ކުދީނާ ފަތް: ތާޒާ ކަމާއި ހިތްހަމަޖެހުން ގެނެސްދޭ

ކުދީނާ ފަތް: ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މީރު ވަހެއް އެކުލެވޭ ފަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކުދީނާ ފަތް ނުވަތަ މިންޓް ލީފަކީ، ވަރަށް ގިނައިން އަޅުގަނޑުމެން ކެއްކުމަށާއި ގޭތެރޭގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ މީރު ވަހެއް ހުންނަ ފަތެކެވެ.

މި ފަތަކީ ނަމާ އެއްގޮތަށް ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ގެނެސްދިނުމުގެ އިތުރުން ވަރަށް ގިނަ ފައިދާތަކެއް އެކުލެވޭ ފަތެކެވެ. އޭގެތެރޭގައި ސިކުނޑި މަސައްކަތްކުރާ މިންވަރު އިތުރުކޮށްދީ އަނގައިން ނުބައިސް ދުވާނަމަ އެކަން ހައްލުކޮށްދެއެވެ. ސަތާރަ ވައްތަރުގެ ކުދީނާ ގަސް ހުންނައިރު އޭގެތެރޭގައި އެންމެ މަޝްހޫރު ބާވަތަކީ އާއްމުކޮށް ލިބެން ހުންނަ ގަދަ ފެހިކުލައިގެ މިންޓް، ޕެޕަ މިންޓް އަދި ސްޕިއަ މިންޓްއެވެ.

ތަފާތު އެކި ވައްތަރުގެ ސައި ތައްޔާރު ކުރުމަށް ކުދީނާ ފަތް ބޭނުންކޮށްއުޅޭ--ފޮޓޯ/ޕިންޓްރެސްޓް

ކުދީނާ ފަތް ތާޒާކޮށް ބޭނުންކުރާއިރު މި ފަތް ހިއްކައިގެން ވެސް ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރެއެވެ. އޭގެތެރޭގައި ތަފާތު އެކި ވައްތަރުގެ ސައި ތައްޔާރުކުރުމުގެ އިތުރުން އެކި ބާވަތް ބާވަތުގެ ޖޫސް، ސަޓަނި، ޑިޕިންގް ސޯސް އަދި ކެއުންތަކުގައި ވެސް ބޭނުންކުރެއެވެ. ކުދީނާ ފަތުގައި ހިމެނޭ މުހިއްމު ނިއުޓްރިއެންޓް މާއްދާތަކުގެ ތެރޭގައި، ފައިބާ، ވިޓަމިން އޭ، އަޔަން، މެންގަނީސް އަދި ފޮލޭޓް ހިމެނެއެވެ.

މި މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ މުހިއްމު ފައިދާތަކުގެތެރޭގައި، ލޮލުގެ ފެނުން ހާއްސަކޮށް ނައިޓް ވިޝަން ރަނގަޅުވުން، ސިކުނޑިއަށް އިހުސާސްވާ ހާސްވުމާއި ކަންބޮޑުވުމުން އެއްކިބާކޮށްދިނުން ހިމެނެއެވެ.

ކުދީނާ ފަތް ބޭނުންކޮށްގެން މިންޓް ޕޭސްޓު ތައްޔާރުކުރަނީ--ފޮޓޯ/ޓޭސްޓިންގްޓޭބްލް

ހަމައެއާއެކު ބަނޑުގައި ވައި ހެދި ބްލޯޓު ވާނަމަ އެކަމަށް އެހީތެރިވެދެއެވެ. ވިހައިގެން ގާތުންދޭ މައިންނަށް ވެސް ކުދީނާ ފަތުން ވަރަށް ބޮޑު ފައިދާއެއް ލިބެއެވެ. ދަރިފުޅަށް ގާތުންދޭ ބައެއް މަންމައިންނަށް ބައެއް ހާލަތުގައި ދިމާވާ ވޭންތަކުން ދުރުކޮށްދިނުމަށް ކުދީނާ ފަތަކީ ވަރަށް ބޮޑު އެހީއަކަށް ވަނީ ވެފައެވެ.

މީގެއިތުރުން ވެސް ކުދީނާ ފަތުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހަޖަމު ކުރުމުގެ ނިޒާމުގެ މައްސަލަތައް މަދުވުން، ނޭވާލުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާ ލިބުން، ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުންގެ ޕްރެޝަރު ދަށްކޮށްދިނުން އަދި ބައެއް ވައްތަރުގެ ކެންސަރުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު