އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން މިއަދު ބަދަލުކޮށްފިއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށް ވިދާޅުވެ، ޝަކުވާއެއްގެ ގޮތުގައި މީކާއީލް ވަނީ އެކަން ހުށަހަޅުއްވާފައެވެ. އެ ސިޓީގައިވާ ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ:
- ފ. ފީއަލި
- ލ. އިސްދޫ-ކަލައިދޫ
- ލ. މަތިމަރަދޫ
- ގއ. ވިލިނގިލި
ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ގެނައި ބަދަލުތައް އިއުލާނުކޮށްފައެވެ. މިހާރު ގެނައި ބަދަލުގައިވާ ގޮތުން:
- ފ. ފީއަލި: ވޯޓުފޮށި ހުންނާނީ ފ. އަތޮޅު ސްކޫލުގައި
- ލ. އިސްދޫ-ކަލައިދޫ: ވޯޓުފޮށިތައް ހުންނާނީ އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލުގައި
- ލ. މަތިމަރަދޫ: ވޯޓު ފޮށި ހުންނާނީ ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގައި
- ގއ. ވިލިނގިލި: ވޯޓުފޮށި ހުންނާނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި
އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރެއްވީ އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. ނަމަވެސް، އޭނާ ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.