އާ ޕީޖީ އައްޔަންކުރަން ބުދަ ދުވަހު ދައުރުން ބޭރު ޖަލްސާއެއް ބާއްްވަނީ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: ދައުރުން ބޭރު ޖަލްސާއެއް ބުދަ ދުވަހު ބާއްވަން ޕީއެންސީން ވަނީ ނިންމާފައި -- ފޮޓޯ/ މަޖިލީސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މި ހަފުތާގެ ބުދަ ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހު 22 ގައެވެ. އެކަމަކު، އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ ރޭ އޭނާ މަގާމުން ވަކިކޮށްފައެވެ.

އޭގެ ފަހުން، އެ މަހުގެ 27 ގައި ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފައެވެ. އެ މުއްދަތު ހަމަވާނީ ބުދަ ދުވަހުގެ މެންދުރު 12:00 އަށެވެ. ގާނޫނުގައި ވާގޮތުން، ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހޭނެއެވެ.

އެ މުއްދަތު ހަމަވާނީ މި މަހު 21 އަށެވެ. އެހެންވެ، ސަރުކާރު ހިންގާ މައި ޕާޓީ، އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީން ވަނީ މި ހަފުތާގެ ބުދަ ދުވަހު ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފައެވެ.

ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވަނީ ބުދަ ދުވަހުގެ ރޭ ޖަލްސާއެއް ބާއްވަން ނިންމިކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ.

https://sun.mv/196021

ކުރީގެ ޕީޖީ ޝަމީމް ވަކިކުރަން މިދިޔަ މަހުގެ 22ވަނަ ދުވަހުގެ ރޭ މަޖިލީހުގައި ޖަލްސާއެއް ބޭއްވިއެވެ.

މަޖިލީހުގައި ޖަލްސާ ފެށިތަނާހެން ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ނުލިބޭ ކަމަށް ބުނެ، ޝަމީމް ވަކިކުރީއެވެ. ޝަމީމް ވަކިކުރަން ނެގި ވޯޓުގައި 65 މެންބަރަކު ވަކިކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު އެ ކަމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ނުވަ މެންބަރުންނެވެ.

ޝަމީމް ވަކިކުރުމާ އެކު 30 ދުވަސް ތެރޭ އާ ޕީޖީއަކު އައްޔަންކުރަން ޖެހޭނެއެވެ. ނަމަވެސް، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރެއިން ފެށިގެން މަޖިލީސް ޗުއްޓީއަށް ދިއުމުން އާ ޕީޖީއަކު އައްޔަންކުރަން ދައުރުން ބޭރުން ޖަލްސާ ބާއްވަން ޖެހުނީއެވެ.

ޕީޖީ ކަމަށް ޝައުގުވެރިވެ، ކުރިމަތިލައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ތަރުތީބުކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުވާނެއެވެ. މަގާމަށް ބޭފުޅަކު އައްޔަންކުރާނީ މަޖިލީހުން ރުހުން ލިބުމުން ރައީސުލްޖުމްހޫރިއްޔާއެވެ.

comment ކޮމެންޓް