އާންމުކޮށް ކައްކަން އުޅޭއިރު އަތުގައި ހަރުލާނެ ވަހާމެދު މާ ބޮޑު ފިކުރެއް ނުހުރެދާނެއެވެ. އެކަމަކު، މާ ގިނައިރު ވަންދެން އަތުގައި އެ ތަކެތީގެ ވަސް ހަރުލާފައި ހުރުމަކީ ބައެއް މީހުންނަށް ތަހައްމަލުކުރަން ދަތި ކަމެކެވެ.
އާންމުކޮށް ކޮންމެ ކެއުމެއް ތައްޔާރުކުރުމަށް ވެސް ފިޔާ އެއީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބާވަތެކެވެ. ވަސް ވެސް ގަދަ އެއްޗެކެވެ.
ފިޔާ ކޮށާ ވަގުތު ގިނަ ބަޔަކު ކަރުނައަޅާއިރު އޭގެ ވަސް އަތުން ނުފިލާތީ އެ ކަމާ ކަންބޮޑުވާ މީހުން ވެސް މަދެއް ނޫނެވެ. ޚާއްސަކޮށް ވަޒީފާގައި އުޅުމަށް ފަހު މެންދުރު ކެއުމަށް ގެއަށް ގޮސް ކޭތަކެތީގެ ވަސް އަތުން ނުފިލާނަމަ އެއީ ލިބޭނެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ރޯ ފިޔާ ކޮށުމުން ނުވަތަ އަތުން އެ ޗަސްކޮށްލުމުން އޭގައި ހުންނަ ސަލްފާ ކޮމްޕައުންޑެއްގެ ސަބަބުން ވަރަށް ގިނައިރު ވަންދެން އަތުން އޭގެ ވަސްނުފިލާ ހުރެއެވެ. އާންމު ގޮތެއްގައި އަތުގައި ފިޔާ ވަސް ހުންނާނެ ކަމަށް މާހިރުން ބުނެފައިވަނީ އެއް ގަޑިއިރުން ފެށިގެން ދެ ދުވަސް ވަންދެނެވެ. އެއީ، ރަނގަޅަށް އަތް ނުދޮވެ، ހުރެއްޖެނަމައެވެ.
އެހެންނަމަވެސް، މި ކަމާ ކަންބޮޑުވާނެ ކަމެއް ނެތެވެ. ސަބަބަކީ ގޭގައި ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެން ފަސޭހައިން މި ކަމަށް ހައްލެއް ހޯދިދާނެތީއެވެ. ފިޔާ ހިމެނޭގޮތަށް ކާއެއްޗެއް މޮޑޭނަމަ ޑިސްޕޯސަބްލް ގްލަވްސް ބޭނުންކުރެވިދާނެއެވެ. މިއީ މިހާރު ވެސް ވަރަށް ގިނަ ބަޔަކު ބޭނުންކުރާ އުކުޅެކެވެ.
އަތުން ފިޔަލުގެ ވަސް ކަނޑާލުމަށް ތަށި ދޮންނަ ބޭނުންކުރާ ސައިބޯނި ފުޅި ނުވަތަ ސައިބޯނި ބޭނުން ކުރާއިރު ލޮނު އަދި ބޭކިން ސޮޑާއާ އެކު ބޭނުންކުރެވިދާނެއެވެ. މި ތަކެތިން އަޅައިގެން އެންމެ މަދުވެގެން ވިހި ސިކުންތު ވަންދެން އަތް ދޮވެލުމަށް ފަހު ފިނިކުރި ފެނުން އަތް ދޮވެލާށެވެ. ދެން ކުރެވިދާނެ އަނެއް ކަމަކީ ދަތް އުނގުޅަން ބޭނުންކުރާ ބޭހާ އެކު އަނގަ ދޮންނަން ބޭނުންކުރާ މައުތު ވޮޝް ފުޅި ބޭނުންކޮށްގެން ތިރީސް ސިކުންތު ވަންދެން އަތް ދޮވެލުމެވެ.
ފިޔާ ވަހުން ސަލާމަތްވާން ބޭނުންވާނަމަ ދެން ބޭނުންކުރެވިދާނެ އަނެއް އުކުޅަކީ ކޮފީ ބީންސްއެވެ. ކޮފީ ބީންސް ނުވަތަ މުގުރާފައި ހުރި ކޮފީއިން ދެ އަތްތިލަ 30 ސިކުންތު ވަންދެން އުނގުޅާލުމަށް ފަހު ފިނިކުރި ފެނުން ރަނގަޅަށް އަތް ދޮވެލާށެވެ. ކައިގެން އަތް ދޮވެލުމަށް ފެނުގެ ތެރެއަށް ލުނބޯ ދިޔަ އެޅުމަކީ މިހާރު ވެސް ވަރަށް ގިނަ ރެސްޓޯރެންޓުތަކުގައި ވެސް ބޭނުންކޮށް އުޅޭ އުކުޅެކެވެ.
ނަމަވެސް، ފިޔާގެ ވަސް ދުއްވާލަން ބޭނުންވާނަމަ ލުނބޯ ދިޔަ އަތުގައި ހާކާލުމަށް ފަހު އިރުކޮޅެއް ވަންދެން ބަހައްޓާށެވެ. އެއަށް ފަހު ރީތިކޮށް އަތް ދޮވެލާށެވެ. ސްޓެއިންލެސް ސްޓީލް ސަމުސަލެއް، ސްޓީލް ބާއެއް ނުވަތަ އެހެންވެސް ސްޓެއިންލެސް ސްޓީލް އެއްޗެއް އަތުގައި ހާކާލުމުން ވެސް އަތުން ފިޔާ ވަސް ފިލުވަން ފަސޭހަވާނެއެވެ.