ސަރުކާރުގެ ހިލޭ ބޭސް ފަރުވާދޭ ނިޒާމު އާސަންދަ މެދުނުކެނޑޭނެކަން ޔަގީންކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން ރިޔާސަތުން ނިންމަވައިފިއެވެ.
އާސަންދައާ ގުޅޭ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.
އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ 2011 ވަނަ އަހަރު އާސަންދަ ތައާރަފުކުރީއްސުރެ އެ ސްކީމް ހިންގާފައިވަނީ ދައުލަތުގެ މާލިއްޔާއިން ޚަރަދުކޮށްގެން ކަމަށެވެ. އެކަމަކު، ބައެއް ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން އާސަންދައަށް ޚިދުމަތް ދިނުން ހުއްޓާލައި ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، ބޭސްފަރުވާއާއި ބޭހުގެ ކަންކަމަށް ރައްޔިތުން އަމިއްލައަށް ޚަރަދުކުރަންޖެހޭ ކަމުގެ ކަންބޮޑުވުން އިތުރުވާ ކަމަށް އެ މައްސަލައިގައިވަނީ ބުނެފަައެވެ.
މެންބަރު މުހައްމަދު އިބްރާހިމް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އާސަންދަ މެދުނުކެނޑޭނެކަން ކަށަވަރުކޮށް، މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އެކަމަކު، އެ މައްސަލައިގައި ވެސް ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ މައްސަލަ ބޭރުކޮށްލަން ނިންމަވައިފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173071605736IC25.png)
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ: އެ މަނިކުފާނު ވިދާޅުވީ، ބިލުތައް އަވަހަށް ނިންމަނީ ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ނިންމަން ކަމަށް -- ފޮޓޯ/ މަޖިލިސް
"ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ މައްސަލައެއްގައި ބަޔާންކުރާ ކަންކަން ވާންވާނީ ކުއްލިއަކަށް ހިނގައިގެން އުޅޭ ކަމަކަށް. އަދި، އެއީ ވޭތުވެގެންދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައި އޮތް ކަމަކަށް ވާންވާނޭ،" އަބްދުއްރަޙީމް ވިދާޅުވިއެވެ.
އެހެންވެ، އެ މައްސަލަައަށް ވޯޓަށް އެހެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ގޮތަށް ވޯޓަށް ނާހައި ބޭރުކޮށްލި ދެވަނަ ކުއްލި މައްސަލައެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ، މެންބަރު މުހައްމަދު އިބްރާހިމް ކުރިން ހުށަހެޅުއްވި ކުއްލި މައްސަލަ ވެސް ވަނީ ބޭރުކޮށްލައިފައެވެ.
ސަރުކާރުން ވަނީ އާސަންދަ ސްކީމުން އެއްވެސް މީހަކު ބާކީނުކުރާނެ ކަމަށް ބުނެފައެވެ.
އެކަމަކު، ބައެއް ސިއްހީ ޚިދުމަތްދޭ ކުންފުނިތަކުން އާސަންދައިގެ ނާޖާއިޒު ފައިދާ ނަގާކަން ފާހަގަކޮށް، ސަރުކާރުން ވަނީ އާސަންދަ ސްކީމް ވަރަށް ބޮޑަށް ރީފޯމްކުރުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތްކުރި ނަމަވެސް، އެއްވެސް މީހަކު އާސަންދައިން މަހުރޫމުނުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.