ލުނބޯއަކީ އަޅުގަނޑުމެން ކެއުމުގައި އަދި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި ވެސް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ.
އާއްމުކޮށް ލުނބޯ ބޭނުންކުރަނީ ކެއުމުގައި ކަމަށް ވިޔަސް ލުނބޯ ފަންޏަކީ ވެސް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ބާވަތެކެވެ. ހާއްސަކޮށް ހޫނު ގަދަ ދުވަސްވަރެއްގައި ލިބިފައިވާ ވަރުބަލިކަމާ އެކު ކަރު ހިއްކުން ފިލުވާލަން މިއަށްވުރެ ރަގަޅު ބުއިމެއް ނެތެވެ.
ލުނބޯގައި އެކުލެވޭ ފައިދާތަކުގެ މިންވަރު އިތުރުވުމާ އެކު މިއީ ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި ނުވަތަ ބުއިންތަކުގައި ހިމަނާލަން ރަގަޅު ފައިދާ ހުރި ބުއިމެކެވެ.
ލުނބޯ ފަންޏަކީ އެ ބުއިމުން ބަނޑުހައިހޫނުކަން އިހުސާސް ކުރެވޭ މިންވަރު ދަށްކޮށްދީ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރެވެދޭ ބުއިމެކެވެ. ހޫނު ގަދަ ދުވަސްވަރު މީހާ ހައިޑްރޭޓްވުމުން ދުރުކޮށްދިނުމަށް ލުނބޯ ފަންޏަކީ ވަރަށް މުހިއްމު ބުއިމެކެވެ.
ލުނބޯގައި ހުންނަ ޕޮޓޭސިއަމްގެ މިންވަރު އިތުރުވުމުން ހަށިގަޑު ހައިޑްރޭޓްކޮށް ދިނުމުގައި އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ހަށިގަނޑަށް ގިނަ އަދަދަކަށް ވިޓަމިން ސީ ލުނބޯއިން ލިއްބައިދެއެވެ. އާއްމުގޮތެއްގައި ހެނދުނު ހޭލުމަށްފަހު ލުނބޯ ފެން ތައްޓެއް ބޯލުމުން ހަޖަމުގެ ނިޒާމަށް އިތުރު ލުއިކަމެއް ލިބެއެވެ.
އާދަވެގެން ލުނބޯ ބޭނުންކުރާނަމަ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ކަމަށްވާ ކިޑްނީ އަދި ލިވާ ސާފުކުރުމަށް އެހީތެރިވެދޭނެއެވެ. މިއީ ޤުދުރަތީ ގޮތުން ހަށިގަނޑުގެ ގުނަވަންތައް ސާފުކޮށްދިނުމަށް ލިބޭނެ ނުހަނު ބޮޑު އެހީއަކަށްވާއިރު ލުނބޯ ފަނި ނުވަތަ ހަމައެކަނި 'ލެމަން ވޯޓަ' ނުބޯންވީ ސަބަބެއް ނެތެވެ.
ހަމުގެ ކުލަ އަލިކޮށްދީ ގައިގެ ހަންގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުމުގެ އިތުރުން މިއީ ހަށިގަނޑު އިތުރަށް ތާޒާކޮށްލަދިނުމަށް ހޫނު ދުވަސްވަރު ބޭނުންކުރެވިދާނެ އެންމެ މުހިއްމު އެއް މޭވާގެ ބާވަތެވެ.
މީރުގޮތަކަށް ލުނބޯ ފަނި ބޭނުންކުރެވިދާނެ ގޮތްތަކުގެތެރޭ ލުނބޯގެ ހުތްތައް ބޭނުންކޮށްގެން އާދައިގެ ބުއިމެއް ތައްޔާރުކޮށްލެވިދާނެއެވެ. ނުވަތަ ފިނިކުރި ސައިތައްޓަށް ލުނބޯ ފޮތިތައް ލުމަށްފަހު މީރު އައިސްޓީއެއް ތައްޔާރުކުރެވިދާނެއެވެ.
ކެލޮރީސް މަދު ބުއިމަކަށް މި ބުއިންތައް ހެދުމަށް ހަކުރުގެ ބަދަލުގައި މާމުއި ނުވަތަ ޤުދުރަތީ ގޮތުން ފޮނި ރަހަ ލިބޭނެ ބާވަތެއް ބޭނުންކުރެވިދާނެއެވެ.