ދެބެއިންގެ ވަރުގަދަ ކުލުނާއި ލޯބި 'ޖިގްރާ'ގެ ފުރަތަމަ ޓީޒާއިން

އިންޑިއާގެ އެންމެ އަގު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓް ނުރައްކާތެރި އެކްޝަން ރޯލަކުން ފެންނަ ފިލްމު "ޖިގްރާ"ގެ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

މި އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ "ޖިގްރާ"އަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން އާއި ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން އަދި ވައޮކޮމް 18 ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

ވަސަން ބާލާ ޑައިރެކްޓްކޮށް އާލިއާ ބަޓް ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

އާލިއާ ބަޓް އަދި ވެދާންގް ރައިނާ ފިލްމު 'ޖިގްރާ'ގެ ޝޫޓިންގް ނިންމާލުމަށްފަހު ބޭއްވި ފޮޓޯ ޝޫޓްގެ ތެރެއިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އާލިއާ ބަޓްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން ދެން ފެންނާނީ މިދިޔަ އަހަރު "ދި އާޗީސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި ވެދާންގް ރައިނާއެވެ. ވެދާންގް ފިލްމުގައި ފެންނާނީ އާލިއާގެ ކޮއްކޮގެ ރޯލްއިންނެވެ.

ފިލްމުގައި އާލިއާ ފެންނާނީ ބޭރު ޤައުމެއްގެ ޖަލު ބަންދުގައި ހުރި ކޮއްކޮ ސަލާމަތް ކުރުމަށް ނުރައްކާތެރި އެތަކެއް ހާދިސާތަކަކާ ކުރިމަތިލާން ތައްޔާރަށް ހުރި ހިތްވަރުގަދަ ދައްތައެއްގެ ރޯލްއިންނެވެ.

ފިލްމު "ޖިގްރާ"ގެ ޓީޒާ ރިލީޒްކުރުމާ އެކު އާލިއާގެ ރޯލަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މިއީ މީގެކުރިން އާލިއާ ފެނިފައިނުވާ ކަހަލަ ރޯލެއް ނަމަވެސް ބަތަލާގެ ރޯލަށް ވަރަށް ރަނގަޅަށް އިންސާފުކުރާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް އާލިއާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ފިލްމުގެ ޓީޒާ ބެލުމަށްފަހު ސީރިއަލް ތުރިލާ ފިލްމު އުފައްދަން މަޝްހޫރު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ބުނެފައި ވަނީ ޓީޒާ އެކަނި ބަލާލުމުން ވެސް އާލިއާގެ ކުޅަދާނަކަން ވަޒަންކޮށްލެވޭހާ ވެސް މޮޅުކަމަށެވެ.

ފިލްމު "ޖިގްރާ"ގެ ޓީޒާއަށް ލިބެމުން އަންނަ ރިވިއުތަކަށް ބަލާފައި މި ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅުވާނެ ކަމަށް ފިލްމު ކްރިޓިކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް