އިސްލާމް ދީނުގެ ހައްދުތައް ގާއިމްކުރުމަށް އަޑުއުފުލަން އެއްވުމެއް ބާއްވަނީ

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހައްދުތައް ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ އެއްވުމެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ. "ތަންފީޒު"ގެ ނަމުގައި އެ އެއްވުން އިންތިޒާމް ކުރަނީ ވަކި ޖަމާއަތަކަށް ނިސްބަތްނުވާ ޒުވާނުންތަކެކެވެ.

މުސްލިމުންގެ ގުޅުމުގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އެއްވުން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ޒުވާނެއް ކަމަށްވާ އަޖްނާދު އަލީ ވިދާޅުވީ "މަރަށް މަރު އަދި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން" މި ނަމުގައި ޒުވާނުން އިސްނަގައިގެން ބައިވެރިވާ އެއްވުން އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 ޖަހާއިރު އާޓިފިޝަލް ބީޗުގައި ކަމަށެވެ.

އެ އެއްވުމުގައި ދީނީ ދަންނަ ބޭކަލުންނާއި، ދީނަށް ލޯބިކުރާ ޒުވާނުން ބައިވެރިވާނެ ކަމަށާއި، އެ އެއްވުމަކީ ވަރަށް ތަފާތު ގޮތަކަށް ބޭއްވޭ އެއްވުމެއް ކަމަށްވެސް އަޖުނާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބޭއްވޭ އެއްވުމުގެ މަގުސަދަކީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުތައް ތަންފީޒު ކުރުމަށް ސަރުކާރަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އަދި ތަންފީޒީ އިދާރާ ތަކަށް ޕްރެޝަރު ކުރުން ކަމަށެވެ.

އެއްވުން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ޝެއިޚް އަޒްމަތު ޖަމީލް ވިދާޅުވީ ގައުމު އަމާން ތަނަކަށް ހަދަން ބޭނުންނަމަ އިސްލާމް ދީނުގައި ކަނަޑައެޅިފައިވާ ހައްދުތައް ތަންފީޒު ކުރުން ނޫން ދެވަނަ ގޮތެއް ނޯންނާނެ ކަމަށާއި، އެ އެއްވުމަކީ ޒުވާނުން އިންތިޒާމްކުރާ އެއްވުމެއް ނަމަވެސް ކޮންމެ މުސްލިމަކުވެސް އެ އެއްވުމުގައި ބައިވެރިވެ ދެއްވުމަށް ގޮވާލާ ކަމަށެވެ.

"ގައުމު މި ދަރަޖައަށް ދާން ޖެހުނީ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުތައް ގާއިމު ނުކުރެވޭތި. އަޅުގަނޑުމެން ކޮންމެ މުސްލިމަކަށްވެސް މި އެއްވުމުގައި ބައިވެރި ވުމަށް ގޮވާލަން،" އަޒްމަތު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު