މިހާރު އުމުރުން 99 އަހަރު ވެފައިވާ، މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު، ދިގު މުއްދަތަކަށް ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމުގެ ސިއްރުތައް ވިދާޅުވެދެއްވައިފިއެވެ.
ދެ ފަހަރެއްގެ މަތިން މެލޭޝިއާގެ ބޮޑު ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ މަހާތީރު ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކެންސަރުފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމުގެ ނަސީބު ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކެންސަރު ފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައި ނުވާ މީހަކަށް އާދައިގެ ބަލިތަކުން ސަލާމަތް ވުމުގެ ނަސީބު މާބޮޑަށް ވެސް އެބައޮތް ކަމަށް މަހާތީރު ވިދާޅުވިއެވެ.
މަހާތީރު ވިދާޅުވި ގޮތުގައި މާބޮޑަށް ފަލަވުން ނުވަތަ އޮބޭސިޓީއިން މީހާ ދުރުކޮށްދޭ ހުރިހާ ކަމަކަށް ސަމާލުވުން ވަރަށް މުހިންމެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ވިދާޅުވީ ފަލަވުމަކީ ހަށިގަނޑަށް އެއްވެސް ގޮތަކަށް ރައްކާތެރި ގޮތަކަށް ނުވުމެވެ.
އާއްމުކޮށް އަބަދު އޮށޯވެގެން އޮތުމާއި މާ ހަރަކާތްތެރި ދިރިއުޅުމެއްގައި ނޫޅެވުމަކީ ވަރަށް ގިނަ ބަލިތައް ޖެހުމަށް މަގުފަހި ކުރުވާ ކަމެއް ކަން ފާހަގަ ކުރައްވައި މަހާތީރު ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ އަބަދުވެސް ހަރަކާތްތެރިކޮށް އުޅުއްވުމަށް ކަމަށެވެ. އޭގެ ސަބަބުން ބޭކާރު ވިސްނުންތަކަށް ނުވަތަ ސްޓްރެސް ވުމަށް މަގުފަހިނުވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިވި ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއްވެސް ކަމެއް ނުކޮށް މާގިނަ ވަގުތު އޮށޯވެލައިގެން އޮތުމުން މާގިނަ ދުވަހު ދިރިނޫޅެވޭނެ ކަމަށާއި އެހެންކަމުން އަމިއްލަ ސިކުނޑީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް މި ޕޮޑްކާސްޓްގައި މަހާތީރު ވަނީ އިރުޝާދު ދެއްވާފައެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްގޮތަށް ސިކުނޑި ރަނގަޅު ގޮތުގައި ހަރަކާތް ކުރާނީ ހަރަކާތްތެރިވެ އުޅެ ކަންކަމުގައި ވިސްނަން ސިކުނޑިއަށް ފުރުސަތު ދިނުމުން ކަމަށް މަހާތީރު ވަނީ ވިދާޅުވެފައެވެ.
އެލޯ ސްޓާގައި ކުރިން ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި މަހާތީރު ވިދާޅުވި ގޮތުގައި މިއަދު ބޭސްވެރި ކަމުގެ ދުނިޔޭގެ ވަރަށް ގިނަ ކަންކަން ވަނީ ބަދަލުވެފައެވެ. މީގެކުރިން ބަލި މީހާގެ ހިސްޓްރީ ދެނެގަތުމަށް ވަރަށް ގިނަ ކަންކަ ފިޒިކަލީ ވެސް އެގްޒަމައިން ކުރެވޭ ކަމަށާއި ނަމަވެސް މިހާރު ހަމައެކަނި ހަށިގަނޑުން ނަގާ ލޭގެ ތަހުލީލުތަކުން ވަރަށް ގިނަ ކަންކަން ދެނެގަނެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޮފީ ވިތު ރިޔާންގެ ނަމުގައި ގެނެސްދިން ހާއްސަ ޕޮޑްކާސްޓް ޝޯގައި މެލޭޝިއާގެ އެންމެ މަގުބޫލު ޝަހްސިއްޔަތުންގެތެރޭ ހިމެނިވަޑައިގަންނަވާ ޑރ. ސިތީ ހަސްމާހް މުޙައްމަދު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕޮޑްކާސްޓްއިން މި ދެ ބޭފުޅުންގެ އިތުރުން ޝޯ ހޯސްޓުކުރި ޑރ. ރިޔާން ޕޮންނުދުރާއި ދެމެދު ވަރަށް ރަނގަޅު މައުލޫމާތުތަކެއް ބަދަލުކުރެވުނެވެ.