ހައުސިން މިނިސްޓްރީގެ އިމާރާތުގައި މިއަދު ރޯވެ އެނދިއިރު އެ ތަނުގެ އޮފީހެއްގައި މަސައްކަތް ކުރާ މުވައްޒަފަކު އުމްރާއަށް ފުރުމަށްޓަކައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާ ރައްކާތެރިކަމާ އެކު ހޯދައިފިއެވެ.
ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ދިޔައީ މާލޭ ސިޓީ ކައުންސިލްގެ އިދާރާތަކެއް ވެސް ހިންގަމުންނެވެ. އެއީ، ސިޓީ ކައުންސިލުގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަނުގެ އިތުރުން ބިލްޑިން ސެކްޝަނެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ވައިޓަލް ސެކްޝަންގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅޭ, ސޮފިއްޔާ އުސްމާން, އުމްރާއަށް ދިއުމަށްޓަކައި އެއްކޮށްފައި ހުރި ހަތަރު ހާހެއްހާ ޑޮލަރު ހުރީ އޮފީހުގެ ކަބަޑެއްގައި ބަހައްޓައިފައެވެ.
މިއަދުގެ އަލިފާނުގެ ހާދިސާ ހިންގަމުންދިޔައިރު އެ ވާހަކަ ސޮފިއްޔާ އެންގުމުން ސިފައިންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުން އިމާރާތުގެ ތެރެއަށް ވަދެ އެ ފައިސާތައް ހޯދައިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"އެ ފައިސާއަކީ އެ މުވައްޒަފާ އިތުރު ތިން މީހަކު އުމްރާއަށް ދިއުމަށް ރައްކާކޮށްފައި ހުރި ފައިސާ. އެ ފައިސާތައް ރައްކާތެރިކަމާ އެކު ހޯދައި މިހާރު ވަނީ ހަވާލުކޮށްފައި," އޮފިޝަލް ވިދާޅުވިއެވެ.
ސޮފިއްޔާއާއި އޭނާއާ އެކު އުމްރާއަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ތިން މިނިސްޓްރީގެ މަސައްކަތް ވެސް ވަގުތީ ގޮތުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.