10 ދުވަހުގެ ބަންދަށް ފަހު ލޫކަސް ދޫކޮށްލައިފި

ނަޝީދާ އެކު ލޫކަސް: 10 ދުވަހުގެ ބަންދަށް ފަހު ލޫކަސް ވަނީ ދޫކޮށްލާފައި -- ފޮޓޯ/ ލޫކަސް - އެކްސް ޕޯސްޓް

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއް ތެރެއިން ހައްޔަރުކުރުމަށް ފަހު، ބަންދުގައި 10 ދުވަހު ބަހައްޓާފައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް (ލޫކަސް) މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

އޭނާ ހައްޔަރުކޮށް 10 ދުވަހަށް ބަންދުކުރީ މި މަހު 14 ވަނަ ދުވަހެވެ.

ލޫކަސްގެ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ލޫކަސް ބަންދުން ދޫކޮށްލިކަން ޔަގީންކޮށްދީފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި، މި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން، އެންމެ ފުރަތަމަ ކުރިމަތިލުން ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ.

އެ އިހުތިޖާޖުގެ ތެރެއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ އަށް ފިރިހެނުންނާއި ދެ އަންހެނުންނެވެ.

https://sun.mv/221995

އޭގެ ތެރެއިން ހަތް މީހުން ދޫކޮށްލިއިރު، ބަންދުކުރީ ތިން މީހުންނެވެ. ބަންދަށް އެންމެ ގިނަ ދުވަސް ޖެހީ ލޫކަސްއެވެ. ދެން ތިބި މީހުން ވެސް މިހާރު ދޫކޮށްލާފައިވާއިރު، ލޫކަސް ވެސް މިހާރު ވަނީ މިނިވަންވެފައެވެ.

އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ދުވަހުގެ އިހުތިޖާޖަކީ މި މަހު 12 ގައި ހައްޔަރުކުރި "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު ހަމަވެގެން އެ ނޫހުގެ އެއް ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަނީ ހުކުރު ދުވަހު ހެނދުނު ދޫކޮށްލާފައެވެ. އެކަމަކު، ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އަދިވެސް ހުރީ ބަންދުގައެވެ.

އެ ނޫސްވެރިން ހައްޔަރުކުރީ އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ނެރެފައިވާ ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެއެވެ. އެ މައްސަލައިގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ވަނީ ގަޒްފުކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް ވެސް ނުސީދާކޮށް ވެސް ނުދައްކަން ގޮވާލާ ގެގް އޯޑަރެއް ނެރެފައެވެ.

މި މަހުގެ 14 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ޝަމްޢޫން ޖަލީލް ބަންދުން ދޫކޮށްލިކަން އޭނާގެ ވަކީލު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި އޭނާއާއެކު ޖުމްލަ 10 މީހަކު ހައްޔަރުކުރިއިރު، ބަންދުގެ މުއްދަތު ހަމަވުމުން އެ އެންމެން ވެސް މިހާރު ވަނީ މިނިވަންކޮށްފައެވެ. މި މުޒާހަރާއަކީ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ. ކޯޓު އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން އެކަކު ދޫކޮށްލާފައިވީނަމަވެސް، އަދިވެސް އެއް ނޫސްވެރިއަކު ބަންދުގައި އެބަހުއްޓެވެ. މީގެ އިތުރުން، ކަމާގުޅޭ އިދާރާތަކުން ވަނީ އެ ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލައިގައި ވާހަކަދެއްކުން މަނާކޮށް އަމުރެއް ނެރެފައެވެ.

  • 10 ދުވަހުގެ ބަންދަކަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްޢޫން ޖަލީލް ވަނީ މިނިވަންކޮށްފައި.
  • މުޒާހަރާއިން ހައްޔަރުކުރި 10 މީހުން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައި.
  • މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ބޭއްވި ހަރަކާތެއް.
  • ކޯޓު އަމުރަކާ ޚިލާފުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިންގެ ތެރެއިން އެކަކު އަދިވެސް ހުރީ ބަންދުގައި.
  • މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކޯޓުން ވަނީ އަމުރެއް ނެރެފައި.
comment ކޮމެންޓް