މިދިޔަ މަހު 30ގައި މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
އެގޮތުން، ތަސްލީމް ހޯދަން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ބަލާފައިވާ ސަރަހައްދުގެ ތަފްސީލު އެމްއެންޑީއެފުން ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.
އެ ތަފްސީލުގައިވާ ގޮތުން، ތަސްލީމް ހޯދަން ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފްގެ ކޯސްޓުގާޑުން ވަނީ އޭނާ ގެއްލުނު ފިނޮޅު ވަށައިގެން 1,050,000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ.
އޭގެއިތުރުން، ގެއްލުނު މީހާ ހޯދަން ފުލުހުން ކުރަމުން އަންނަ މަސައްކަތާ ގުޅުވައި 'ސަން' އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތަސްލީމް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން، މިދޔަ މަހުގެ 31ވަނަ ދުވަހު އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް އެހާތަނަށް 5،000 އަހަފޫޓު ބެލިކަމަށެވެ.
ތަސްލީމްގެ އާއިލާއިން މިއަދު 'ސަން'އަށް ބުނީ، ކޮންމެ ދުވަހަކު ވެސް އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅުވައި ފުލުހުންނާ ސުވާލު ކުރާ ކަމަށެވެ.
އެގޮތުން، ތަސްލީމާއެކު ދަތުރުދިޔަ ހުރިހާ އެންމެނާ މިހާރު ސުވާލުކޮށްފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އާއިލާއިން ބުނެއެވެ.
ގެއްލުނު މީހާގެ ފޯނު އޮތީ ޕޮލިސް ސްޓޭޝަންގައި ކަމަށާއި ފޯނުގެ ލޮކް ކޯޑް ނޭނގޭތީ ހުޅުވޭނެ ގޮތެއް އަދި ނުވާކަމަށް ފުލުހުން ބުނެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދިނެވެ.
ދެން އަޅުގަނޑު ދެންނެވީ އެމީހުން ކައިރީ ކީއްވެ ގެންތޯ އެހެންވީ [ފޯނު ނުހުޅުވެންވީ]. ބުނީ ރާއްޖޭން ބޭރަށް ފޮނުވައިގެން ވަރަށް ބޮޑު ޚަރަދުކޮށްގެން ބޮޑު ޕްރޮސީޖާއެއްގެ ތެރެއިންނޭ އެކަން ކުރެވޭނީތަސްލީމްގެ އާއިލާ
އެހެންވެ، އަމިއްލައަށް ޚަރަދުކޮށްގެން ފޯނު ހުޅުވަން ދިނުމަށް އެދިފައިވާނެ ކަމަށާއި އަދި ފޯނު ނުލިބޭ ކަމަށް އާއިލާއިން ބުންޏެވެ.
ތަސްލީމްގެ ފޯނު ފެނުންތޯ "ސަން"އިން ސުވާލުކުރުމުން މި މައްސަލައަކީ ތަހުގީގުކުރަމުންދާ މައްސަލައަކަށް ވުމުން އެކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
މީގެކުރިން، ތަސްލީމުގެ އާއިލާއިން 'ސަން'އަށް ބުނެފައިވާ ގޮތުގައި، ފިނޮޅުގައި އޭނާ ނެތްކަން ފާހަގަވުމުން، ހޯދުމަށްފަހު ނުފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 30ވަނަ ދުވަހުގެ މެންދުރު 01:00 އެހާއިރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާތަނަށް ލިބިފައިވާ މައުލޫތަށް ބަލާއިރު، ތަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށް އެމްއެންޑީއެފުން މީގެކުރިން ބުނެފައިވެއެވެ.