްހޫރީ މައިދާނާއި އެމްއެމްއޭ ސަރަހައްދާއި ރައީސުލްޖޫމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި އެމްއެންޑީއެފާއި ފުލުހުންގެ މައި މަޒުކަޒު ކައިރިއަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި އެފަދަ ތަނަކަށް އެއްވުމުގައި ތިބެންޖެހޭ ދުރުމިން ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން އެއްވުމެއް ހުއްޓި، ނުވަތަ އިށީނދެ ތިބެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހާއި މިސްކިތްތަކާއި މަދަރުސާތަކާއި ޝަރުއީ ކޯޓްތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އެއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް މުޒާހަރާއެއްގެ ބައިވެރިން އެތަނެއްގެ ކައިރިންލާފައި ހިނގާފައި ދިޔުމަކީ މައްސަލައެއް ނޫނެވެ.

އެއްވެއުޅުން ހަނިކުރެވޭ ގޮތަށް މި އަހަރުގެ އެޕްރީމް މަހުގެ ތެރޭގައި ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލް ދިރާސާ ކުރީ ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުންނެވެ. އެ ކޮމެޓީގައި ހަތް މެންބަރުން ތިއްބަވަ އެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ނައިބު މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ރަމީޒާއި ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު