ޖަކާޓާ (25 ޖަނަވަރީ 2025): އިސްރާއީލު ހިންގި ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީވުމުގެ ބޮޑެތި ހަރަކާތްތަކެއް އިންޑޮނޭޝިއާގައި ފަށައިގެން ކުރިޔަށް އެބަގެންދެއެވެ.
ޣައްޒާއަށް އެހީވުމަށް ޚާއްސަކޮށްގެން އިންޑޮނޭޝިއާގެ ޕާލަމެންޓުން ވެސް ވަނީ ތިން ސެޝަނެއް ބާއްވާފައެވެ. މިސެޝަންތައް ކުރިޔަށް ގެންދިޔައީ މިކަމުގައި އުޅޭ އެގައުމުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތައް ވެސް ބައިވެރިކޮށްގެންނެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ވެސް ބައިވެރިވެގެންނެވެ.
އިންޑޮނޭޝިއާގެ މީޑިއާ ބުނާގޮތުން މިއީ އެގައުމުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ޕާލަމެންޓާއި ސަރުކާރު ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދާ ހަރަކާތްތަކެވެ. މި ހަރަކާތްތަކުގައި ހިމެނެނީ ވަގުތީ ދެ ހޮސްޕިޓަލް ޣައްޒާގައި ބިނާކޮށްދީ އެތަންތަނަށް އިންޑޮނޭޝިއާގެ ވޮލަންޓިއާ ޑޮކްޓަރުންނާއި ނަރުހުން ފޮނުވުމާއި ބޭހާއި މެޑިކަލް ސާމާނުތައް އެތަންތަނަށް ފޯރުކޮށްދިނުމެވެ.
އަދި މަގުމަތީގައި އުޅެންޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ރަނގަނޅު ފެންވަރުގެ ޓެންޓްތައް ގިނަ އަދަދަކަށް ޣައްޒާއަށް ފޮނުވުން ވެސް ހިމެނެއެވެ. އިންޑޮނޭޝިއާއަކީ ރަނގަނޅު ފެންވަރުގެ ޓެންޓްތައް އަމިއްލައަށް އުފައްދާ ގައުމެއް ވެސް މެއެވެ.

އިންޑޮނޭޝިއާގެ ޕާލަމެންޓްގައި ޣައްޒާއަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގެ ތެރެއިން
ހަނގުރާމައިގެ ސަބަބުން ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ ނިކަމެތި ކުޑަކުދިންނާއި އެނޫންވެސް މީހުންނަށް ނަފުސާނީ ފަރުވާދިނުމުގެ ކްލިނިކްތަކެއް ހުޅުވުމާއި އެތަންތަނަށް ބޭނުންވާ ކައުންސިލަރުންނާއި ނަފުސާނީ ޑޮކްޓަރުން ފޯރުކޮށްދިނުން ވެސް އެހީގެ ޕެކެޖްތަކުގައި ހިމެނެއެވެ.
މީގެއިތުރުން ވަގުތީ ސްކޫލްތައް ބިނާކޮށްދިނުމާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި ކާބޯތަކެއްޗާއި އަންނައުނާއި ސާފުތާހިރުވާން ބޭނުންވާ ސާމާނު ފޮނުވައި ދިނުންވެސް ހިމެނެއެވެ. މި އެހީތައް ޣައްޒާއަށް ފޮނުވައި ދޭނީ އެއްފަހަރަކާ ނޫނެވެ.
މި މަސައްކަތް ކުރާނީ ހުއްޓުމެއްނެތި ދެމިހެއްޓެނިވި ގޮތަކަށް ކަމަށް މިކަމުގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާތަކާއި ޕާލަމެންޓްގެ މެންބަރުންނާއި ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.
އިންޑޮނޭޝިއާ އަކީ ޣައްޒާގެ ގަތުލުއާންމުތަކުގެ ކުރިންވެސް ޣައްޒާގައި ހޮސްޕިޓަލާއި ސްކޫލްތައް ބިނާކުރުންފަދަ އިންސާނީ އަދި އިންފްރާސްޓްރަކްޗާގެ އެތަށް އެހީތެރިކަމެއް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އިސްލާމީ ގައުމެކެވެ. ވަގުތީ ހޮސްޕިޓަލްތަކާއި ވަގުތީ ޓެންޓްތައް ފޮނުވި ނަމަވެސް ޣައްޒާގައި ދާއިމީ ދެ ހޮސްޕިޓަލާއި ސްކޫލްތައް ބިނާކޮށްދިނުން ވެސް އިންޑޮނޭޝިއާއިން ޣައްޒާއަށް ދޭ ދިގުމުއްދަތުގެ އެހީގެ ތެރޭގައި ހިމެނޭނެކަމަށް އިންޑޮނޭޝިއާގެ ޕާލަމެންޓް މެންބަރުން ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ ޕާލަމެންޓްގައި ޣައްޒާއަށް އެހީވުމަށް ބޭއްވި ޖަލްސާތަކުގެ ތެރެއިން
އިންޑޮނޭޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ގައުމެވެ. އެގައުމުގެ އާބާދީގެ ގާތްގަނޑަކަށް 88 އިންސައްތައަކީ މުސްލިމުންނެވެ. ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަނީ ހަމައެކަނި އެގައުމުގެ މުސްލިމުން އެކަންޏެއް ނޫނެވެ. ޣައިރުމުސްލިމުން ވެސް މުސްލިމުންނާ ގުޅިގެން ޣައްޒާއަށް އެހީތެރިވުމުގައި ހަރަކާތްތެރިވެއެވެ.
އިންޑޮނޭޝިއާގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތައް ގުޅިގެން ގެންދަނީ ޣައްޒާއަށް އެހީވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑް ރައިޒިންގެ ގިނަ ހަރަކާތްތަކެއް އެގައުމުގެ ކަންކޮޅުތަކުގައި ހިންގަމުންނެވެ.
ޣައްޒާގެ އާންމުންނަށް އެހީދިނުމުގައި ބައިވެރިވުމަށް އިންޑޮނޭޝިއާގެ އާންމުންވެސް ވަރަށް ބޮޑަށް ބޭނުންވާކަމަށް އެގައުމުގެ މީޑީއާތައް ބުނެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ދެވުނު ފައިސާގެ އެހީއެއް މިކަމަށް ދޭން ބޭނުންވެއެވެ. ފައިސާ ހޯދުމަށް ބާއްވަމުން ގެންދާ ފަންޑް ރައިޒިންގެ އިވެންޓްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭކަމަށް ވެއެވެ.
އިންޑޮނޭޝިއާގެ އާންމުންނާއި ޖަމިއްޔާތަކާއި ޕާލަމެންޓާއި ސަރުކާރުވެސް ގުޅިގެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތުން ޣައްޒާއަށް އެތަށް ސަތޭކަ މިލިއަން ޑޮލަރެއްގެ އެހީ ކުރިޔަށް އޮތްދުވަސްތަކުގައި އެތަށް މަހެއްވަންދެން މެދުކެނޑުމެއްނެތި ފޮނުވަމުން ގެންދާގޮތަށް ދަނީ ރާވަމުންނެވެ.
އިސްރާއީލުގެ އަމާޒަކަށްވީ ޣައްޒާއިން ޣައްޒާގެ ރައްޔިތުން ބޭރުކޮށްލުމެވެ. ބޭރުކޮށް ނުލެވިއްޖެނަމަ ޣައްޒާގެ ގިނަ ބަޔަކު މަރާލައި އެތަނަކީ އިންސާނުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމެވެ.
ޣައްޒާއިން ރައްޔިތުން ބޭރުކޮށް ނުލެވުނު ނަމަވެސް އެތަނަކީ އިންސާނުންނަށް ދިރިނޫޅެވޭނެ ތަނަކަށް ހެދުމުގައާއި ޣައްޒާއިން މީހުން މަރައިގެން މީހުން ހުސްކުރުމުގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި އިސްރާއީލު ވަނީ ކާމިޔާބީތަކެއް ހޯދާފައެވެ.
ޣައްޒާގެ ގެދޮރުގެ ތެރެއިން 85 އިންސައްތަ ގެދޮރާއި ސްކޫލްތަކުގެ 90 އިންސައްތަ އިސްރާއީލު ވަނީ ހަލާކު ކޮށްލާފައެވެ. ޣައްޒާގައިވާ 38 ހޮސްޕިޓަލުން 34 ހޮސްޕިޓަލްވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ. ކްލިނިކްތަކުގެ ތެރެއިން 69 ކްލިނިކް ވަނީ އެއްކޮށް ފުނޑާލާފައެވެ.
އާންމުންގެ 46 ހާހަށް ވުރެ ގިނަ އާންމުން ވަނީ ޝަހީދުކޮށްލާފައެވެ. 150އަށް ވުރެ ގިނަ އާއިލާ އެއްކޮށް ވަނީ ޝަހީދުކޮށްލާފައެވެ. ލައްކައަކަށް ވުރެ ގިނަ ކުޑަކުދިން ވަނީ ޔަތީމު ކޮށްލާފައެވެ. ހުވަފަތްކޮށްލާފައިވާ ފިރިހެނުންނާއި އަންހެނުންގެ އަދަދާއި ދަރިން ޝަހީދުކޮށްލުމުގެ ސަބަބުން ބަކވެފައިވާ މައިން ބަފައިންގެ އަދަދުވެސް އެތަށް ލައްކައިން ގުނާލެވޭކަމަށް ވެއެވެ.
އިންޑޮނޭޝިއާގެ އިތުރުން އިސްލާމީ އެތަށް ގައުމެއްގައި ވެސް ވަނީ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީ ދިނުމުގެ ހަރަކާތްތަކެއް ފަށާފައެވެ.
މީގެތެރޭގައި މެލޭޝިއާ، ތުރުކީ، އީރާން، ޕާކިސްތާން، ބަންގްލަދޭޝް، އަދި އަރަބި ގައުމުތަކާއި އެފްރިކާގެ އިސްލާމީ ގައުމުތައް ވެސް ހިމެނެއެވެ. މުސްލިމް ގައުމުތަކުގެ އިތުރުން ދުނިޔޭގެ ޣައިރު މުސްލިމް ގައުމުތަކުގެ ވެސް އާންމުންނާއި އެހީދޭ ޖަމްއިއްޔާތަކުން އިސްނަގައިގެން ވަނީ ބޮޑެތި ހަރަކާތްތަކެއް ފަށައިފައެވެ.