އަންހެނުންގެ ބޮޑު ކަރާމާތް

މުލަ ރޯދަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރުކުރި އެވެ. އެ މައްސަލަ ވީ މީޑިޔާ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑު މައްސަލަ އަކަށެވެ. ފުރަތަމަ ކަމަކަށްވީ އަންހެން މީހާ ހައްޔަރު ކުރުމުގައި މުޅިންވެސް ފިރިހެން ފުލުހުން ހަރަކާތްތެރި ވުމެވެ. ސަބަބަކަށްވީ އަންހެނުންގެ ކަރާމާތަށް ބުރޫއެރުމެވެ. ބައިނަލް އަގުވާމީ މުއާހަދާ ތަކުން އެކަން މަނާ ކުރާކަމަށް ބުނާ އަޑު މާގަދަވި އެވެ.

ނަމަވެސް އެ ވާހަކައިގެ އަނެއް ފަރާތް އޮތީ ނުދައްކާ ވާހަކައެއްގެ ގޮތުގަ އެވެ. އަޅުގަނޑު ހިތައް އަރާ ސުވާލުތައް ގިނަ އެވެ. އަންހެނެއްގެ ކަރާމާތަކީ ކޮބައިބާ އެވެ؟ އަންހެނުންގެ ހައްގަކީ އަންހެނަކު ހިތައް އެރި ކަމެއް ކުރަން ލިބިދޭ ލައިސަންސެއް ހެއްޔެވެ؟

އަންހެނުންގެ ކަރާމާތާ ގުޅޭ ގިނަ މާއްދާތަކެއް ރާއްޖެ ބައިވެރިވާ މުއާހަދާތަކުގައި ހުރިކަން އަޅުގަނޑަށްވެސް އެނގެ އެވެ. ރާއްޖެ ބައިބެރިވާ ބައިނަލް އަގުވާމީ މުއާހަދާތަކުގައި އަންހެނުންގެ ކަރާމާތް މާނަ ކުރެވޭ ގޮތް ބަލަން އަޅުގަނޑު ހާރިޖީ ދާއިރާގެ ތަޖުރިބާކާރަކާއި ވާހަކަ ދައްކާލީމެވެ. އޭނާ ވިދާޅުވީ އަންހެނަކު ކުށެއްގެ ވެށިން ހައްޔަރު ކުރާއިރު ފިރިހެން ފުލުހުންނަށް އަންހެނަކު ހައްޔަރު ނުކުރެންވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މައްސަލަ ސާފުވީތާ އެވެ. އަދި އޭނާ އެހެން ވާހަކައެއްވެސް ވިދާޅުވި އެވެ. އެކަން ބައިނަލް އަގުވާމީ މުއާހަދާއަކުން މަނާވެސް ނުކުރާނެ ކަމެވެ.

މިފަހަކަށް އައިސް މުޒާހަރާތަކުގެ އިސްސަފުގައި އަންހެނުން ހަރަކާތްތެރިވެ އެވެ. އަންހެނުންވެސް ވަކި ފިރިހެނުންނަށް ދޫކުރާ މަންޒަރެއް ނުފެނެ އެވެ. ގާ ބުރިވެސް އުކަ އެވެ. ފެންފުޅިވެސް އެއްލަ އެވެ. މި ހަގީގަތް އޮތީ އެހެންނެވެ. ބެރިކޭޑްގައި ފައިން ޖަހައި ބެރިކޭޑް މަތިން ފުންމާލަން ޖެހިއްޖިއްޔާ އެކަންވެސް ކުރެ އެވެ. އެކަމަކުވެސް އަންހެނަކު ހައްޔަރު ކޮށްފިނަމަ އެކަން ވަނީ ބޮޑު ކަމަކަށެވެ. އަންހެނުންގެ ހައްގުތަކަށް އަރައި ގަންނަނީ ކަމަށް ބުނާނެ އެވެ. ކަރާމާތް ގެއްލުވާލީ ކަމަށް ބުނާނެ އެވެ. އެކަމަކު އަޅުގަނޑުގެ ސުވާލަކީ އަންހެނަކު ކުށަކަށް އަރައިގަނެ ގާނޫނު އަސާސީގެ ބޭރުން ކަމެއް ކުރާނަމަ ދެން ހަދަންވީ ކިހިނެތްތޯ އެވެ؟ އަންހެނުންގެ ކަރާމާތް ހިފަހައްޓާނީ އަންހެނުން އަމިއްލައަށް ނޫންހެއްޔެވެ؟ ކަރާމާތުން ބޭރުވެ އިންފަހަނައަޅައި ގޮސްގެން އުޅޭނަމަ ދެންވެސް ފުލުހުން ނުކުމެ ބުރަކަށީގައި ފިރުމަން ވީބާއޭ އަޅުގަނޑުގެ ހިތައްއަރައެވެ.

ދަނގަޑު ކެނޑޭނީ ދަގަޑުންނޭ ބުނެ އުޅެއެވެ. އެހެން ކަމަށްވާނަ ޖިހާދީ ފިކުރުގައި އަންހެނުން މުޒާހަރާއަށް ނުކުމެ ތިބޭނަމަ އެ މީހުންނާ ކުރިމަތިލާން ޖެހޭނީ އެފަދަ ބާރަކާއެކު އެވެ. މިއީ ޕްރެކްޓިކަލީ އެކަން އޮންނަން ޖެހޭނެ ގޮތެވެ. މުޒާހަރާގެ ތެރެއިން ފުލުހުންނާއި ދިމާލަށް އަތުހުރި އެއްޗެއް އުކާ އާންމުންގެ އެތައް ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅަމުން ދާއިރުވެސް އަންހެން ފުލުހަކު އަންނަންދެން އަންހެން މީހާ ހައްޔަރު ނުކޮށް މަޑުކުރާނީ ކިހިނެތް ހެއްޔެވެ؟

ގަބޫލުކުރަމެވެ. އަންހެނުންގެ ހައްގުތަކެއްވެސް އޮންނަންޖެހެ އެވެ. އެމީހުންނަށް އަނިޔާކޮށްގެންވެސް ނުވާނެ އެވެ. ހަމަ އެ ބީދައިން އެއްވެސް އިންސާނަކަށް އަނިޔާވެސް ނުކުރެވޭނެ އެވެ. އެކަމަކު ކުށެއް ކުރަންޏާ ބާރަށް އަޑުލާ އެއްޗެއް ނުބުނެވުމަކީ އަދި އަންހެނުންގެ ހައްގެއް ނޫނެވެ. އެއަށް އަޅުގަނޑު ނަންދޭ ހިތްވަނީ 19 ތޭކައިގެ އަހަރުތަކުގައި އެމެރިކާއިން ކުރި ފެޅި ހައްދު ފަހަނައަޅާފައިވާ ފެމިނިޒަމްގެ ފިކުރުގެ ގޮތުގަ އެވެ. މިކަމުގައި އެއްބަސްވާ މީހުން ވަރަށް މަދުވެދާނެ އެވެ. އެކަމަކު ހަގީގަތަކީ އަންހެނުންގެ ހައްގުތައް ރާއްޖޭގައި މާނަ ކުރެވޭ ގޮތް މުޅީން އިން ފަހަނައަޅާ ގޮސްފިކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް