ބިރެއް ފެނުމުން ބަލާހެން ޔަލްވީ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރަޔާންގެ ދެލޮލުގައިވީ ތަފާތު ވިދުމެކެވެ. މޫނުން ފެންނަމުން ދިޔައީ ނުރައްކާތެރި އަސަރެކެވެ. އެހާ ކައިރިން ރަޔާންގެ މޫނު ފެނުމުން، ޔަލްވީގެ މުޅި ގައިން ހީބިހި ނަގައިގެން ދާވަރު ވިއެވެ.

********

"ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ؟" ތަޅުދަނޑި ދައްކައިލަމުން، ރަޔާން ސުވާލުކުރީ ހިތްހަމަނުޖެހިފައެވެ. އޭނާ ބޮޑަށް ހިތްހަމަނުޖެހިފައި ހުރީ ޔަލްވީ ރަޒީނާ އާއިމެދު ކަންތައް ކުރިގޮތުންނެވެ.

ޔަލްވީ އެއްޗެއް ނުބުނެއެވެ. އޭނާ އުޅުނީ ރަޔާންގެ ކައިރިން މިނިވަންވެގެން ފާހާނާއަށް ވަންނާށެވެ. އޭގެ ކުރިން ރަޔާން ދޮރުކަނީގައި އަތް ޖައްސާލިއެވެ. އަނެއް އަތް ފާރުގައި ޖައްސާ، ދެއަތުގެ މެދުގައި ޔަލްވީ ހައްޔަރުކޮށްލިއެވެ.

"މާފަށް އެދުނީމަ ދެވޭނީ" ޔަލްވީ މާފަށް ނޭދޭނެކަން އެނގި ހުރެވެސް ރަޔާން ބުނެލިއެވެ.

"ކޮންކަމަކާ؟" މާފަށް އެދެންޖެހޭވަރުގެ ކަމެއް ކުރެވުނު ކަމަކަށް ޔަލްވީއަކަށް ގަބޫލެއް ނުކުރެވުނެވެ.

"އަހަރެން ވަރަށް ހިތްހަމަނުޖެހޭނެ މަންމަގެ ކުރިމަތީގަ ދެން އެކަހަލަ ކަމެއް ކޮށްފިއްޔާ. ވަރަށް ރީތިކޮށް މިބުނަނީ މީގެ ފަހުން އެކަހަލަ ކަމެއް ކޮށްފިއްޔާ، އެކަމުގެ އަދަބު ޔަލްވީއަށް ލިބޭނެ. މާފަށްވެސް އެދެންޖެހޭނެ" ރަޔާން އިންޒާރު ދިނެވެ.

ޔަލްވީގެ ހިތް އަނދައިގަތެވެ. ކުރިކަމެއް ކުރީ ރަޔާނެވެ. ވީކަމެއް ވީ ރަޔާން ކުރި ކަމަކުންނެވެ. އަދިވެސް ރަޔާން ކުށްވެރިކުރަނީ ޔަލްވީ ހެއްޔެވެ؟

ރަޔާންގެ ބަލިފަޔަކީ ރަޒީނާއެވެ. ރަޒީނާގެ ކުރިމަތީގައި ކަމެއް ހިނގައިފިނަމަ، އެއްޗެއް ބުނާކަށް ރަޔާނަކަށް ނުކެރޭނެއެވެ. ޔަލްވީގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކޮންމެ ގޮތެއް ވިޔަސް، ކުރި ލިބޭނީ ޔަލްވީއަށް ކަމުގައި އޭނާ ގަބޫލުކުރިއެވެ.

"ކީއްކުރެވޭނީ؟ އެއްކަމެއްވެސް ނުކުރެވޭނެ. މާފަކަށްވެސް ނޭދޭނަން. ކޮންމެހެން އަހަންނަށް ބިރުދައްކަން އުޅޭނެކަމެއް ނެތް" ޔަލްވީ ރައްދު ދިނެވެ. ރަޔާން އެހާ ގާތުގައި ހުރުމުން ޖެހިލުންވި ނަމަވެސް، އެކަން ދައްކާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.

