އިސްރާއީލަށް މުދާ ހިފައިގެން ދިޔަ 3 އާގު ބޯޓަަކަށް ހަމަލާދީފި

ސަންޢާ (30 އޮކްޓޯބަރު 2024) : އިސްރާއީލަށް މުދާ ހިފައިގެން ދިޔަ ތިން އާގުބޯޓަކަށް ޔަމަންގެ ހޫޘީ ޖަމާއަތުން ވަރުގަދަ ހަމަލާ ތަކެއް ދީފިއެވެ.

ހޫޘީންގެ ތަރުޖަމާނު ކާނަލް ޔަހުހާ ސަރީއު ވިދާޅުވިގޮތުގައި ރަތް ކަނޑާއި އަރަބި ކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާ ހިފައިގެން ދިޔަ ތިން އާގުބޯޓަކަށް އިއްޔެ ހަމަލާ ތަކެއްދީފައިވާނެ އެވެ. އެ ހަމަލާތަކާއެކު އެ ތިން އާގު ބޯޓުގެ ދަތުރުތައް ހުއްޓިފައިވާ ކަމުގައެވެ. އެތިން އާގު ބޯޓުގެ ތަފްސީލު އޭނާ ދެއްވާފައެއް ނުވެއެވެ.

ޔަހުހާ ސަރީއު ވިދާޅުވި ގޮތުގައި އެ ތިން އާގުބޯޓަކީވެސް އިސްރާއީލަށް މުދާގެންދާ ބޯޓުތަކެއްކަން ވަނީ ކުރީއްސުރެ ޔަގީންވެފައެވެ. ހަމަލާދިނީ އިސްރާއީލުގެ އީލާތު ބަނދަރަށް އެތިން ބޯޓުވެސް ކައިރިކުރާނެކަން ކަށަވަރުވުމާ ގުޅިގެންނެވެ. އަރަބި ކަނޑާއި ރަތްކަނޑު ހުރަސްކޮށް އިސްރާއީލަށް މުދާގެންދިޔުމަކީ ޔަމަނުން މަނާކޮށްފައިވާ ކަމެއް ކަމަށާއި އެކަން ނުކުރެވޭނެކަން ވާނީ ވަރަށް ކުރީއްސުރެ އިއުލާނު ކޮށްފައި ކަމަށް ޔަހުހާ ސަރީއު ފާހަގަކުރެއްވިއެވެ.

އިސްރާއީލުގެ އާގު ބޯޓުތަކާއި އިސްރާއީލަށް މުދާގެންދާ އާގު ބޯޓުތަކުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކާ އަދި އެ ދެ ގައުމުތަކަށް މުދާ ގެންދާ އާގު ބޯޓުތަކަށް ހަމަލާދޭނެކަން ވެސް ހޫޘީން ވަނީ ހާމަކޮށްފައެވެ.

ހޫޘީން ވަނީ އެ ތިން ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މި ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުން އެ ޖަމާއަތުން ގެންދަނީ އަރަބި ކަނޑާއި ރަތްކަނޑު ހުރަސްކުރާ އެ ތިން ގައުމުގެ ބޯޓުތަކަށާއި އެ ތިން ގައުމުގެ މަސްލަހަތު ހުރި އާގުބޯޓުތަކަށްވެސް ހަމަލާތައް ދެމުންނެވެ. އެއީ ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މިހާތަނަށް އެ ތިން ގައުމާ ގުޅިފައިވާ 215 އާގު ބޯޓަކަށް ހޫޘީން ވަނީ ހަމަލާދީފައެވެ. ހަމަލާ ދެނީ ޑްރޯން އާއި ޓްރޮޕިޑޯ ފަދަ ކަނޑުގެ މިސައިލުންނާ އަދި ބަލިސްޓިކް މި ސައިލުންނެވެ. ހޫޘީންގެ މި ފިޔަވަޅުތަކުގެ ސަބަބުން އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ ގިނަ އާގު ބޯޓުތައް މިހާރަކަށް އައިސް އަރަބި ކަނޑާއި ރަތްކަނޑު ހުރަސް ނުކުރެއެވެ.

އޭގެ ބަދަލުގައި އެ ތިން ގައުމުގެ ބޯޓުތައް ދަނީ އެފްރިކާ ވަށާލާފައެވެ. ނަމަވެސް އެއީ ވަރަށް ދިގު އަދި ޚަރަދު ބޮޑު ރޫޓެކެވެ. އެކަމުގެ ސަބަބުން އެ ތިން ގައުމުގެ ކަމާބެހޭ ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޫޘީން ހަމަލާދިން އެއް އުޅަނދަކީ މޮޓާރޯ ނަމަކަށް ކިޔާ އާގުބޯޓެކެވެ. އަނެއް އުޅަނދަކީ އެސްސީ މޮންޓްރެއާލް ނަމަކަށް ކިޔާ ބޯޓެކެވެ. ހޫޘީން ހަމަލާދިން ތިންވަނަ އުޅަނދަކީ މެޔާސްކް ކަވްލޫން އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު