އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަން ބޭނުންކުރާ ގެއެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފިއެވެ.
މިއަދު އައްޑޫ ސިޓީ ފުލުހުން ބުނީ، ހިތަދޫގައި ހުންނަ ލާމިޔާގެއާގެ، އިއްޔެއިން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
އެ ގެ ބަންދުކޮށްފައިވަނީ އެ ގެއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން ބޭނުންކުރާ ގެއަކަށް ވާތީ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ސަބަބުން އާންމުންނަށް އުނދަގޫތަކެއް ފޯރާކަމަށް ފުލުހުންނަށް އެކި ފަހަރުމަތިން ޝަކުވާ ހުށަހަޅައިފައިވާ ކަމަށާއި ގެ ބަންދުކޮށްފައިވަނީ އެ ކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން ބުނީ، ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އަދި، އެފަދަ ތަންތަނަށް ހުއްދައަކާ ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފައިވެއެވެ.
މިދިޔަ މަހު ފުވައްމުލަކު ސިޓީގެ މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭކަމުގެ ތުހުމަތުވާ ތަނެއް ބަންދުކުރަން އަމުރުކޮށްފައެވެ. އެއީ ޑުރަގު ކެފޭއެއް ކަމަށް ތުހުމަތުވާތީ، މާލޭން ބޭރުން ބަންދުކުރި ފުރަތަމަ ގެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ފުޅާވެފައިވާއިރު، މި ސަރުކާރުގައި މަސްތުވާތަކެތީ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ މާރިޗު ވަނީ އިސްލާހުތަކަށް އަމަލުކުރަން ފަށައިފައެވެ. އެގޮތުން، ޑުރަގު ކެފޭތައް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާއިރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް، އޭގެ ބާވަތާއި ބަރުދަނަށް ބަލައި މަރުގެ އަދަބު ދެވޭ ގޮތް ގާނޫނުގައި ހަދާފައިވެއެވެ.