"ތީ މިހާރު އަހަރެންގެ އަނބިމީހާ" ޔަލްވީގެ ކޯތާފަތުގައި އަތް ޖައްސާލަމުން ރަޔާން ބުނެލިއެވެ. "މިހާރު މިވަގުތުވެސް އަހަރެން ބޭނުން ކަމެއް ޔަލްވީއަށް ކުރެވިދާނެ. އެންމެ ރަގަޅުތަ؟"

ޔަލްވީ ބިރުން ރަޔާންގެ އަތް ފޮޅުވައިލިއެވެ. ކައިވެންޏަށްފަހު ޔަލްވީއަށް ފެންނަނީ އެހެން ރަޔާނެކެވެ. ކުރިން މަޑު ފުށްކޮޅެކޭ އެއްގޮތެވެ. ބަސްމަދެވެ. ކުއްލިއަކަށް ރަޔާނަށް ލިބިގެން އުޅެނީ ކޮން ހިތްވަރެއް ހެއްޔެވެ؟ އިންޒާރު ދޭންވެސް އެހާ ކުޅަދާނައެވެ. ނުހަނު ކައިރިން ދެމީހުންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެކުއެކީގައެވެ. ރަޔާންގެ ދެލޮލުން ދިނީ ނުރައްކާތެރި މެސެޖެކެވެ. ބުނާކަހަލައެވެ. ޔަލްވީއަށް ދެން ސަލާމަތެއް ނުވެވޭނެއެވެ.

"ބައްޕައަށް ގުޅާނަން. ޕޮލިހުންނަށްވެސް ގުޅާނަން" ކުޑަކުއްޖެއް ފަދައިން ޔަލްވީ އިންޒާރު ދިނެވެ.

ރަޔާންގެ ކައިރިއަށް ހިނި އައެވެ. އެކަމަކު މޫނުމަތިން އެކަމެއް ނުދައްކައެވެ. ކިތަންމެ ބޮޑުވެގެން އުޅުނަސް، ޔަލްވީގެ ހުންނަނީ ކުޑަކުއްޖެއްގެ އުޅުމެވެ. ވާހަކަ ދައްކާއިރު ވަކީން ބޮޑަށް އެކަން ފާހަގަވެއެވެ. ބައެއް ފަހަރު ރަޔާނަށް އެ ސިފަ ކަމުދެއެވެ. ރުޅި އަޔަސް ރުޅި ފިނިވެއެވެ.

"އަވަހަށް ގުޅާ!" ރަޔާންއަށް އިތުރު ހިތްވަރެއް ލިބުނު ފަދައިން ޔަލްވީއާއި ގާތަށް ޖެހިލިއެވެ.

ޔަލްވީ ގަދަ ހެދިއެވެ. ރަޔާންގެ އަތްދަށުން މިނިވަނެއް ނުވިއެވެ. ރަޔާންގެ ދެއަތުގެ ބާރު މާ ގަދައެވެ. އެއްޗެއް ނުބުނެވުނުނަމައޭ ޔަލްވީގެ ހިތަށް އެރިއެވެ.

"މާފަށް އެދެންޖެހޭނީ ރަޔާންގެ މަންމަ.." ޔަލްވީ ހިތްހަމަނުޖެހުމުން ބޭނުންވީ ރަޔާންވެސް ރުޅިއަރުވައިލާށެވެ. "މީ އޭނަގެ ސަބަބުން..." ޔަލްވީ ބުނަން އުޅުނު ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ.

"ޔަލްވީ! ސްޓޮޕް އެކްޓިންގް ލައިކް އަ ސްމޯލް ބޭބީ...." ޔަލްވީ ރަޒީނާ ކުށްވެރިކޮށްފައި ވާހަކަ ދެއްކުމުން، ރަޔާން އަނެއްކާވެސް ހިތްހަމަނުޖެހުނެވެ.

"ދޫކުރޭ! މިބުނީނު ދޫކުރާށޭ!" ޔަލްވީ ހަޅޭއްލަވަން ފެށިއެވެ.

ޔަލްވީ ރަޔާންގެ އަތްދަށުން ދެމިގަނެގެން ގޮސް ފާހާނާއަށް ވަނެވެ. ދޮރު ތަޅުލިއެވެ. ތަންޑު އެޅުވިއެވެ. ފާހާނާގައި ތަންޑެއް އިންކަން އެއީ ޔަލްވީގެ ނަސީބެވެ.

********

"ދަރިފުޅާ! އަދިވެސް ނުނިދަނީތަ؟" އަމީރާ ބޭރަށް ނުކުތް އިރު ސިޓިންގްރޫމުގައި ލިމްޔާ އިންތަން ފެނި ސުވާލުކޮށްލިއެވެ.

"އަދި ނިދި ނާންނާތީ މި އިނީ..." ލިމްޔާގެ އަޑު ވަނީ ކުރެހިފައެވެ. އޭނާ ވާހަކަ ދެއްކީ އަމީރާއަށް ނުބަލަން މަސައްކަތް ކުރަމުންނެވެ.

އަމީރާ ލިމްޔާގެ ކައިރީގައި އިށީނެވެ. ދަރިފުޅުގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. ލިމްޔާގެ ދުޅަވެފައިވާ ދެލޯ ފެނުމުން އަމީރާގެ ހިތް ފަޅައިގެންދާވަރު ވިއެވެ. ދަރިފުޅު ގެނެސް މޭގެ ތެރޭގައި ބޮނޑިކޮށްލީ މަޔެއްގެ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ދެމޭ ބުނާ ފަދައިންނެވެ.

"މަންމަގެ ދަރިފުޅާ!" ލިމްޔާގެ ބޮލުގައި ފިރުމައިލަމުން އަމީރާ އޭނާގެ ދަރިފުޅަށް ގޮވައިލިއެވެ. "މަންމައަށް އެނގޭ ދަރިފުޅު ހިތާމަ ކުރަނީ ކީއްވެކަން. އެކަމަކު، މަންމަ ދެރަވަނީ ތިކަމުގަ މަންމައަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީމަ"

"މަންމަ ދެރަނުވައްޗޭ!" ލިމްޔާ އެދުނެވެ.

"އެންމެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނުވާނެ ދަރިފުޅާ! އެއްބަޔަކު އުފަލުގަ އުޅޭއިރު، އަނެއް ބަޔަކު އުޅޭނީ ހިތާމައިގަ" ވިސްނައިދޭ ރާގަކަށް އަމީރާ ބުނެލިއެވެ. "މިއަދު ދަރިފުޅު ހިތާމައިގަ ވިޔަސް، މާދަމާ ވާން ހުރި ގޮތެއް ނޭނގެއެއްނު. މާ ރަނގަޅު ގޮތެއްވެސް މެދުވެރި ވެދާނެ. ދަރިފުޅު ބަލާބަލަ މަންމައަށް. މަންމަ ކުރިންވެސް ބުނީމެއްނު މަންމަވެސް ތިއުމުރުގަ މީހަކު ދެކެ ލޯބިވީމޭ"

"އެއީ ބައްޕަތަ؟" ޝައުގުވެރިކަން ފުރިގެންވީ ނަޒަރަކުން އަމީރާގެ މޫނަށް ބަލައިލަމުން ލިމްޔާ ސުވާލުކުރިއެވެ.

"އެއީ މަންމަގެ ފުރަތަމަ ލޯބި" އަމީރާ ތަފްސީލް ދިނެވެ. "މަންމައަށް އެލޯތްބެއް ނުލިބުނު. އެކަމަކު ބަލާބަލަ މިހާރު. އެލޯތްބާ ނުލާވެސް މަންމަ މިއުޅެނީ ކިހާ އުފަލުގަ. މަންމަ އެދުވަހު ހާދަ ހިތާމައެއް ކުރީމޭ. މަންމައަށް ފަހުން އެނގުނީ އެދުވަހު މަންމައަށް އެހެން އެވީ މަންމަގެ ނަސީބު ރަނގަޅުކަމުން ކަން. މަންމަ ދަރިފުޅުގެ ބައްޕައާ ކައިވެނި ކުރީ ލޯތްބަކުން ނޫން. އެކަމަކު، ދަރިފުޅުގެ ބައްޕަ ކަހަލަ ރަނގަޅު ފިރިއަކު ލިބުނީމަ ފަހުން ލޯބިވެވުނު. މަންމަ މިއަދު މާތް ﷲ އަށް ހަމްދުކުރަން. ކެތްތެރިވޭ ދަރިފުޅާ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެ"

"އަޅުގަނޑުވެސް ބޭނުމެއް ނޫނޭ ރަޔާންގެ މަތިން ހަނދާންކުރާކަށް" ލިމްޔާގެ ހިތުގެ ހާލު ދުލާއި ހަމައަށް އައެވެ. "ނޭނގެ ކީއްވެކަމެއް މިހާ ދެރަވަނީ. ނިދަން އޮތީމަ އަދި މާ އުނދަގޫވޭ. ނޭވާ ހާސްވަނީ"

"ތީ ދަރިފުޅު މާ ބޮޑަށް ވިސްނާތީ ވާގޮތެކޭ" ދަރިފުޅުގެ ހާލާއިމެދު އަމިރާއަށް ހަމްދަރުދީ ވެވުނެވެ.

"ރަޔާން އެހެން މީހެއްގެ ހައްގަކަށްވެއްޖެ. ރަޔާން މަތިން ހަނދާން ނައްތާލަން ބޭނުން" ލިމްޔާ އަށް ގިސްލެވެން ފެށުނެވެ. އަނގައިން ބުނެލަން ކިތަންމެ ފަސޭހަ ވިޔަސް ރަޔާންގެ މަތިން ހަނދާން ނައްތާލުމަކީ ލިމްޔާއަށް ފަސޭހަ ކަމެއް ނޫނެވެ.

"ދެން ހިނގާ ނިދަން" އަމީރާ ބޭނުންވީ ލިމްޔާގެ ފިކުރުތަކަށް ލުޔެއް ހޯދައިދޭށެވެ. "މަންމަ މިރޭ އޮންނާނީ ދަރިފުޅު ކޮޓަރީގަ"

"މިހުރިހާ ކަމެއް ވެސް މިވީ ޔަލްވީގެ ސަބަބުން. އަހަރެން ޔަލްވީދެކެ ނަފުރަތުކުރަން" ކޮޓަރިއަށް ވަންނަން ހިނގައިގަތް ލިމްޔާ ހިތާއިހިތުން ވާހަކަ ދެއްކިއެވެ.

ކޮޓަރިއަށް ވަތް ނަމަވެސް ލިމްޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ރަޔާން އެހެން އަންހެން ކުއްޖެއްގެ ގައިގައި އިނގިލިކުރި ޖައްސާލާތަން ހިތަށް އެރުވުން ވެސް އެއީ ލިމްޔާއަށް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ތަފާތު ހިޔާލުތަކުން ލިމްޔާގެ ހިތުގެ ހަމަޖެހުން ގެއްލެމުން ދިޔައެވެ.

"ޔަލްވީ ބަލަން ހުންނާތި! ޔަލްވީގެ ތި މަކަރުވެރިކަން ކޮންމެވެސް އެއް ދުވަހަކުން އެންމެންގެ ކުރިމަތީގަ ހާމަވާނެ. އެކަން ކުރާނީ އަހަރެން. އެދުވަހަކުން ޔަލްވީގެ އާދޭހުގެ އަޑު އަހާނެ އިތުރު މީހަކު ނުހުންނާނެ. ހިތާމަ އާއި ހިތްދަތި ކަމަކީ ކޮބައިކަން އެދުވަހަކުން ޔަލްވީއަށް ވަރަށް ރަނގަޅަށް އެނގޭނެ" ލިމްޔާ އަޒުމު ކަނޑައެޅީ، ޔަލްވީގެ ސިއްރު އެންމެންގެ ކުރިމަތީގައި ހާމަކުރާށެވެ.

********

ޔަލްވީ ފާހާނާގައި އެތައް އިރަކު ވިސްނަން ހުއްޓެވެ. ފެންވަރާކަށް ހޫނުފެނެއް ނެތެވެ. ފެންނުވަރާ ނިދުމަކީ ޔަލްވީއަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. ގޮތް ހުސްވެގެން ޔަލްވީ މާގަނޑުދަށުގައި ހުއްޓިލިއެވެ. މާގަނޑު ދޫކޮށްލުމާއިއެކު ޔަލްވީގެ ގައިގައި ބީހެން ފެށީ ފިނި ފެންތިކިތަކެވެ. ފިނިވެގެން ޔަލްވީގެ މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ.

"އައި ހޭޓް ދިސް" ދެ ތުންފަތް ތުރުތުރުލަމުން ދިޔައިރުވެސް ޔަލްވީ ކުދިކިޔެވެ.

ކޮޓަރި ދޮރުމަތީގައި ދެކޮޅަށް ހިނގަން ހުރި ރަޔާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ވަރުބަލިވެ، ބޮލަށް ބަރުވާން ފެށި ނަމަވެސް ކޮޓަރިއަށް ވަންނާކަށް ރަޔާން ބޭނުމެއް ނުވިއެވެ. ޔަލްވީގެ އަމަލުތައް ހުންނަގޮތުން ގޯހެއް ހެދިދާނެތީއެވެ. ރަޔާން ނިންމީ ޔަލްވީ ނިދުމުގެ ކުރިން ކޮޓަރިއަށް ނުވަންނާށެވެ.

ކޮފީތައްޓެއް ގިރައިގެން ރަޔާން ގޮސް ސޯފާގައި ޖައްސާލިއެވެ. އެކިއެކި ވިސްނުންތަކުން ރަޔާންގެ ސިކުނޑި ފުރޭކަށް ގިނައިރެއް ނުނެގިއެވެ. ރަޔާންގެ ހިތަށް އެންމެ އުނދަގޫކުރީ، ލިމްޔާގެ ހިތާމަވެރި ތަސްވީރެވެ. ކަރުނައިން ފުރިފައިވާ ދެލޮލެވެ. ރަޔާންއަށް ހިންދިރުވާލެވުނެވެ. ދެލޯ މަރާލުމުން، ލިމްޔާގެ މަޑު ގިސްލުމުގެ އަޑު އިވިލިހެން ރަޔާންއަށް ހީވިއެވެ.

"ލިމް..." ލިމްޔާގެ ހާލު އެނގެން ރަޔާން ބޭނުންވިއެވެ.

ރަޔާން އޭނާގެ ފޯނު ނަގައި ލިމްޔާގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ރިންގްވުމުގެ ކުރިން ފޯނު ކަނޑާލިއެވެ. ދަންވަރު ލިމްޔާއަށް ގުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. ކުޑައިރުކޮޅެއް ވަންދެން ރަޔާން އޭނާގެ ފޯނަށް ބަލަން އިނެވެ. އެއަށްފަހު، ފޯނު ޖީބަށް ލިއެވެ. ލިމްޔާ އެހާ ދެރަވެފައި ހުރިކަން އެނގިހުރެ، ހާލު ބަލާނުލައި ރަޔާންގެ ހިތެއް ހަމައެއް ނުޖެހުނެވެ. އަނެއްކާވެސް ފޯނު ނަގައި ކުރު މެސެޖެއް ލިޔެލުމަށްފަހު ލިމްޔާގެ ނަންބަރަށް ފޮނުވާލިއެވެ. ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން ރަޔާނަށް އެނގުނީ މެސެޖު ފޮނުވާލެވުނު ފަހުންނެވެ.

"އަހަންނަށް ކިހިނެއް މިވަނީ؟ ލިމްއަކީ ގާތް އެކުވެރިއަކަށްވީމަތަ؟ އަހަންނަށާ މަންމައަށް ކެއާ ކުރާ މީހަކަށްވީމަތަ؟" ރަޔާން އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލީ އަމިއްލަ ހިތާއި ސުވާލުކުރަމުންނެވެ. "އާނ. އަހަރެންގެ ސަބަބުން އަހަންނަށް އެހާ ރަނގަޅު މީހަކަށް ދެރައެއް ލިބުނީމަ ވާ ގޮތެއް މީ.."

ޔަލްވީ ފެންވަރައިގެން ނުކުތްއިރު ލައިގެން ހުރީ ކުޑަ ޓީޝާޓުކޮޅަކާއި ސޯޓުކޮޅެކެވެ. ހަށިގަނޑުން ބޮޑުބައެއް ހާމައަށް އޮތްނަމަވެސް ޔަލްވީގެ އެއްވެސް ފަރުވާލެއް ނެތެވެ. އެއީ އަމިއްލަ ގޭގައިވެސް ޔަލްވީ އުޅުނު ގޮތެވެ. ދެފައިގެ ކޮޅު ޖައްސައިގެން ހުރެ، ޔަލްވީ ހިނގަމުންދިޔައީ އޭނާގެ ފިޔަވަޅުތަކުގެ އަޑު ރަޔާންއަށް އިވިދާނެތީއެވެ. ޔަލްވީ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލާލިއެވެ. އޭނަ ހީކުރިގޮތާއި ހިލާފަށް ރަޔާން ފެންނަން ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޔަލްވީ ކޮޓަރިން ބޭރަށް ނުކުތެވެ. ސޯފާގައި އޮށޯވެލައިގެން އޮތް ރަޔާން ފެނުނީ އެވަގުތުއެވެ. ޔަލްވީގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"މިހާރު ހުންނާނީ އެއްޗެއް ވިސްނިފަ" ހިތްހަމަޖެހިފައި ހުރެ ޔަލްވީ ގޮސް ކޮޓަރިއަށް ވަނެވެ.

ރަޔާން ސޯފާއިން ތެދުވިއެވެ. ކޮފީތަށި ހުސްވި ނަމަވެސް ނިދިފިލައިގެން ނުދެއެވެ. ޔަލްވީ ނިދާހާއިރުކޮށްފައި، ރަޔާން ގޮސް ކޮޓަރިއަށް ވަނެވެ. ރަޔާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުގައި ލޯބިކޮށް ނިދާލާފައި އޮތް ޔަލްވީއެވެ. ކުރު ސޯޓަކާއި ކުޑަ ޓީޝާޓުކޮޅެއް ލައިގެން އޮތްއިރު ހަށިގަނޑުން ބޮޑުބައެއް އޮތީ ހާމައަށެވެ. ބާލީހުގައި ބައްދާލައިގެން އޮތީ ކުޑަކުއްޖަކު ނިދާލާފައި އޮންނާނެހާ އަރާމުކޮށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު