އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ވިއްކުން މަނާކުރާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފިއެވެ.
އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ވޭޕް މަނާކުރުމުގެ ޕްލޭން ފުރަތަމަ އެކުލަވާލީ ކުރީގެ ކޮންޒަވޭޓިވް ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ 15 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ސިނގިރޭޓް ގަތުން މަނާކުރުމުގެ ފިޔަވަޅާއެކުގައެވެ.
ޒުވާނުން ނިކޮޓިންއަށް ދެވިހިފުން ދުރުކުރުމުގެ ގޮތުން މިހާރު ވެރިކަންކުރާ ލޭބާ ސަރުކާރުން ވެސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބިލެއް ތައާރަފް ކުރުމަށް ރާވާފައެވެ.
"އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ވޭޕް މަނާކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކޮށްދޭނެ ކަމެއް ނޫން. އޭގެއިތުރުން ކުޑަކުދިން ވޭޕަށް އޮންނަ ޝައުގުވެރިކަން ކުޑަވެ، ވޭޕް ބޭނުންކުރުމުން ޒުވާނުން ދުރުކޮށްދޭނެ ކަމެއް،" އިނގިރޭސިވިލާތުގެ އާންމު ސިއްޚަތާއި ރައްކާތެރިކަމާ ބެހޭ ވަޒީރު އެންޑްރޫ ގްވިން ވިދާޅުވިއެވެ.
މިދިޔަ އަހަރު އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ގާތްގަޑަކަށް ފަސް މިލިއަން ވޭޕް ކޮންމެ ހަފްތާއަކު ވެސް މަގުމައްޗަށް އުކާލާފައި ހުންނަ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ވޭތުވެދިޔަ ގަރުނުގެ ތެރޭގައި އިނގިރޭސިވިލާތުގައި ވޭޕް ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ގައުމުގެ ކޮންމެ 10 މީހަކުން އެކަކު ވޭޕް ގަނެ ބޭނުންކުރާ ކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ.
ވޭޕް ބޭނުންކުރުމުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް އެހީތެރިވެދޭ ކަމަށް އެ ބޭނުންކުރާ މީހުން ބުނި ކަމުގައިވިޔަސް، ސިއްހީ އިދާރާތަކުން ކަންބޮޑުވަނީ އެތަކެތީގެ ކުލަކުލައިގެ ޑިޒައިންތަކާއި އެކި ކަހަލަ މޭވާގެ ރަހަތައް ލައްވައި ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ޑިޒައިންކޮށްފައިވާތީ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ހެލްތު ޗެރިޓީ އޭއެސްއެޗް އިން މިއަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކު ވޭޕް ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އުމުރުން 18 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ނިކޮޓީން ހިމެނޭ އީ-ސިނގިރޭޓް ވިއްކުމަކީ ގާނޫނާ ޚިލާފު ކަމެކެވެ.