ލުބުނާނު އެހެން ޣައްޒާއަކަށް ވިޔަ ނުދޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން އެގޮތަށް ބުނެފައިވަނީ ލުބުނާނު ވެސް ޣައްޒާ ފަދައިން ފަނާކުރެވިދާނެ ކަމަށް ބުނެ އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރުދެއްވާފައިވަނިކޮށެވެ.
ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲއާއި އިސްރާއިލާ ދެމެދު ހަމަނުޖެހުން ހިނގައި އިސްރާއީލުން ލުބުނާނަށް ހަމަލާ ދޭތާ މިހާރު ވަނީ ދެ ހަފުތާވެފައެވެ.
އިސްރާއީލުން ބުނެފައިވަނީ އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވާ ހިޒްބުاللهގެ އިންފްރާސްޓްރަކްޗާއާއި ހަތިޔާރު ރޫޅާލުމަށް ލުބުނާނުގެ އެތެރޭގައި ލިމިޓެޑް އޮޕަރޭޝަންތަކެއް ކަމަށް ބުނާ އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ. އެފަދަ އަމަލުތަކަށް ތާއީދުނުކުރާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެމެރިކާއިން ވެސް ވަނީ އިސްރާއީލަށް ވާގިވެރިވެފައެވެ.
ބުދަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.
އެ ބައްދަލުވުމަކީ ހަރުދަނާ ބައްދަލުވުމެއް ކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ. އަދި، ހިޒްބުاللهގެ ކިބައިން ދިފާއުވުމުގެ ހައްގު އިސްރާއީލަށް ލިބޭ ކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް، ހަޅުތާލުތަކުގައި ޚާއްސަކޮށް ބެއިރޫތުގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އާންމުންނަށް ހަމަލާ ނުދިނުމަށް ބައިޑެން ވަނީ ގޮވާލައްވާފައެވެ.
މިދިޔަ އަހަރު އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ.
އެމެރިކާއިން ވަނީ އިސްރާއީލަށް ގާތްގަޑަކަށް 17.9 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައެވެ.